އައްޑޫ މީދޫ ކައުންސިލްގެ ކުރީގެ ކައުންސިލަރަކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓި، ބޮޑެތި ބަހުސްތަކެއް އުފެދިއްޖެއެވެ.
އެބޭފުޅާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ މި ލިޔުމުގައި، މާޒީގައި ހިނގައިދިޔަ ސިޔާސީ އަދި އިދާރީ ކަންތައްތަކަކަށް އިޝާރާތްކުރައްވައި ވަނީ ވަރަށް ހޫނު އަދި ސީރިއަސް މެސެޖެއް ދެއްވާފައެވެ.
މި ޕޯސްޓުގައި ވަކި ބޭފުޅެއްގެ ނަން ސީދާ ގޮތެއްގައި ހާމަނުކުރެއްވި ނަމަވެސް، އެ ލިޔުން އަމާޒުކުރައްވާފައިވަނީ ކައުންސިލް އިދާރާގައި ކުރިން އެކުގައި އެންމެ ގާތުން މަސައްކަތްކުރެއްވި އިސް ބޭފުޅަކަށް ކަމަށް ބެލެވެއެވެ.
ކުރީގެ ކައުންސިލަރުގެ ފޭސްބުކް ޕޯސްޓުގައި ލިޔުއްވާފައިވަނީ، މަގާމުގައި ހުންނެވި ދުވަސްވަރު އެ ފަރާތަށް ފުރިހަމަ އިތުބާރާއެކު ޒިންމާތަކާއި ބާރުތައް ހަވާލުކުރެއްވި ކަމަށެވެ.
"ނަމަވެސް، އެ އިތުބާރަށް އިހުތިރާމް ކުރުމުގެ ބަދަލުގައި ކަލޭ އިޚްތިޔާރުކުރީ އަހަރެންގެ ނެތްތަނުގައި އަހަންނާ ދެކޮޅަށް ރޭވުންތައް ރާވައި، އަހަރެންގެ އަގުވައްޓާލުމަށެވެ. ބާރާއި ނުފޫޒަކީ އަބަދުމެ ކަލެއަށް އޮންނާނެ އެއްޗެއް ކަމަށް ހީކުރެވުނަސް، ހާލަތްތައް ބަދަލުވެގެންދާލެއް އަވަސްކަން މިއަދު ތިޔަ ފެނިގެން ހިނގައްޖެއެވެ،"
ކުރީގެ ކައުންސިލަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި ޕޯސްޓާ ގުޅިގެން އެކި ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް ޚިޔާލު ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ފާއިތުވި ދައުރުގައި ކައުންސިލްގެ އެތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާއި، ބާރުގެ ވާދަވެރިކަމުގެ ތެރެއިން އުފެދުނު ހިތްހަމަނުޖެހުންތަކެއްގެ ނަތީޖާއެވެ. އަދި މިފަދަ ބަސްދީގަތުންތަކުގެ ސަބަބުން ކައުންސިލްގެ ކުރީގެ ހިންގުމާ މެދު ސުވާލުތައް އުފެދޭ ކަމަށްވެސް މީދޫގެ ބައެއް މީހުން ފާހަގަކުރެއެވެ.
ނަމަވެސް މި ތުހުމަތުތަކާ ގުޅިގެން، އެ ޕޯސްޓް އަމާޒުވާ ކަމަށް ބެލެވޭ ފަރާތުން މިހާތަނަށް އެއްވެސް ރަސްމީ ރައްދެއް ދީފައެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

