ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަކީ މިއަދު ރާއްޖޭގެ ގިނަ ރަށްތަކަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އައްޑޫމީދޫ ކައުންސިލުން މިވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން، މެއި މަހުގެ 31 ވަނަ ދުވަހު އައްޑޫމީދޫ އަވަށު އޮފީހުގައި ބޭއްވުނު ބައްދަލުވުމުން ވަނީ މުހިއްމު ނިންމުމެއް ނިންމާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ އިތުރުން އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ އާއި ފްރެޝް ޔީލްޑް ފާރމް ބައިވެރިވެ، ބިދޭސީންގެ ނުފޫޒު ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުން ނިންމި އެންމެ މުހިންމު އެއް ނިންމުމަކީ، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މާކެޓްކުރުމުގެ އާ އުސޫލެއް ކަނޑައަޅާ ކުރުނބާ، ކާށި، އަދި ދޮންކެޔޮ ފަދަ ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން އެތަކެތި ފްރެޝް ޔީލްޑް ފާރމް މެދުވެރިކޮށް ނެގުމަށް ނިންމި ނިންމުމެވެ. މި ނިންމުމުގެ ސަބަބުން ބިދޭސީން އަމިއްލައަށް ގޭގެއަށް ގޮސް ކުރުނބާ އެޅުމާއި، އަމިއްލައަށް ވިޔަފާރި ހިންގުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ހަމައެކަނި ވަކި ބަޔަކަށް އޮތް ފުރުސަތެއް ނޫނެވެ. އައްޑޫ މީދޫގެ އެހެން ހުރިހާ ވިޔަފާރިތަކަށްވެސް މި ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއީ ރަށުގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ އިންތިޒާމެއް ގާއިމުކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.
މިފަދަ ނިންމުމެއް ނިންމުމުގެ މައިގަނޑު ބޭނުމަކީ ބިދޭސީން ގަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތަކުން ރަށުގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. ގިނަ ފަހަރަށް ބިދޭސީން މިފަދަ މަސައްކަތްތައް ކުރަނީ އެއްވެސް އުސޫލެއް ނެތި، ރަށުގެ އިޖުތިމާޢީ ފޭރާމަށްވެސް ބުރޫއަރާ ފަދަ ގޮތަކަށެވެ. އެހެންކަމުން، ރަށު ކައުންސިލުން އިސްނަގައިގެން މިފަދަ ބައްދަލުވުމެއް ބޭއްވުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ އުއްމީދީ މަސައްކަތެކެވެ. މި ބަދަލާއެކު، ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓަށް ނެރުމުގައި ދިވެހިންގެ ދައުރު ބޮޑުވެގެންދާނެއެވެ. މިއީ ދިގު މުއްދަތަކަށް ބަލާއިރު ރަށުގެ ތަރައްޤީއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ކައުންސިލުން މިފަދަ ނިންމުމެއް ނިންމި ނަމަވެސް، މީގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވެސް ވިސްނަން ޖެހެއެވެ. ވިޔަފާރިތައް ރެގިއުލޭޓް ކުރުމަކީ ހަމައެކަނި ކަރުދާހުގައި ލިޔެލާ އުސޫލަކުން އަދި ދެކެވޭ ވާހަކައަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. އެކަން ތަންފީޒުކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެއެވެ. ކައުންސިލުން މިހާރު ކަނޑައަޅާފައިވާ ގޮތުން، ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އާ އުސޫލަށް އަމަލުކުރަން ފެށުމަކީ ރަށުގެ ކުނރުބާ ، ކާށި އަދި ދޮންކެޔޮގެ ވިޔަފާރިއަށް އައި ވަރަށް ބޮޑު ބަދަލެކެވެ. މި ބަދަލު ހެޔޮ ގޮތުގައި ތަންފީޒުވެއްޖެނަމަ، ބިދޭސީންގެ ކޮންޓްރޯލް އޮތް ބާޒާރު ދިވެހިންގެ އަތްމައްޗަށް އަންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ތަންފީޒުކުރުމުގެ ގޮންޖެހުންތަކާއި ރައްޔިތުންގެ ބައިވެރިވުން
