ގައުމީ ދުވަހު އަޅުގަނޑުމެން އަޒުމަކަށް ހަދަންވީ މިނިވަންކަން ގެއްލޭނެފަދަ ހިތި ތަޖުރިބާތަކެއް އިއާދަވިޔަ ނުދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، ދިވެހިންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށްކަމަށެވެ. އަދި ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިއުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް ކަމަށެވެ.
ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ގައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ހިޔާނާތް އެކަމުގެ ސަބަބަކަށް ވީކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ މިއަދު ގަދައަޅަައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިއާދަވިޔަ ނުދިނުމަށްކަމަށެވެ.
"މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟"
ރައީސް ވިދާޅުވިއެވެ.
ރައީސް މެސެޖު ނިންމަވާލެއްވީ ގައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި، އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، މި ގައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫހު ހިފެހެއްޓުމަށް ގޮވައިލައްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

