މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބުރާސްފަތި ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. މިއީ ތާރީޚީ ގޮތުން ބަލާއިރު ވަރަށް ޚާއްޞަ ކުރިމަތިލުމެކެވެ. އެފްރިކާ ބައްރުގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕް ކަމަށްވާ 2010 ވަނަ އަހަރުގެ މުބާރާތް ހުޅުވި މެޗުގައި ވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ ފަހަރުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެކްސިކޯ ސިޓީގައި ބުރާސްފަތި ދުވަހު ފަށާ މި މުބާރާތަކީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ޖުމްލަ 39 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި 48 ޓީމު ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅެވޭނެއެވެ. މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތަށްވުރެ 40 މެޗު އިތުރު އަދަދެކެވެ. މީގެ އިތުރުން، މިއީ ތިން ގައުމެއްގައި (އެމެރިކާ، މެކްސިކޯ އަދި ކެނެޑާ) ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.
މެކްސިކޯގެ މަޝްހޫރު އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ބަލަން 80،000 އެއްހާ ސަޕޯޓަރުން ވަންނާނެ ކަމަށް ބެލެވެއެވެ. މި ސްޓޭޑިއަމަކީ ތިން ވޯލްޑް ކަޕެއްގެ ހުޅުވާ މެޗު (1970، 1986 އަދި 2026) ބޭއްވި ދުނިޔޭގެ ފުރަތަމަ ސްޓޭޑިއަމްގެ ޝަރަފު ހޯދާނެ ތަނެވެ.
މެޗު ފެށުމުގެ ސީދާ 90 މިނެޓް ކުރިން ބޭއްވޭ ހުޅުވުމުގެ ރަސްމިއްޔާތު ވެގެންދާނީ ފަންނީ ގޮތުން ފާހަގަކޮށްލެވޭނެ ހަރަކާތަކަށެވެ. މި ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ ފަންނާނަކީ ހަތަރު ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ސުޕަރސްޓާރ ޝަކީރާއެވެ. މީގެ އިތުރުން ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޖޭ ބަލްވިން އަދި ދެކުނު އެފްރިކާގެ ލަވަކިޔުންތެރިޔާ ޓައިލާގެ ހިތްގައިމު ހުށަހެޅުންތައް ފެނިގެންދާނެއެވެ.
މެކްސިކޯއަކީ ވޯލްޑް ކަޕްގެ ތަޖުރިބާކާރު ޓީމެކެވެ. މިއީ އެ ގައުމުން ވާދަކުރާ 17 ވަނަ ފަހަރެވެ. ފީފާ ރޭންކިންގްގެ 14 ވަނައިގައި އޮތް މެކްސިކޯ އެންމެ ފަހުން ކުޅުނު އަށް މެޗުން ބަލިވެފައި ނުވާއިރު، އެ ޓީމަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު މޮޅުވުމުގެ ޕްރެޝަރު އޮންނާނެއެވެ.
އަނެއްކޮޅުން، ރޭންކިންގްގެ 60 ވަނައިގައި އޮތް ދެކުނު އެފްރިކާ މިވަނީ 16 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވޯލްޑް ކަޕަށް އެނބުރި އައިސްފައެވެ. މިއީ އެ ގައުމު ވާދަކުރާ 4 ވަނަ ވޯލްޑް ކަޕެވެ. ވިސާގެ މައްސަލަތަކުގެ ސަބަބުން ތައްޔާރުވުމުގައި ދަތިތަކެއް ހުރި ނަމަވެސް، ކޯޗު ހޫގޯ ބްރޫސް ހުރީ މެކްސިކޯ ބަލިކުރެވޭނެ ކަމުގެ އުންމީދުގައެވެ.
މިހާތަނަށް މި ދެ ޓީމު ބައްދަލުކުރި 4 މެޗުގެ ތެރެއިން މެކްސިކޯ 2 މެޗުން މޮޅުވެފައިވާއިރު، ދެކުނު އެފްރިކާ މޮޅުވީ 1 މެޗުންނެވެ. އަދި 1 މެޗު އެއްވަރުވެފައިވެއެވެ.
ގްރޫޕް 'އޭ' ގައި ހިމެނެނީ މެކްސިކޯ، ދެކުނު އެފްރިކާ، ޗެކިއާ އަދި ދެކުނު ކޮރެއާއެވެ. ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމާއި، ތިންވަނައަށް ދާ އެންމެ މޮޅު އަށް ޓީމު ދެވަނަ ބުރަށް (ގަދަ 32 އަށް) ހޮވޭނެއެވެ.
ލަފާކުރެވޭ ފުރަތަމަ 11:
މެކްސިކޯ: ރައުލް ރަންޖެލް؛ ޖީސަސް ގަލާޑޯ، ޖޯހަން ވަސްކޭޒް، ސީސަރ މޮންޓޭސް، އިސްރޭލް ރޭޔެސް؛ ބްރަޔަން ގުޓިއަރޭޒް، އެރިކް ލީރާ، އަލްވާރޯ ފިޑަލްގޯ؛ ޖޫލިއަން ކީނޯނޭސް، ރޮބާޓޯ އަލްވަރާޑޯ، ރައުލް ޖިމިނޭޒް.
ދެކުނު އެފްރިކާ:
ރޮންވެން ވިލިއަމްސް؛ ހުލީސޯ މުޑާއު، އިމޭ އޯކޮން، އެމްބެކެޒެލީ އެމްބޮކާޒީ، އޯބްރޭ މޮޑީބާ؛ ޓެބޯހޯ މޮކޮއީނާ، ސްޕެފެލޯ ސިތޯލް، ތަލަންޓޭ އެމްބާތާ؛ ޝެޕަންގް މޮރެމީ، ލައިލް ފޮސްޓަރ، އޮސްވިން އެޕޮލިސް.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

