2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ތާރީޚުގައި އާދަޔާޚިލާފު ކަންތައްތަކެއް ފެނިގެންދާނެ މުބާރާތެއްކަން މިހާރު މިވަނީ ކަށަވަރުވެފައެވެ. މިގޮތުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ، މުޅިން އަލަށް ވޯލްޑް ކަޕުގައި ވާދަކުރާ ކޭޕް ވާޑޭއިން ހޯދި ތާރީޚީ ކާމިޔާބީއަށެވެ.
ފަސްލައްކައެއްހައި މީހުންގެ ކުޑަ އާބާދީއެއް އޮންނަ ކޭޕް ވާޑޭ ހިމެނުނީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ގްރޫޕުގައެވެ. ސްޕެއިނާއި، އުރުގުއޭ އަދި ސައުދީ އަރަބިއްޔާއާ އެކު އެއް ގްރޫޕެއްގައި ހިމެނުނު ނަމަވެސް، ކޭޕް ވާޑޭއިން ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. އެޓީމުން ގަދަ 32 ގެ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ކޭޕް ވާޑޭއިން އެންމެ ފުރަތަމަ ދުނިޔެ ހައިރާންކޮށްލީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިން މޮޅުވިޔަ ނުދީ ހިފަހައްޓައިލުމުންނެވެ. އެއަށްފަހު ދެވަނަ މެޗުގައި ދުނިޔޭގެ ފެންވަރުގެ ތަރިން ތިބި އުރުގުއޭއާ ވާދަކޮށް 2-2 އިން އެއްވަރުކުރިއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހެނދުނު ސައުދީ އަރަބިއްޔާއާ ބައްދަލުކޮށް 0-0 އިން އެއްވަރުކޮށް، އެޓީމުން ވަނީ ބަލިނުވެ ގަދަ 32 އަށް ދަތުރުކޮށްފައެވެ.
މި ނަތީޖާތަކާއެކު، ފުޓްބޯޅައަށް ބިލިޔަނުން ޚަރަދުކުރަމުން އަންނަ ސައުދީ އަރަބިއްޔާ އާއި، ދުނިޔޭގެ މަޝްހޫރު ތަރިން ތިބި އުރުގުއޭއަށް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން އަލްވަދާއު ކިޔަން ޖެހިފައެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދިޔަ އެންމެ ބޮޑު ސިއްސުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ކޭޕް ވާޑޭ ނިކުންނާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އާޖެންޓީނާއާ ދެކޮޅަށެވެ. އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާ ދެކޮޅަށް ކުޅެން ޖެހުމަކީ ކޭޕް ވާޑޭގެ ފުޓްބޯޅަ ތާރީޚުގައި މިހާތަނަށް ކުރިމަތިލާނެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު މެޗަށް ވެގެންދާނެއެވެ.
މި ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން ދަންވަރު 3:00 ގައެވެ. މުޅި ދުނިޔެ މިހާރު އިންތިޒާރު ކުރަމުންދަނީ ކުޑަކުޑަ ކޭޕް ވާޑޭއިން އާޖެންޓީނާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދައްކާނެ ކުޅުމަކަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

