ވޯލްޑްކަޕް 2026 ގެ ރައުންޑްއޮފް 32 ގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ މަސައްކަތް ކުރާނީ މީގެ ކުރިން އޭނާއަށް ދުވަހަކުވެސް ހާސިލްކުރެވިފައި ނުވާ ކަމެއް ކުރުމަށްކަމަށް ބެލެވެއެވެ.

އެއީ ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާގައި ލަނޑެއް ޖެހުމެވެ. ރޮނާލްޑޯއަކީ ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މިދިޔަ ހަފުތާގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ވޯލްޑް ކަޕްގެ ތަފާތު ހަ މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިއީ އޭނާގެ ދިގުދެމިގެންވާ ފުޓްބޯޅައިގެ ކެރިއަރާއި ހޯދި ބޮޑު ކާމިޔާބެކެވެ.
އެހެންނަމަވެސް، މީގެ ކުރިން ދުވަހަކުވެސް ވޯލްޑް ކަޕްގެ ތަށީގައި އަތްލުމުގެ ފުރުސަތު ލިބިފައި ނުވުމުގެ އިތުރުން، މުބާރާތުގެ އެންމެ މުހިންމު ދަނޑިވަޅުތަކުގައި ރޮނާލްޑޯގެ އެންމެ މޮޅު ކުޅުން ފެނިފައެއް ނުވެއެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ 11 ވަނައިގައި ގެރީ ލިނެކާ، ތޯމަސް މުލާ އަދި ގަބްރިއަލް ބަޓިސްޓޫޓާއާއެކު ރޮނާލްޑޯ އޮތް ނަމަވެސް، އޭނާ ޖެހި 10 ލަނޑަކީވެސް ގްރޫޕް ސްޓޭޖުގައި ޖަހާފައިވާ ލަނޑުތަކެވެ.
ފުޓްބޯޅަ ތާރީޚުގައި ފެނިފައިވާ އެންމެ ނުރައްކާތެރި ފޯވާޑްގެ ގޮތުގައި ބެލެވޭ ރޮނާލްޑޯއަށް ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުހަލާގައި ލަނޑެއް ނުޖެހި މިހާ ގިނަ ދުވަސްވެފައިވުމާއެކު ޓޮރޮންޓޯގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މިކަން ނިމުމަކަށް ގެނައުމަށް ރޮނާލްޑޯ މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ.
2006:

އެއްލޮލުން އިޝާރާތް ކުރި ވިންގަރރޮނާލްޑޯ އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގައި (2006 ވަނަ އަހަރު) ތާރީޚުން ޖާގަ ހޯދީ، ގްރޫޕް 'ޑީ' ގައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީއަކުން ލަނޑު ޖަހައި، ޕޯޗުގަލްގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިގެންނެވެ. ނަމަވެސް އެ މުބާރާތުގައި އޭނާއަށް ޖެހުނު ހަމައެކަނި ލަނޑަކީ އެއީއެވެ.
އެއިރު ރޮނާލްޑޯގެ އުމުރަކީ އެންމެ 21 އަހަރެވެ. އޭނާއަކީ އެއިރު ގިނަ ލަނޑުތަކެއް ޖަހާ ސެންޓަރ ފޯވާޑަކަށް ވުރެ ބޮޑަށް، ބާރު ދުވެލީގައި ކުޅޭ ވިންގަރެކެވެ. އެހެންކަމުން، ޕޯޗުގަލް ހަތަރުވަނަ ހޯދި އެ މުބާރާތުގެ ނޮކްއައުޓް ހަތަރު މެޗުގައި އޭނާއަށް ލަނޑެއް ނުޖެހުމަކީ އެއިރު މާ ބޮޑު މައްސަލައަކަށް ނުވިއެވެ. ނަމަވެސް، ޖަރުމަނުގައި އޮތް އެ މުބާރާތުގައި އޭނާގެ އަޚްލާގާ ބެހޭގޮތުން ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ.
ސެމީ ފައިނަލުގައި ފްރާންސް އަތުން ޕޯޗުގަލް 1-0 އިން ބަލިވި މެޗުގައި، ރޮނާލްޑޯ ބޯޅައިގައި ޖަހާ ކޮންމެ ފަހަރަކު ސަޕޯޓަރުން ދިޔައީ އޭނާއަށް ފާޑުކިޔައި އަޑުގަދަކުރަމުންނެވެ. އެއީ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، މެންޗެސްޓަރ ޔުނައިޓެޑްގައި އޭނާއާއެކު ކުޅޭ ވޭން ރޫނީއަށް ރަތް ކާޑު ދެއްކުމަށް ރޮނާލްޑޯ ބާރުއެޅި ކަމަށް ބުނެއެވެ.
އިންގްލެންޑްގެ މިޑްފީލްޑަރު ސްޓީވަން ޖެރާޑް ބުނި ގޮތުގައި، ރޮނާލްޑޯ ރެފްރީގެ ގާތަށް ގޮސް ކާޑު ދެއްކުމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ރޫނީ ދަނޑުން ފޭބި ވަގުތު ރޮނާލްޑޯ އޭނާގެ ބެންޗަށް ބަލައި އެއްލޮލުން އިޝާރާތް (wink) ކުރުމަކީ އޭނާގެ އިންސާނީ ސިފަ ހާމަވެގެންދިޔަ ކަމެއް ކަމަށް ޖެރާޑް ބުންޏެވެ. ފްރޭންކް ލަމްޕާޑް ވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޕޯޗުގަލް މޮޅުކޮށްދިން ޕެނަލްޓީ ޖެހި ރޮނާލްޑޯ ބުނީ އޭނާ ކުރި ކަމެއް ނެތް ކަމަށެވެ. ނަމަވެސް ފީފާގެ ޓެކްނިކަލް ގްރޫޕުން އެކަމާ ދެކޮޅު ހަދައި، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯގެ ބަދަލުގައި ލޫކަސް ޕޮޑޮލްސްކީއަށް ދިނީ ކުޅިވަރުގެ ރޫހަށް ރިއާޔަތްކޮށްފައެވެ.
2010:

