ނޭޕާލްގެ ހިމާލިޔާ ސަރަހައްދަށް ކުއްލި ގޮތަކަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކުގައި ބޮޓެކޯޝީ ކޯރުގެ އައްސޭރީގައި ހުރި އަވަށްތަކާއި ވަސީލަތްތައް ސުންނާފަތިވެއްޖެއެވެ.
ނޭޕާލްގެ ހިމާލިޔާ ސަރަހައްދުގެ ގަނޑުފެނާއި ހިލަތައް ފޭބުމުގެ ސަބަބުން އުފެދުނު ބިޔަ ރާޅުތަކާއެކު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި، ބޮޓެކޯޝީ ކޯރުގެ އައްސޭރީގައިވާ އަވަށްތަކާއި އުމްރާނީ ވަސީލަތްތައް ދޮވެވި، މަދުވެގެން 95 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފައެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ބުދަ ދުވަހުގެ ހެނދުނު ( އޯގަސްޓް 19 ވަނަ ދުވަހު ) 9:00 ހާއިރު ހިނގި މި ކާރިސާގައި 384 ފަތުރުވެރިން ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި އިންޑިއާ، މެލޭޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއަށް ނިސްބަތްވާ 291 ބޭރު މީހުން ހިމެނެއެވެ. މި ހާދިސާގައި މަގުތަކާއި ހައިޑްރޯޕަވަރ މަޝްރޫއުތައް ހަލާކުވެފައިވާއިރު، ބޮޓެކޯޝީ، ތްރިޝޫލީ އަދި ނަރަޔާނީ ކޯރުތަކާ ދުރަށް ދިއުމަށް ސަރުކާރުން ވަނީ އާންމުންނަށް އިންޒާރު ދީފައެވެ.
ސަރުކާރުގެ ތަރުޖަމާނު ސަސްމިތު ޕޮކްރޭލް ވިދާޅުވި ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް އިންޑިއާ އާއި ޗައިނާގެ ކިބައިން މިހާރު ވަނީ އެދިފައެވެ.
މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކުރީ ރަސޫވާ ޑިސްޓްރިކްޓަށެވެ. މިއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ޓިބެތުގެ ގަނޑުފެން ކޯރެއް ފުރިގެން ބޮޑުވި ފެންގަނޑުގެ ސަބަބުން ނުވަ މީހުން މަރުވެ، ދެ ގައުމު ގުޅުވައިދޭ މުހިންމު ފާލަމަކަށް ގެއްލުންވި ހާދިސާއާ އެއްގޮތް ހާދިސާއެކެވެ.
އިންޓަނޭޝަނަލް ސެންޓަރ ފޯ އިންޓަގްރޭޓެޑް މައުންޓަން ޑިވެލޮޕްމަންޓްގެ މޫސުމީ މާހިރުން ވިދާޅުވާ ގޮތުގައި، ފޭބި ގަނޑުފެނާއި ހިލަތަކުގެ ސަބަބުން ބޮޓެކޯޝީ ކޯރާ ގުޅިފައިވާ ލެންޑޭ ކޯރު ބެދި، އޭގެ ފަހުން ކުއްލިއަކަށް ބޮޑު ފެންގަނޑެއް ތިރިއަށް ދެމިގަތީއެވެ. މިއީ ހިމާލިޔާ ސަރަހައްދު ހޫނުވަމުން ދިއުމުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތައް އިތުރުވަމުންދާކަމުގެ ހެއްކެކެވެ.










ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

