އިންޑިއަން އައިޑޮލް ސީޒަން 16 ގެ ކާމިޔާބީ ޖިޔޯތިރްމަޔީ ނަޔަކް ހޯދައިފި އެވެ.
މުބާރާތުގެ ތަށި އުފުލާލުމަށްފަހު ޖިޔޯތިރްމަޔީ ބުނީ އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އާލިއާ ބަޓް ނުވަތަ ދީޕިކާ ޕަދުކޯން ކުޅޭ ފިލްމުތަކަށް ލަވަ ކިޔައިދިނުން ކަމަށެވެ.
އިންޑިއަން އައިޑޮލް ސީޒަން 16 ގެ ފައިނަލްގައި ޖިޔޯތިރްމަޔީ ވަނީ ވާދަވެރި އެހެން ފައިނަލިސްޓުން ކަމަށްވާ ތަނީޝްކް ޝުކްލާ، އަންޝިކާ ޗޮންކަރް، މަންރާޖް ވީރް ސިންގް، މައިސްމީ ބޯސޫ އަދި ސުހައިލް ސޫފީގެ މައްޗަށް ކުރިހޯދާފައެވެ.

ޖުލައި މަހުގެ 26 ވަނަ ދުވަހު ބޭއްވި މި ގްރޭންޑް ފިނާލޭގައި ތަށީގެ އިތުރުން އޭނާއަށް ވަނީ 20 ލައްކަ އިންޑިއަން ރޫޕީސްގެ ފައިސާގެ އިނާމެއްވެސް ލިބިފައެވެ. މި ކާމިޔާބީއާއެކު ޖިޔޯތިރްމަޔީ ވެފައިވަނީ އިންޑިއަން އައިޑޮލްގެ ތާރީޚުގައި މި ލަގަބު ހޯދި އޮޑިޝާގެ ފުރަތަމަ ބައިވެރިޔާއަށެވެ. މިއީ އެ ސްޓޭޓަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ.
އުމުރުން 25 އަހަރުގެ ޖިޔޯތިރްމަޔީ އަކީ އިންޑިއަން އައިޑޮލްގެ ކުރިންވެސް އޮޑިޝާގެ މިއުޒިކް އިންޑަސްޓްރީގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ލަވަކިޔުމުގެ އިތުރުން އޭނާއަކީ މިއުޒިކް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކޮށް، މިއުޒިކްގެ ޒަރީއާއިން މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެކެވެ.
ކުޑައިރުއްސުރެ މިއުޒިކާ ގާތް ގުޅުމެއް އޮންނަ ޖިޔޯތިރްމަޔީ، ހިންދުސްތާނީ ކްލެސިކަލް މިއުޒިކް ދަސްކުރަން ފެށީ ގްރޭޑް 3 ގައި އުޅުނުއިރު ޕްރަސާދު ރާއޯގެ ގާތުންނެވެ. އޭގެ ފަހުން ބޫބަނޭޝްވަރަށް ބަދަލުވެ، ބާލަކްރިޝްނާ ބައިރާގެ ދަށުން އޭނާ ދަނީ ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.
މީގެ އިތުރުން، ޝާރަދާ ޕްރަސަންނާ ސާހޫގެ އިރުޝާދުގެ ދަށުން އޭނާ ވަނީ ބޮލީވުޑް ލަވަތަކަށް ޚާއްސަ ތަމްރީނުތަކެއްވެސް ހޯދާފައެވެ. 2023 ވަނަ އަހަރު އޭނާގެ އެ އުސްތާޒު ވަކިވެދިޔަ ނަމަވެސް، އޭނާ ދަސްކޮށްދިން ފިލާވަޅުތަކަކީ ކާމިޔާބީގެ އަސްލު ކަމަށް ޖިޔޯތިރްމަޔީ ގަބޫލުކުރެއެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޖިޔޯތިރްމަޔީ ވަނީ ކޭ.އައި.އައި.ޓީ ޔުނިވަރސިޓީން ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ބީ.ޓެކް ފުރިހަމަކޮށްފައެވެ. އަދި ޗެންނާއީ ސްކޫލް އޮފް މިއުޒިކް ތެރަޕީއިން މިއުޒިކް ތެރަޕީގެ ސެޓިފިކޭޝަންވެސް ހާސިލުކޮށްފައިވެއެވެ.
މުބާރާތުގެ ކާމިޔާބީއަށްފަހު ޖިޔޯތިރްމަޔީ ބުނީ އިންޑިއަން އައިޑޮލް ކާމިޔާބުވުމަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި ކުރިމަގުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ އާލިއާ ބަޓް އަދި ދީޕިކާ ޕަދުކޯންގެ ފިލްމުތަކަށް ޕްލޭބެކް ސިންގަރއެއްގެ ގޮތުގައި ލަވަކިޔުމަކީ އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

