އައްޑޫ ސިޓީއަކީ ކުޅިވަރަށް ނުހަނު ލޯބިކުރާ، ހުނަރުވެރި އެތައް ޒުވާނުންނެއް ދިރިއުޅެމުންދާ އަތޮޅެކެވެ. މީގެ ތެރެއިންވެސް ބެޑްމިންޓަނަކީ މިހާރު ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ، ހަށިގަނޑަށް ފައިދާހުރި ފޯރިގަދަ ކުޅިވަރެކެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ބަލާއިރު، މި ކުޅިވަރު ކުރިއެރުވުމަށްޓަކައި ބޭނުންވާ އަސާސީ ވަސީލަތްތައް ވަނީ ކޮންމެވެސް މިންވަރަކަށް ގާއިމުކުރެވިފައެވެ. އެގޮތުން ހިތަދޫގައި ބެޑްމިންޓަން ކުޅޭނެ އިންޑޯ ދެ ހޯލް ހުރިއިރު، މަރަދޫފޭދޫ އާއި ގަމުގައިވެސް މިފަދަ ހޯލްތައް ދަނީ ބޭނުންކުރަމުންނެވެ. މި ވަސީލަތްތަކުގެ އެހީގައި އެ ރަށްރަށުގައި ބެޑްމިންޓަން ވައިޑީޕީ (ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް) ތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ގައުމީ ފެންވަރުގައި ވާދަކުރެވޭ ފަދަ މޮޅު ކުޅުންތެރިންތަކެއް އެ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އުފެދި، އައްޑޫއަކީވެސް ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރީންތިބި އަތޮޅެކެވެ.
ނަމަވެސް، މި ފުރުސަތުތަކާއި ވަސީލަތްތަކުން މަހުރޫމްވެފައިވާ ދެ އަވަށަކީ ހުޅުދޫ އާއި މީދޫއެވެ. މި ދެ އަވަށުގެ ޒުވާނުންނަށް ބެޑްމިންޓަންގެ ރަސްމީ ތަމްރީނުތަކާއި، ގަވާއިދުން ކުޅެވޭނެ އިންޑޯ މާހައުލެއް ނެތުމަކީ އެކަމުގެ ސަބަބުން މިކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.
ހުޅުދޫ އަދި މީދޫގެ ކުޅުންތެރިން މިހާރު ބޭނުންކުރަމުންދަނީ 'ޗާމިން ގެސްޓް ހައުސް' ގައި އޮތް ކޯޓެކެވެ. އެ ތަނުގެ ވެރިފަރާތުގެ ދީލަތި އެހީތެރިކަމާއެކު މިހާތަނަށް ކުޅުމުގެ ފުރުސަތު ލިބިފައިވީ ނަމަވެސް، އެއީ ދާއިމީ ކުރެވޭ ކަމެއް ނޫނެވެ. ގެސްޓް ހައުސްއަކީ ވިޔަފާރި އުސޫލުން ހިންގާ ތަނަކަށް ވުމުން، ފަތުރުވެރިން ތިބޭ ދުވަސްވަރު ކުޅުންތެރިންނަށް އެތަން ބޭނުންކުރުމަކީ ވަރަށް ދަތި ކަމެކެވެ. މިގޮތަށް ދޭތެރެ ދޭތެރެއިން ކުޅުން މެދުކަނޑާލަން ޖެހުމުން، ކުޅުންތެރިންގެ ފިޓްނަސްއަށާއި ތަމްރީނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ބެޑްމިންޓަނަކީ ދާއިމީ ގޮތެއްގައި ކުޅެގެން މެނުވީ ހުނަރު ހިފަހައްޓަން އުނދަގޫ ކުޅިވަރަކަށް ވާއިރު، މީދޫއާއި ހުޅުދޫގެ ކުޅުންތެރިންނަށް މިހާރު ޖެހިފައިވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ތިބެގެން ކުޅިވަރު ކުރިއަށް ގެންދާށެވެ. އެހެންކަމުން، މި ދެ ރަށުގެ ޒުވާނުންނަށްވެސް އެހެން ރަށްތަކުގެ ކުޅުންތެރިންނެކޭ އެއްފަދައިން، ހުރަހެއް ނެތި ކޮންމެ ދުވަހަކު ކުޅެވޭނެ ބެޑްމިންޓަން ކޯޓެއްގެ ބޭނުންތެރިކަން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއީ ހަމައެކަނި ކުޅިވަރުގެ ވަސީލަތެއްގެ އިތުރުން، ޒުވާނުންގެ ހުސްވަގުތުތައް ބޭނުންތެރި ގޮތެއްގައި ހޭދަކުރުމަށް މަގުފަހިވާނެ އިޖުތިމާއީ މަރުކަޒަކަށް ވެގެންދާނެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ހިންގުމަށް އައި ބަދަލުތަކާއެކު، ހުޅުދޫ އަދި މީދޫގެ ކަންކަން