އިންސާނީ މުޖުތަމަޢެއްގެ ބަދަހިކަމާއި ކުރިއެރުން ބިނާވެފައި އޮންނަނީ އެ މުޖުތަމަޢެއްގެ މީހުންގެ މެދުގައި އޮންނަ އިންޞާފުވެރިކަމާއި، ޙައްޤަށް ލޯބިކުރުމުގެ މައްޗަށެވެ.
ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިމުޖުތަމަޢުގެ ތެރެއިން ފެންނަމުންދަނީ ނުހަނު ހިތާމަވެރި އަދި އެހާމެ ނުރައްކާތެރި އާދައެކެވެ. އެއީ ވަކި ފަރުދަކަށް ނުވަތަ ފިކުރަކަށް އޮންނަ ތަޢައްޞުބެއްގެ ސަބަބުން، ޙައްޤާއި ބާޠިލު ވަކިކުރަން ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ މަންޒަރެވެ.
މި ނުރަނގަޅު އާދައިގެ އެންމެ ހިތި އެއް ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ތިމާ ރުހޭ ނުވަތަ ތާޢީދުކުރާ މީހާ ހަދާ ގޯސްތައް ނުފެންނަ ވަރުގެ "ކަނު" ބަޔަކަށް ވެފައިވާ ކަމެވެ. ތިމާ ލޯބިވާ ވެރިޔަކު، ޢާއިލާ މީހަކު ނުވަތަ އެކުވެރިޔަކު ކިތަންމެ ބޮޑު ނުބައެއް ނުވަތަ ޤާނޫނާއި ޚިލާފު ކަމެއް ކުރި ކަމުގައި ވިޔަސް، އެކަން ދިފާޢުކުރުމުގައި ހައްދުފަހަނައަޅައި ދެއެވެ. ޢައިބުތައް ފޮރުވައި، ގޯސްތައް ރަނގަޅު ކަންކަމުގެ ގޮތުގައި ދެއްކުމަށް ވާހަކަ އުފައްދައެވެ.

މިއީ މުޖުތަމަޢުގައި ޢަދުލުއިންޞާފުގެ ހަމަތައް ފުނޑުފުނޑުވެ، ކުށްކުރުމަށް ލިބޭ ހިތްވަރެކެވެ.
މީގެ އަނެއް ފަރާތަށް ބަލާއިރު، ތިމާ ނުރުހޭ ނުވަތަ ޚިޔާލު ތަފާތުވާ މީހަކު ކިތަންމެ ރަނގަޅު ވާހަކައެއް ދެއްކި ނަމަވެސް، އެ ވާހަކައެއް އަޑުނީވޭ ވަރުގެ "ބީރު" ބަޔަކަށް އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން ވަނީ ވެފައެވެ. އެފަދަ މީހުން ޤައުމަށާއި މުޖުތަމަޢަށް ފައިދާހުރި، ޙިކުމަތްތެރި ނަޞޭޙަތެއް ނުވަތަ ޚިޔާލެއް ފާޅުކުރި ނަމަވެސް، އެކަން ބަލައިގަތުމުގެ ބަދަލުގައި ފެންނަނީ އެ މީހަކަށް މަލާމާތްކޮށް، ފުރައްސާރަކޮށް، އަގުވައްޓާލަން މަސައްކަތްކުރާ ތަނެވެ.
މީސްމީޑިއާގެ އެކި މަންސަތަކުގައި މިފަދަ ދަށުދަރަޖައިގެ ޢަމަލުތައް މިއަދު ވަނީ ޢާންމުވެފައެވެ. ވާހަކައިގެ ބުރަދަނަށް ބެލުމުގެ ބަދަލުގައި، ބެލެވެނީ އެ ވާހަކައެއް ދެއްކީ ކާކުތޯއެވެ.
އިސްލާމްދީނުގެ މަތިވެރި ތަޢުލީމަށް ބަލާއިރު، މިފަދަ ތަޢައްޞުބަކީ ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ. ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ ބަޔަކު މީހުން ދެކެ އަންނަ ރުޅިއަކީ ޢަދުލުވެރި ނުވުމަށް އޮތް ސަބަބެއް ކަމުގައި ނުހެދުމަށެވެ. އަދި ޙައްޤު ބަސް، އެއީ ތިމާގެ އަމިއްލަ ނަފްސާ ދެކޮޅަށް ނަމަވެސް ބުނުމަށް ވަނީ އަމުރުކުރައްވާފައެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ވިސްނުން މިވަނީ އެ މަތިވެރި އިރުޝާދުތަކާ މާ ދުރަށް ގޮސްފައެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ރުހޭ މީހާގެ ކުށްތަކަށް ލޯމަރާލުމާއި، ނުރުހޭ މީހާގެ ހެޔޮ ބަސްތަކަށް ބީރުކަންފަތެއް ދީ މަލާމާތްކުރުމަކީ މުޖުތަމަޢު ބައިބައިކޮށް، ފިކުރީ އަޅުވެތިކަމެއްގެ ތެރެއަށް ވައްޓާލާ ނުރައްކާތެރި ސިފައެކެވެ. މި ނުރަނގަޅު އާދައިން އަރައިގަނެވޭނީ، ކޮންމެ މީހަކުވެސް ތަޢައްޞުބުން އެއްކިބާވެ، ޙައްޤަށް ތަބާވާން އިސްކަންދީގެންނެވެ. މީހާއަށްވުރެ ޢަމަލަށާއި ދައްކާ ވާހަކައިގެ ޙަޤީޤަތަށް ބަލައިގެން ކަންކަން ނިންމާ ހޭލުންތެރި ބަޔަކަށް ވެގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

