ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްތަކުންގެ މެދުގައި އިޚްލާޞްތެރިކަން ކުޑަވެ، މަކަރާއި ޙީލަތް އިސްކުރާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. މިފަދަ މީހުންގެ ފަރާތުން ފެންނަ އެންމެ ނުރައްކާތެރި އެއް ސިފައަކީ، ބޭރުފުށުން ހެޔޮއެދޭ އަޚެއްގެ ސިފަ ދައްކައިގެން ތިބެ، އެތެރެފުށުން އަދާވާތްތެރިކަން ފޮރުވައިގެން އުޅުމެވެ. މިއީ ފަހުޒަމާނުގައި ފާޅުވާނެ ކަމަށް ބަޔާންވެގެންވާ ވަރަށް ވެސް ނުރައްކާތެރި ބައެކެވެ.
މިފަދަ މީހުންގެ މައިގަނޑު ސިފަތަކަށް ބަލާއިރު، އެމީހުންނާ ބައްދަލުވާ ހިނދު ދައްކާ ވާހަކަތަކަކީ އޮޅުވާލުމާއި ދަޅައިން ފުރިގެންވާ ވާހަކަތަކެކެވެ.
ކުރިމަތީގައި ވާހަކަދައްކާއިރު، ތިމާ ކުރާ ކޮންމެ ކަމަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެ، ބޮޑެތި ވަޢުދުތައް ވެއެވެ. އަދި ވަރަށް ރީތިކޮށް، މަޑުމައިތިރިކަމާއެކު ވާހަކަދައްކައި، ކުރިމަތީގައިވާ މީހާގެ އިތުބާރު ހޯދުމަށްޓަކައި ޙަޤީޤަތް އޮޅުވާލައެވެ. މި މީހުންގެ ދުލުން ބޭރުވަނީ ފޮނި، ހިތްގައިމު ބަސްތަކެއް ކަމުގައި ވިޔަސް، އެއީ ހަމައެކަނި އަނެކާ މަޅީގައި ޖެއްސުމަށްޓަކައި ބޭނުންކުރާ ހަތިޔާރެކެވެ.
މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކުންނާއި އިސްލާމީ ތަޢުލީމުން އެނގޭ ގޮތުގައި، ފަހުޒަމާނުގައި މީސްތަކުންގެ ގުޅުންތައް ބިނާވެގެންދާނީ އަމިއްލަ އެދުމުގެ މައްޗަށެވެ. އެގޮތުން، ބޭރުފުށުން ބަލާއިރު އެކަކު އަނެކަކަށް އަޚުންތަކެއް ފަދައިން ހެޔޮއެދޭކަން ދެއްކި ނަމަވެސް، އެމީހުންގެ ހިތްތައް ފުރިފައިވަނީ ޢަދާވާތްތެރިކަމާއި ޙަސަދަވެރިކަމުންނެވެ.
ކުރިމަތީގައި އެކުވެރިކަމުގެ ސަލާން ގަލާން ކުރާއިރު، ފުރަގަހުން ވަޅިޖަހަން ތައްޔާރަށް ތިބޭ ބަޔަކަށް އެބައިމީހުން ވެއެވެ. މިއީ މުނާފިޤުކަމުގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުބައި ޢަމަލެކެވެ.
މިފަދަ މީހުންގެ ސަބަބުން މުޖުތަމަޢުގެ އިތުބާރު ގެއްލި، އިޖުތިމާޢީ ގުޅުންތައް ހީނަރުވެގެންދެއެވެ. ޙަޤީޤީ އެކުވެރިޔާއާއި އާއި ޢަދާވާތްތެރިޔާ ވަކިކުރަން ނޭނގޭ މިންވަރަށް ކަންކަން އޮޅުންބޮޅުންވެގެން ދެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ދުލުގެ ފޮނި ވާހަކަތަކަށް ހެއްލި، ބޭރުފުށުގެ ދަޅަތަކަށް ނުބަލައި، މީހުންނާ މުޢާމަލާތް ކުރުމުގައި ވިސްނުންތެރިކަން އިސްކުރަންޖެހެއެވެ. ފަހުޒަމާނުގެ މިފަދަ ފިތުނަތަކުން ސަލާމަތްވުމަށްޓަކައި، ކޮންމެ މީހަކީވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކޮށް، ދެއްކުންތެރިކަމާއި މަކަރުވެރިކަމުން ދުރުހެލިވެގެންވާ މީހަކަށް ވާންޖެހެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

