ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ނެސްޓޯރީ އިރަންކުންޑާ އާއި ކޯނާ މެޓްކާފް ކާމިޔާބުކުރި ލަނޑުތަކާއެކު، 2-0 އިން ތުރުކީ ބަލިކޮށް އޮސްޓްރޭލިއާއިން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
މި ނަތީޖާއާއެކު، ގްރޫޕް 'ޑީ' ގެ ތާވަލުގެ ކުރީގައި އޮސްޓްރޭލިއާ މިހާރު އޮތީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.
މިމެޗްގައި އޮސްޓްރޭލިޔާގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ތުރުކީގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ކާމިޔާބުކޮށްދިނީ އިރަންކުންޑާއެވެ. މި ލަނޑަށްފަހު އޭނާ ވަނީ އޮސްޓްރޭލިއާގެ ފުޓްބޯޅަ ލެޖެންޑް ޓިމް ކޭހިލްގެ ހަނދާން އާކޮށްދޭ ގޮތަށް ކޯނަރު ދަނޑި ކައިރީގައި އުފާފާޅުކޮށްފައެވެ. ވޮޓްފޯޑަށް ކުޅެމުން އަންނަ 20 އަހަރުގެ އިރަންކުންޑާއަކީ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާއަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

އޭގެ ކުޑަވަގުތުކޮޅެއް ފަހުން ތުރުކީގެ އަބްދުލްކަރީމް ބަރުޑަކްޗީ ދުރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު ބީޗް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ތުރުކީއަށް ނުރައްކާތެރި ހިލޭ ޖެހުމެއް ލިބުނު ނަމަވެސް، ރެއާލް މެޑްރިޑްގެ ހުނަރުވެރި މިޑްފީލްޑަރު އާރްދާ ގުލާ ފޮނުވާލި ހަމަލާ ކީޕަރު ބީޗް ދިފާއުކުރިއެވެ. ތުރުކީން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނުއިރު، އުމުރުން 21 އަހަރުގެ ގުލާ ދުނިޔެއަށް އުފަންވެސް ނުވެއެވެ.
މިމެޗްގައި އޮސްޓްރޭލިއާގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދިނީ 75 ވަނަ މިނެޓުގައި ކޯނާ މެޓްކާފްއެވެ. މިއީ ތުރުކީގެ އިސްމާއިލް ޔުކްސެކް އަތުން ބޯޅަ ގެއްލުމުގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައްލަވަން އިންނެވި މި މެޗުގައި، އޮސްޓްރޭލިއާގެ ގޯލްކީޕަރު ޕެޓްރިކް ބީޗް ވަނީ އަށް ސޭވްކޮށް، ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިއީ އޮސްޓްރޭލިއާއިން ޖެހިޖެހިގެން ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރެވެ.
އަދި އެންމެ ފަހުން ބޭއްވި ގަތަރު ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއިން ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް، ޓިއުނީޝިއާ އާއި ޑެންމާކް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއެވެ. އެ ފަހަރު އެޓީމު ކެޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުން ބަލިވުމުންނެވެ.
2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ތުރުކީ، އޭގެ ފަހުން ބޭއްވި ފަސް މުބާރާތުން ފުރުސަތު ގެއްލުމަށްފަހު، މިއަހަރުގެ މުބާރާތުން ޖާގަ ހޯދީ ޕްލޭއޮފްގައި ކޮސޯވޯ ބަލިކޮށްގެންނެވެ.
1954 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރި ތުރުކީން ވޯލްކަޕްގައި ކުޅޭ މިއީ ތިންވަނަ ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި ތުރުކީން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

