އެސްޕަންޔޯލްގެ އާރް.ސީ.ޑީ.އީ ސްޓޭޑިއަމްގައި ރެއާލް މެޑްރިޑުން މޮޅެއް ހޯދިއިރު، މިއީ އެ ޓީމުގެ ކުޅުމަށް ބަލާއިރު ހައްގު މޮޅެއް ކަމަށް ބުނެވޭކަށް ނެތެވެ.
ރޭ ކުޅުނު ލަލީގާގެ 2026-27 ވަނަ އަހަރުގެ ސީޒަންގައި ރެއާލްމެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޖެހި ލަނޑާއެކު، އެސްޕަންޔޯލް އަތުން ރެއާލް މެޑްރިޑް ވަނީ 2-1 އިން މޮޅުވެފައެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން 15 އަހަރު ހޯދާފައިވާ ރެއާލުން މެޗުގެ ވަރަށް ކުރީ ކޮޅު ލަނޑެއް ޖަހައި މެޗްގެ ލީޑު ހޯދިއެވެ. އެއީ މެޗުގެ 9 ވަނަ މިނެޓުގައި އާރްދާ ގުލާ ނެގި ހިތްގައިމު ހުރަހަކުން ޖޫޑް ބެލިންހަމް ބޮލުން ފޮނުވާލި ހަމަލާއަކުން ރެއާލަށް ކުރި ހޯދައިގެންނެވެ.
ނަމަވެސް، ފުރަތަމަ ހާފު ކުރިއަށް ދިޔަ ވަރަކަށް ރެއާލްގެ ކޮންޓްރޯލް ގެއްލެމުން ގޮސް، މެޗްގެ 30 ވަނަ މިނެޓުގައި އެސްޕަންޔޯލްގެ އެލެކްސް ކަލަޓްރާވާ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީވެސް ދެޓީމް 1-1 އިން އެއްވަރުވެގެންނެވެ.
މޮރީނިއޯގެ އިރުޝާދުގެ ދަށުން ދެވަނަ ހާފަށް ނުކުތް ރެއާލްގެ ފަރާތުން ދެވަނަ ހާފުގައިވެސް ފެނުނީ އާދައިގެ ކުޅުމެކެވެ.

މިގޮތުން މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، 90 ވަނަ މިނެޓުގައި ރެއާލް މެޑްރިޑް ސަލާމަތްކޮށްދިނީ އަލަށް ގުޅުނު ކާލޯސް އެސްޕީއެވެ. އޭނާ މި ލަނޑު ޖެހީ ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ރެއާލް ފަދަ ވަރުގަދަ ޓީމަކަށް މާ ހިތްހަމަޖެހޭ މޮޅަކަށް ނުވި ނަމަވެސް، މޮރީނިއޯގެ ދެވަނަ ދައުރު މިވަނީ ތިން ޕޮއިންޓާއެކު ފެށިފައެވެ.

ރޭ ކުޅެވުނު މިމެޗުން ރެއާލް މެޑްރިޑަށް ދިމާވެފައިވާ ކުރީގެ މައްސަލަތަކަށް ހައްލެއް ނުލިބޭކަން ވަނީ ފާހަގަ ކުރެވިފައެވެ. ޑިފެންސިވްކޮށް ކުޅޭ ކުދި ޓީމުތަކުގެ ފާރު ފޫއަޅުވާލުމުގައި ރެއާލް އަދިވެސް އުޅެނީ ވަރަށް ބޮޑަށް އުނދަގުލުގައެވެ. ވިނީޝިއަސް ޖޫނިއާ އާއި އެމްބާޕޭގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނުއިރު، މެދުތެރެއިން ފެޑެރިކޯ ވަލްވާޑޭ އާއި ބެނާޑޯ ސިލްވާގެ ފަރާތުންވެސް ނުރައްކާތެރި ފާސްތަކެއް ނުފެނެއެވެ. ބާސެލޯނާއާ ވާދަކުރަން ނުކުންނައިރު، މި ޓީމުން އިތުރަށް މަސައްކަތް ކުރަންޖެހޭކަން މި މެޗުން ވަނީ ހާމަވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