ކައުންސިލްގެ މި ނިންމުމާ މެދު ރަށުގެ ބައެއް ރައްޔިތުންގެ މެދުގައި ތަފާތު ޚިޔާލުތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް، ރައްޔިތުންގެ ހިއްސާ އޮންނަ އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީއަށް މިކަމުގައި މިއަށްވުރެ ބޮޑު ދައުރެއް ދިނުމަކީ ގިނަ ބައެއްގެ އެދުމެކެވެ. ރައްޔިތުން ދެކޭގޮތުގައި، ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކޮށް ރުއްރުކަށް އަރާނެ މީހުން ހޯދައި، އެމީހުން މެދުވެރިކޮށް ތަކެތި ނަގައި މާކެޓްކުރުމަކީ މާ ހަރުދަނާ ގޮތެކެވެ. މިހާރު އޮތް ގޮތުން ބިދޭސީން ގޭގެއަށް ގޮސް އަމިއްލައަށް ރުކަށް އަރައި، ކުރުނބާ ބާލައި، ވަގުތުން ފައިސާ ދައްކައިގެން ގެންދެއެވެ. މިއީ ގޭގޭގެ ވެރިފަރާތްތަކަށް ވަރަށް ފަސޭހަ ނިޒާމެކެވެ. ނަމަވެސް އާ އުސޫލާއެކު، ގޭގެ ވެރިފަރާތުން އަމިއްލައަށް މީހަކު ހޯދައިގެން ރުކަށް އަރުވަން ޖެހުމަކީ ބޮޑު ޚަރަދަކަށް ވެދާނެ ކަމުގެ ބިރު އެބައޮތެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، މި ބަދަލުގެ ސަބަބުން ކުރުނބާ އާއި ކާށީގެ އަގު ބޮޑުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. މިހާރު ރާއްޖޭގެ ބާޒާރުގައި ރުކަށް އަރާ މީހަކަށް ކޮންމެ ރުކަކަށް 50 އާއި 100 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭންޖެހެއެވެ. ރުކުގައި މަދު ކުރުނބާކޮޅެއް ހުރި ނަމަވެސް މި އަގު ދައްކަން ޖެހުމުން، އެތަކެތި ވިއްކައިގެން ލިބޭ ފައިދާ ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މިއީ އާންމު ރައްޔިތުންނަށް އުފުލަން ޖެހޭނެ ބޮޑު ބުރައަކަށް ވުމީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މިފަދަ ސިޔާސަތެއް ތަންފީޒުކުރާއިރު، މަސައްކަތު މީހުން ހޯދުމާއި، އުޖޫރަ ކަނޑައެޅުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ ކައުންސިލުންނާއި ކޯޕަރޭޓިވް ސޮސައިޓީން ވިސްނަންޖެހޭ ކަމެކެވެ.
ކައުންސިލުން ނިންމާ ކޮންމެ ނިންމުމަކީ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ، އަދި ތަންފީޒުކުރަން ފަސޭހަ ނިންމުމަކަށް ވާންޖެހެއެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ބަލާއިރު، މި ނިންމުމަކީ އެކަށީގެންވާ ދިރާސާއަކަށްފަހު ނިންމާފައިވާ ނިންމުމެއްކަން ހާމަކޮށްދިނުން މުހިންމެވެ. އެހެން ނޫންނަމަ، މި ނިޒާމު ފެއިލްވެ، އަލުން ކުރީގެ ހާލަތަށް ރުޖޫޢަވާން ޖެހިއްޖެނަމަ، އެއީ އިދާރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ލިބޭނެ ބޮޑު ދެރައެކެވެ. ރައްޔިތުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން، މިހާރު ހުރި ދަތިތަކަށް ހައްލެއް ހޯދުމަކީ މި މަޝްރޫޢު ކާމިޔާބުވުމުގެ އަސްލެވެ.
ޖުމްލަގޮތެއްގައި ބުނާނަމަ، އައްޑޫމީދޫ ކައުންސިލުން ފަށާފައިވާ މި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެކެވެ. ބިދޭސީންގެ ނުފޫޒުން ރަށުގެ އިޤްތިޞާދު ސަލާމަތްކުރުމަކީ މިއަދު ނުކޮށް ދޫކޮށްލެވެން ނެތް ކަމެކެވެ. ނަމަވެސް، މި މަސައްކަތް ކާމިޔާބުވާނީ އާންމު ރައްޔިތުންނަށް މާލީ ގޮތުންނާއި އަމަލީ ގޮތުން ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ރޭވިގެންނެވެ. ކޯޕަރޭޓިވް ސޮސައިޓީގެ ދައުރު ފުޅާކޮށް، މަސައްކަތު މީހުންގެ ނިޒާމެއް ގާއިމުކޮށްދީފިނަމަ، މިއީ ރާއްޖޭގެ އެހެން ރަށްތަކަށްވެސް ނަމޫނާ މަސައްކަތަކަށް ވެގެންދާނެއެވެ. ކައުންސިލް މެމްބަރުންނާއި ކަމާބެހޭ ފަރާތްތަކުން މިކަންކަމާ މެދު އިތުރަށް މަޝްވަރާކޮށް، ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތެއް ހޯދައިދޭނެ ކަމަށް އުއްމީދު ކުރެވެއެވެ. މިއީ މުޅި ރަށުގެ މުސްތަޤްބަލާ ގުޅިފައިވާ ކަމަކަށްވާތީ، އެންމެން ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

