ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު ތާރީޚީ ދުވަހުގެ މުނާސަބަތުގައި ޝާޢިރުންގެ ވާދީން ސެޕްޓެންބަރ 13 ވަނަ ދުވަހުގެރޭ ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
މި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފއި ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢައްބާސް އިބްރާހީމެވެ. މީގެ އިތުރުން މިޖަލްސާގައި ޚާއްޞަ މެހުމާނެއްގެ ގޮތުން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގެ މުޝްރިފް މުޝީރު ފަޟީލަތުއްޝައިޚް އަޙުމަދު ފަހުމީ ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ ޝާޢިރުންގެ ވާދީން ދިވެހިރާއްޖޭގެ ތާރީޚާ ގުޅުން ހުރި މުނާސަބު ދުވަސްތައް ފާހަގަކޮށް ދިވެހިންގެ އާދަކާދައާއި ސަޤާފަތު ދިރުވައި އާލާކުރުމަށް މިފަދަ ދުވަސް ދުވަހުގެ މުހިންމުކަން ފާހަގަކޮށް ދުވަހާ ގުޅުން ހުރި މުހިންމު މަޢުލޫމާތު ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.

2021 ވަނަ އަހަރު ޝާޢިރުންގެ ވާދީ އުފެދުނީއްސުރެ ޝާޢިރުންގެ ވާދީން އަންނަނީ ވަރަށް ޚާއްސަ ކަމެއް ދީގެން ދިވެހިރާއްޖެ އިސްލާމްވި ދުވަސް ވެސް ފާހަގަކުރަމުންނެވެ.
ޝާޢިރުންގެ ވާދީއަކީ ދިވެހި އަދަބިއްޔާތުގެ ތެރެއިން ޚާއްސަކޮށް ޅެންވެރިކަމާއި، ދިވެހި ބަހާއި، ތާރީޚާއި، ސަޤާފަތާއި، އާދަކާދަ ދިރުވައި އާލާކޮށް އެ ރޮނގުން ބިނާކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއަކީ އައްޑުއަށް ނިސްބަތްވާ ދަރިންކޮޅެއް އުފެއްދި ޖަމްޢިއްޔާއެއް ނަމަވެސް މި ޖަމްޢިއްޔާއަކީ ރާއްޖޭގެ އެކި ހިސާބުތަކުން މެންބަރުން ތިއްބަވާ ޖަމްޢިއްޔާއެކެވެ.

އައްޑޫ ހިތަދޫ، ކެމީ، އުސްތާޛު ޙަސަން ލަބީބު ޖަމްޢިއްޔާގެ ރައީސަކަށް ހުންނަވައި މަސައްކަތް ކުރާ މި ޖަމްޢިއްޔާގެ ޙަރަކާތްތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ލަބީބު އާއިއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެއް މެންބަރަކީ ޖަމްޢިއްޔާގެ ނާއިބު ރައީސާ އައްޑޫ މީދޫ، ލާޖުވަރުދީ، މަރިޔަމް ޝަޒްލީނެވެ. އިޖުތިމާޢީ އެކި ދާއިރާ ތަކުގައި ޝައުގުވެރި ކަމާއެކު ޙަރަކާތްތެރިވަމުން ގެންދަވާ ޝަޒްލީން ޝާއިރުންގެ ވާދީގެ ހިޔަލުގައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކުރެވޭ ފަދަ އަގުހުރި މަސައްކަތެކެވެ.
އޭނާ މި މަސައްކަތުގައި އަބަދުވެސް ޝާޢިރުންގެ ވާދީގެ ނަން ދިރުވުމަށް ޝާޢިރުންގެ ވާދީގެ ރައީސާއި މުޝީރުން އަދި އެވާދީގެ މުއައްސިސުންނަށް އިޙުތިރާމްކޮށް ކުރަމުންދާ މަސައްކަތަކީ ވޮއިސް އޮފް މީދޫއިން އޭނާގެ މަސައްކަތުގައި ވަރަށް ފާހަގަވީ ކަމެކެވެ.
ވޮއިސް އޮފް މީދޫއިން ޝާޢިރުންގެ ވާދީއަށް ފެހި ފަހި ކާމިޔާބު ދުވަސްތަކަކަށް އެދެމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

