އައްޑޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އައްޑޫގެ ތިން ރަށެއްގައި ވޯޓުލުން މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް މިހާރުވަނީ ހަމަޖެހިފައެވެ.
ވޯޓުލުން ކުރިއަށްދާނެ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫއެވެ. މި ރަށްތަކުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ވަކި ރަށު ކައުންސިލްތައް އުފެއްދުމަށް އެދި އަޑުއުފުލަމުން އައިސްފައިވާއިރު، މިއީ އައްޑޫ ސިޓީ ކައުންސިލްގެ އަވަށަކުން ވަކިވެ، އަމިއްލަ ރަށު ކައުންސިލްތަކެއް އުފެއްދުމަށް ނަގާ ވޯޓެކެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ސިޓީއެއްގެ އަވަށެއްގެ ގޮތުގައި އޮންނާކަށް. އަޅުގަނޑުމެންގެ ރަށުގެ ޚިދުމަތްތައް ރަށުން ލިބޭނެ ގޮތަކަށް އޮތުން މުހިންމު,"
މީދޫގެ ރައްޔިތެއް ކަމަށްވާ އަޙްމަދު ރަޝީދު މި ނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ
ހުޅުދޫގެ އަވަށު އޮފީހުގެ ބޭފުޅަކު ވިދާޅުވީ
"ހުޅުދޫ ރައްޔިތުންވެސް ބޭނުންވަނީ ރަށު ކައުންސިލެއްކަމަށާ ރަށު ކައުންސިލް އުފެދިގެން ދިއުމުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ލިބިގެންދާނެ ފަސޭހަތަކެއް ހުންނާނެކަމަށް "
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ޚާއްޞަކޮށް ޖަޒީރާ ވަންތަ ތަންތަނަށް ޝައުޤުވެރިވާ ކަމަށް ވާހަކަދެކެވެއެވެ. އައްޑޫގެ ރަށްތަކުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، "ސިޓީ" މި ނަން ބޭނުންކުރުމުން ފަތުރުވެރިންގެ ހިތްތަކުގައި އުފެދެނީ ކާރޫބާރޫ ބޮޑު މާހައުލެއްގެ ތަޞައްވުރެކެވެ.
"ފަތުރުވެރިން ރާއްޖެއަށް އަންނަނީ އެމީހުންގެ ޤައުމުތަކުގައި ހުންނަ ބޮޑެތި ސިޓީތަކުން ދުރަށް ދިއުމަށް. އަޅުގަނޑުމެންގެ ރަށްތައް ސިޓީއެއްގެ ބައެއްގެ ގޮތުގައި އެމީހުންނަށް އިޝްތިހާރު ކުރުމުން އެ ޖަޒީރާ ވަންތަކަން ގެއްލިގެންދާނެ,"
ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މުޖުތަބާ ވިދާޅުވިއެވެ.
އައްޑޫގެ އެންމެ ބޮޑު އާބާދީ އޮތް ރަށަކީ ހިތަދޫއެވެ. އައްޑޫ ސިޓީގެ ގިނަ މުހިންމު ވަސީލަތްތައް ޤާއިމުކުރެވިފައިވަނީވެސް ހިތަދޫގައެވެ. މީގެ ތެރޭގައި ހޮސްޕިޓަލް، ސްޓޭޑިއަމް، މައި ބަނދަރު، އަދި ސިޓީ ކައުންސިލްގެ އޮފީސް އަދި ކެމްޕަސްތަކާއި ކޮލެޖްތައް ހިމެނެއެވެ. އަދި އައްޑޫ ސިޓީގެ މޭޔަރުވެސް ހުންނަވަނީ ހިތަދޫގައެވެ.
މިހުރިހާ ޚިދުމަތެއް ހިތަދުން ލިބެން ހުންނާތީ ހިތަދޫއާ ވަކިން ދުރުގައިވާ ރަށްތަކުގެ ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމުގެ ޚިދުމަތްތައް ހޯދުމުގައި ދަތިތަކެއް ހުރިކަމަށް އެ ރަށްތަކުގެ ރައްޔިތުން ފާހަގަކުރެއެވެ. އެ ރަށްތަކުގެ ރައްޔިތުން ބޭނުންވަނީ އައްޑޫގައި ސިޓީއެއްގެ ސިފަ ދެމެހެއްޓުމާއެކު، އަތޮޅެއްގެ ސިފަވެސް އޮތުމެވެ.
"ހިތަދޫއަށް ދަތުރުކޮށްގެން ކުދިކުދި ކަންކަމަށް ޚިދުމަތް ހޯދުމަކީ ވަރަށް ބޮޑު ތަކުލީފެއް. ވަކި ރަށު ކައުންސިލްތަކެއް އޮތިއްޔާ، މިކަން ފަސޭހަވެގެންދާނެ,"
ހުޅުދޫގެ ރައްޔިތެއް ކަމަށްވާ ޢަލީ މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.
މި ތިން ރަށުގެ ރައްޔިތުން އެދެނީ އޮކްޓޯބަރ 25 ވަނަ ދުވަހު ނަގާ ވޯޓަކީ ކާމިޔާބު ވޯޓަކަށް ހެދުމަށްޓަކައި ހިތަދޫގެ ރައްޔިތުންގެ އެއްބާރުލުން މިކަމުގައި ލިބުމެވެ. އަދި އައްޑޫ ސިޓީގެ އެއްވެސް ނުފޫޒެއް މި ވޯޓުލުމުގައި ނުފޯރުވުމެވެ.
"މިއީ އަޅުގަނޑުމެންގެ ރަށްރަށުގެ މުސްތަޤުބަލާ ގުޅުންހުރި ވަރަށް މުހިންމު ވޯޓެއް. މިނިވަން އަދި އިންސާފުވެރި ވޯޓުލުމަކަށް ވާންޖެހޭނެ,"
މީދޫ ރައްޔިތުންގެ ފަރާތުން ވާހަކަދެއްކެވި ހަސަންދީދީ ވިދާޅުވިއެވެ.
ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ. ރަށު ކައުންސިލްތައް އުފެދިއްޖެނަމަ، އެ ރަށްތަކަށް އަމިއްލަ ބަޖެޓްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމުގެ ބާރު ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