ބެލެހެއްޓުމުގައި ރަށު ކައުންސިލްތަކުގެ ދައުރު މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. މިއީ މި ދެރަށުގެ ތަރައްގީއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ރަށުގެ ޒުވާނުންނާއި، ދުޅަހެޔޮ ސިއްހަތެއް ބޭނުންވާ އެންމެހާ ރައްޔިތުންގެ ޝުއޫރުތަކަށް އިޖާބަދީ، ޒަމާނީ ފެންވަރުގެ ބެޑްމިންޓަން ކޯޓެއް ގާއިމުކުރުމަކީ ކައުންސިލުން އިސްކަންދޭންޖެހޭ މުހިއްމު މަޝްރޫއެކެވެ. މިފަދަ ވަސީލަތެއް ގާއިމުކުރެވިއްޖެނަމަ، އެތަނަކީ ގަޑިރޭޓުން ކުލި ދައްކައިގެން އާންމުންނަށް ބޭނުންކުރެވޭނެ ތަނަކަށް ހެދިދާނެއެވެ. މީގެ ސަބަބުން ކައުންސިލަށް އާމްދަނީއެއް ލިބުމުގެ އިތުރުން، ތަނަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ތަނަކަށް ވެގެންދާނެއެވެ. ހަމައެހެންމެ، މީދޫއާއި ހުޅުދޫގައިވެސް ވައިޑީޕީ ޕްރޮގްރާމްތައް ފަށައި، ކުޑަކުދިންގެ މެދުގައި ބެޑްމިންޓަންގެ ފޯރި އާލާކުރުމަށް މިއީ އެންމެ މުހިއްމު ބިންގަލެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަކީ ހަމައެކަނި ކުޅޭނެ ތަނެއް ހޯދައިދިނުމެއް ނޫނެވެ. އެއީ މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރަށް އަގުހުރި އިންވެސްޓްމަންޓެކެވެ.
ބެޑްމިންޓަނަކީ ހަށިގަނޑުގެ ހުރިހާ މަސްތަކަކަށް ކަސްރަތު ލިބިދޭ، ހަކުރުބައްޔާއި ލޭ މަތިވުން ފަދަ ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކުޅިވަރެކެވެ. ހުޅުދޫ އަދި މީދޫގައި ބެޑްމިންޓަން ހޯލެއް ހުރުމަކީ އަންހެނުންނާއި، ވަޒީފާގައި އުޅޭ މީހުންނަށްވެސް ފަސޭހަކަމާއެކު ކަސްރަތު ކުރާނެ މާހައުލެއް ލިބިގެންދާނެ ކަމެކެވެ. އައްޑޫގެ އެހެން ރަށްތަކުން ފެންނަމުންދާ ކާމިޔާބީގެ ސިއްރަކީ އެ ރަށްތަކުގައި ހުރި ވަސީލަތްތަކެވެ.
މީދޫއާއި ހުޅުދޫގެ ޒުވާނުންނަކީވެސް އެހާ ހުނަރުވެރި، އެހާ ބުރަކޮށް މަސައްކަތްކުރަން ތައްޔާރަށް ތިބި ބައެކެވެ. އެ މީހުންނަށް ބޭނުންވަނީ އެ ހުނަރު ދައްކާލާނެ ފުރުސަތެކެވެ. އެހެންކަމުން، ކައުންސިލުން އިސްނަގައިގެން މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ، މާދަމާ ރާއްޖޭގެ ބެޑްމިންޓަން ގައުމީ ޓީމުން މީދޫއާއި ހުޅުދޫގެ މޫނުތައް ފެނުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ނިންމާލަމުން ދަންނަވާނީ، ހުޅުދޫ އަދި މީދޫގައި ބެޑްމިންޓަން އިންޑޯ ހޯލެއް ގާއިމުކުރުމަކީ މި ދެރަށުގެ އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ ދާއިރާއަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ. މިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅައި، ޒުވާނުންގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަކީ މިއަދު މީދޫއާއި ހުޅުދޫގެ ރައްޔިތުން ކުރާ ވަރަށް ބޮޑު އުންމީދެކެވެ.
"އަޅުގަނޑުމެންގެ ދެރަށުގައިވެސް ބެޑްމިންޓަނަށް ލޯބިކުރާ ވަރަށް ގިނަ ކުދިން އެބަތިބި. އެކަމަކު އެކަށީގެންވާ ވަސީލަތެއް ނެތުމުން އެ ކުދިންގެ ހުނަރު ތަރައްޤީ ކުރެވޭނެ ގޮތެއް ނެތް،"
މީދޫގެ ކުޅުންތެރިއަކު ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

