ސ. އަތޮޅު މަދަރުސާ ހިމެނޭ ސަރަހައްދަކީ ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި އާދަޔާ ހިލާފަށް ޓްރެފިކް ބޮޑުވާ ސަރަހައްދެކެވެ. މިކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ކުޑަވެފައެވެ.
މިގޮތައް މިކަން ދިމާވެފައިވަނީ މިހާރު މި ސަރަހައްދުގެ މަގުގެ ދެފަރާތުގައި އުޅަނދުފަހަރު ޕާކުކޮށްފައި ހުރުމުގެ ސަބަބުން، ދަތުރުފަތުރު ކުރުމަށް އޮންނަ ޖާގަ ވަރަށް ބޮޑަށް ހަނިވެފައި ވުމުގެ ސަބަބުންނެވެ. މިގޮތުން ހުޅުދޫ މެޖިސްޓްރޭޓް ކޯޓާއި، މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން އެސް.ޓީ.އޯ ގެ މުވައްޒަފުންވެސް އުޅަނދުތައް ޕާކު ކުރަނީ މަގުމަތީގައެވެ. މީގެ އިތުރުން އަތޮޅު މަދަރުސާގެ ބައެއް މުވައްޒަފުންގެ އުޅަނދުތައް ވެސް މަގުމަތީގައި ޕާކުކުރަން ޖެހުމުން، ސްކޫލް ގަޑިތަކުގައި މަގު އެއްކޮށް ބްލޮކްވެ، ޓްރެފިކް ކޮންޓްރޯލް ކުރުމަށް ނުހަނު އުނދަގޫވެއެވެ.
މި މައްސަލައަށް އޮތް އެންމެ އެކަށީގެންވާ އަދި ދާއިމީ ހައްލަކީ ސ. އަތޮޅު މަދަރުސާގެ މިހާރުގެ އިންފާރުން ފެށިގެން އެތެރެއަށް 15 ވަރަކަށް ފޫޓު އިންފާރު ޖެއްސުމެވެ. މިގޮތަށް އިންފާރު އެތެރެއަށް ޖެއްސުމަށްފަހު، އެ ލިބޭ ހުސް ޖާގައަކީ ޕާކިންގް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެއެވެ.
އެކަމުގެ ސަބަބުން ލިބޭނެ ފައިދާތައް:
މަގުމަތީގައި ޕާކުކުރާ އުޅަނދުތައް މަދުވެ، މަގުގެ ޖާގަ ތަނަވަސްވާނެއެވެ.
ކޯޓުތަކާއި އެސް.ޓީ.އޯ އަދި މަދަރުސާގެ މުވައްޒަފުންނަށް ހާއްސަ ޕާކިންގް ސަރަހައްދެއް ލިބިގެންދާނެއެވެ.
ސްކޫލް ފެށޭ އަދި ނިމޭ ގަޑިތަކުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މަގުމަތީގެ އެކްސިޑެންޓްތައް މަދުވެ، ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ސ. އަތޮޅު މަދަރުސާގެ އިންފާރު އެތެރެއަށް ޖައްސައި، ޕާކިންގް އަށް ހާއްސަ ޖާގައެއް ހެދުމަކީ މި ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި މިވަގުތު ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތެވެ. މި ބަދަލާއެކު، މަގުމަތީގެ ތަރުތީބު ރަނގަޅުވެ، ހުރިހާ ފަރާތްތަކަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

