އައްޑޫ ހުޅުދޫގައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް މުޙައްމަދު ޞާލިޙްގެ އަމިއްލަ ޚަރަދުގައި ބިނާކުރެއްވި "މަސްޖިދު ޛުލައިޚާ މުޙައްމަދު" މިއަދު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާއިރު މިސްކިތް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
މި ހިތްގައިމު މިސްކިތް ބިނާކޮށްފައިވަނީ މުޙައްމަދު ޞާލިޙްގެ އާއިލީ އަމިއްލަ ގޯއްޗެއްގައެވެ. މި މިސްކިތަކީ ޒަމާނީ ފަރުމާއަކަށް، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެހެން ހުރިހާ ވަސީލަތްތަކަކާއެކު ބިނާކޮށްފައިވާ މިސްކިތެކެވެ.
މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު ، ބަރަކާތްތެރި ހިޖުރީ އައު އަހަރު ފެށޭ 1 މުޙައްރަމް ދުވަހުއެވެ. މިގޮތުން، މިއަދުގެ މަޣުރިބު ނަމާދަށް މިސްކިތް ހުޅުވުމަށް މިހާރު ވަނީ ނިންމާފައެވެ. މިއީ ހުޅުދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްޓަކައި މިސްކިތާއި މިސްކިތުގެ ވަށައިގެންވާ ސަރަޙައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިސްކިތުގެ އެތެރެ ސާފުކުރުމާއި، ގޯތިތެރެ ތަރުތީބުކުރުމުގެ އިތުރުން، ރަސްމިއްޔާތަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުމުގައި ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި މިސްކިތަކީ މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ހުޅުދޫގެ ރައްޔިތުންނަށް ދެއްވި ވަރަށް އަގުހުރި ހަދިޔާއެކެވެ. މިއަދުގެ އިރުއޮއްސި މަޣުރިބު ނަމާދާއެކު މި މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރަން ފެށުމަކީ ރަށުގެ ދީނީ ހޭލުންތެރިކަމާއި އިޖުތިމާޢީ ބަދަހިކަމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

