
ޕެނަލްޓީގައި އާސެނަލް ބަލިކޮށް، ޕީ.އެސް.ޖީ އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.
ފޯރިގަދަ ކުޅުމަކަށްފަހު، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 އިން ކުރިހޯދައި ޕީ.އެސް.ޖީ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފައެވެ.
ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު މި ފައިނަލް މެޗުގެ 6 ވަނަ މިނެޓުގައި ކައި ހާވާޓްޒް ޖެހި ގޯލާއެކު އާސެނަލް އިން ލީޑު ނެގިއެވެ. ނަމަވެސް، މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އުސްމާން ޑެމްބެލޭ ވަނީ ޕީ.އެސް.ޖީ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މުޅި މެޗުގައި ޕީ.އެސް.ޖީ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އާސެނަލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އެހެންނަމަވެސް މެޗުގެ ފަހުކޮޅު ޕީ.އެސް.ޖީގެ ކްވަރަޓްސްކޭލިއާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައިވާއިރު، ބްރެޑްލީ ބާކޯލާ އަށް ވެސް ވަނީ މެޗު ނިންމާލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ އެބެރެޗީ އެޒޭ ޖެހި ޕެނަލްޓީ ނާކާމިޔާބުވިއިރު، ޕީ.އެސް.ޖީގެ ނޫނޯ މެންޑޭޒް ޖެހި ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ދިފާއުކުރިއެވެ. ނަމަވެސް، އެންމެ ފަހު ޕެނަލްޓީގައި އާސެނަލްގެ ގަބްރިއެލް ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވުމުން، ޕީ.އެސް.ޖީ އަށް އަނެއްކާވެސް ޔޫރަޕްގެ ރަސްކަން ލިބުނީއެވެ.

މިއީ 2016 އިން 2018 އަށް ރިއަލް މެޑްރިޑުން ޖެހިޖެހިގެން ތިން ފަހަރު ތަށި ހޯދި ފަހުން، ކްލަބަކުން މި މުބާރާތުގެ ތަށި ދިފާއުކުރި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން މުއްސަނދި ކްލަބެއްގެ ގޮތުގައި އޮތް ނަމަވެސް ބޮޑެތި ކާމިޔާބީތަކާ ދުރުގައި އޮތް ފްރާންސްގެ ޗެމްޕިއަނުން، މިހާރު ވަނީ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ޔޫރަޕްގެ ފުޓްބޯޅައިގައި ގަދަބާރަކަށް ވެފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން އެންރީކޭ ބުނީ، މިދިޔަ އަހަރު އިންޓަ މިލާން 5-0 އިން ބަލިކޮށް ތަށި ހޯދި ނަމަވެސް، މިއަހަރުގެ ކާމިޔާބީ މާ ފޮނި ކަމަށެވެ. އެއީ އާސެނަލް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން ކުރިމަތިވި ގޮންޖެހުންތައް ބޮޑުވުމުން ކަމަށް އޭނާ ފާހަގަކުރިއެވެ.
ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބުނީ، ޕެނަލްޓީން ބަލިވުމަކީ ވަރަށް ހިތްދަތި ކަމެއް ނަމަވެސް، މުޅި ސީޒަނުގައި ޓީމުން ދެއްކި ކުޅުމާމެދު ފަޚުރުވެރިވާ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