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އައިއިރު، ރޮނާލްޑޯއަކީ ޕޯޗުގަލްގެ ކެޕްޓަނެވެ. އެ މުބާރާތުގެ ގަދަ 16 އިން ޕޯޗުގަލް ކެޓުމުން އޭނާއަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މުޅި މުބާރާތުގައި އޭނާއަށް ޖެހުނީ އެންމެ ލަނޑެކެވެ. އެއީ އުތުރު ކޮރެއާ އަތުން 7-0 އިން ޕޯޗުގަލް މޮޅުވި މެޗުގައެވެ.
ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުން ބަލިވި މެޗަށްފަހު ރޮނާލްޑޯ ބުނީ، އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެ، ބަޔާންކުރަން ނޭނގޭ ފަދަ ހިތާމައެއްގައި ކަމަށެވެ. އަދި ބަލިވުމުގެ ޒިންމާ ކޯޗު ކާލޮސް ކުއިރޯޒްގެ ބޮލު ގައި އެޅުވި ކަމަށް ބުނެ އޭނާގެ ގައުމުގައި އޭނާއަށް ފާޑުކިއުންތައް އަމާޒުވިއެވެ. ނަމަވެސް ފަހުން ރޮނާލްޑޯ ވަނީ އެއީ ކޯޗަށް އިހުތިރާމް ކުޑަކުރުމުގެ ނިޔަތުގައި ބުނި އެއްޗެއް ނޫން ކަމަށް ބުނެ ދިފާއުވެފައެވެ.
ކޯޗު ކުއިރޯޒް ރައްދުގައި ބުނީ، ގައުމީ ޓީމުގެ މަސްލަހަތަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށާއި، ގައުމީ ޖާޒީ ލައިގެން ހުންނައިރު ނުތަނަވަސްވާ ކުޅުންތެރިންނަށް ޓީމުން ޖާގައެއް ނޯންނާނެ ކަމަށެވެ.
2014:

2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލް ކޮލިފައިވީ ރޮނާލްޑޯ، ސްވިޑަންއާ ދެކޮޅަށް ކުޅުނު ޕްލޭ-އޮފް މެޗުގައި ޖެހި ހަތަރު ލަނޑުންނެވެ. ނަމަވެސް ބްރެޒިލްގައި ބޭއްވި އެ މުބާރާތުގައި، ކަކުލުގެ އަނިޔާއެއް ހުރި ނަމަވެސް އޭނާ ހުރީ ފިޓްކޮށް ކަމަށް ބުންޏަސް، އޭނާގެ އަސްލު ކުޅުމެއް ނުފެނުނެވެ.
ޖަރުމަނު އަތުން 4-0 އިން ބަލިވި މެޗުގައި ރޮނާލްޑޯގެ ފަރާތުން އެއްވެސް ނުރައްކަލެއް ފެނިފައެއް ނުވެއެވެ. އެމެރިކާއާ އެއްވަރުވި މެޗުގައި ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީ، ގާނާ މެޗުގައި މޮޅުވި ލަނޑު ޖެހި ނަމަވެސް، ޕޯޗުގަލްއަށް ނޮކްއައުޓް މަރުހަލާއަށް ދެވޭ ގޮތެއް ނުވިއެވެ.
އާންމުކޮށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭތީ ރޮނާލްޑޯއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވިއެވެ. ނަމަވެސް ކޯޗު ޕައުލޯ ބެންޓޯ ވަނީ ރޮނާލްޑޯގެ ދިފާއުގައި ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި މުޅި ޓީމަށް ހެދުނު ގޯސްތަކުގެ ޒިންމާ އެންމެ ކުޅުންތެރިއެއްގެ ބޮލުގައި އެޅުވުމަކީ އިންސާފެއް ނޫނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

