އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތުގެ ފައިނަލްގައި ރެފްރީގެ ގޯސް ނިންމުމެއްގެ ސަބަބުން ކޮމްބައިން ފުޓްބޯޅަ ކުލަބަށް ޗެމްޕިއަންކަން ލިބިއްޖެވެ. މިމަހުގެ 22 ވަނަ ދުވަހުގެ މީދޫ ޓާފް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި ކޮމްބައިން ފުޓްބޯޅަ ކުލަބާއި ހުޅުމީދޫ ޕޮލިސް ޓީމާ ދެމެދު ކުޅެވުނު މެޗް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅެވުނު ފޯރިގަދަ މި މެޗްގައި ކޮމްބައިން ޓީމަށް ދެވަނަ ހާފްގައި 6 ފައުލް ކުރެވިފައިވަނިކޮށް، 7 ވަނައަށް ކުރެވުނު ފައުލަށް ހުޅުމީދޫ ޕޮލިސްއަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ކަށިގަނޑު ފުމެ، އަތުން ޕެނަލްޓީއެއް ކަމަށް އިޝާރާތްކުރުމަށްފަހު، ޕެނަލްޓީ ނުޖަހާ މެޗް ނިންމާލިއެވެ. އެވަގުތު ހުޅުމީދޫ ޕޮލިސްޓީމުގެ ކުޅުންތެރީން ކޮންމެވެސް ވަރަކަށް މައްސަލަ ޖެއްސިއެވެ.
ރެފްރީ މެޗް ނިންމާލިއިރު 3 ލަނޑު 3 ލަނޑުން މެޗް އެއްވަރުވެފައިވާތީ ޗެމްޕިއަންޓީމު ކަނޑައެޅުމަށް ޕެނަލްޓީޖެހުން ބޭއްވުނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖެހީ ކޮމްބައިން ޓީމުންނެވެ. ކޮންމެ ޓީމަކަށްވެސް 4 ޕެނަލްޓީ ޖެހުނުއިރު ކޮމްބައިން ޓީމުން މިސްވެފައިވަނީ 1 ޕެނަލްޓީއެވެ. އެހެންނަމަވެސް ހުޅުމީދޫ ޕޮލިސް ޓީމުން ޖެހި 4 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ މިސްވިއެވެ.
ހުޅުމީދޫ ޕޮލިސް ޓީމުގެ 4 ވަނަ ޕެނަލްޓީ މިސްވުމުން ރެފްރީ މެޗް ނިންމާލިއެވެ. އެހެންނަމަވެސް، ރެފްރީ ކޮމްބައިން ޓީމުގެ ފަސްވަނަ ޕެނަލްޓީ ޖަހުވައިގެން އެ ޕެނަލްޓީ މިސްވެ، ހުޅުމީދޫ ޕޮލިސް ޓީމުގެ 5 ވަނަ ޕެނަލްޓީ ޖަހުވައިގެން އެ ޕެނަލްޓީ ކާމިޔާބު ކުރެވުނުނަމަ، ޕެނަލްޓީގައި ދެޓީމުވެސް އެއްވަރުވާނެއެވެ. މިހާލަތުގައި ރެފްރީ 5 ވަނަ ޕެނަލްޓީ ނުޖަހުވައި މެޗް ނިންމާލުމަށްފަހު ކޮމްބައިން ޓީމަށް ޗެމްޕިއަންކަން ދިނުމުން ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދުނެވެ.
"ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ 5 ޕެނަލްޓީ ޖެހުމަށްފަހު ދެޓީމު އެއްވަރުވާނަމަ، ސަޑަން ޑެތް ޕެނަލްޓީ ޖަހަންޖެހޭނެ. އެހެންނަމަވެސް މިމެޗްގައި ރެފްރީ ފަސްވަނަ ޕެނަލްޓީ ޖެހުމުގެ ފުރުޞަތު ނުދީ މެޗް ނިންމާލުމަކީ ވަރަށް ގޯސް ނިންމުމެއް، އަޅުގަނޑުމެން ހިތްހަމަނުޖެހޭ ނިންމުމެއް ރެފްރީ ނިންމާފައިވަނީ. މިކަން ތަކުރާރުވިޔަ ނުދިނުމަށް އަޅުގަނޑުމެން އައްޑޫސިޓީ ޕޮލިސް ސްޕޯޓްސް ކޮމިޓީއަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާނަން،" ހުޅުމީދޫ ޕޮލިސް ޓީމުގެ ކުޅުންތެރިއަކު މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ޕެނަލްޓީ ޖަހާ ނިމުމުން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ކޮމްބައިން ޓީމަށް ޗެމްޕިއަންކަމުގެ ތަށި ހަވާލުކުރެވުނެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ:

ހުޅުމީދޫ ޕޮލިސް ޓީމުގެ ހަސަން ފައިޞަލް
ހުޅުމީދޫ ޕޮލިސް ޓީމުގެ ޢަލީ މުޙައްމަދު
ކޮމްބައިން ޓީމުގެ ޒައިދުﷲ އަޙްމަދު
ކޮމްބައިން ޓީމުގެ އިބްރާހިމް އަޙްމަދު
ކޮމްބައިން ޓީމުގެ ޢަލީ ޝުޖާޢު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ކޮމްބައިން ޓީމުގެ ޒައިދުﷲ އަޙްމަދު ހޮވުނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކޮމްބައިން ޓީމުގެ ސުނާނު ހޮވުނެވެ.

އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތަކީ ކޮންމެ އަހަރަކުވެސް އައްޑޫސިޓީގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި އައްޑޫސިޓީގެ 5 ޓީމު ވާދަކުރިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-2 ގެ ނަތީޖާއިން ކޮމްބައިން ޓީމް އޮތީ ލީޑް ނަގާފައި، އިތުރަށް 4 މިނިޓް ކުޅުވި ފަހުން ކޮމްބައިން ޓީމް އިން 6 ވަނަ ފަައުލް ކޮއްގެން ޕެނަލްޓީ ޖަހައިގެން ނަތީޖާ ހަމަހަމަ ކުރީ، 6 މިނަޓް ވި ފަހުން މެޗް ނިންމާލީ. ފުޓްސަލް ގެ ގަޑިނުހުއްޓާ ކުޅޭ މެޗެއް އެއްވެސް ގަވާއިދެއްގަ 6 މިނެޓް އިތުރަކަށް ނުކުޅުވާނެ ކަން އެެއީ ބަޔަކަށް ނޯޅޭނެ ހަގީގަތެއް. ފައިނަލް މެޗްގެ ރިކޯޑިން ވަގުތުން ލައިވްގެ އެފްބީ ޕޭޖްގަ ފެންނަން ހުންނާނެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް