މި ސީޒަނުގެ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަނޑައެޅޭނީ މިރޭ ބުޑަޕެސްޓުގައި، ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އާއި އާސެނަލް ބައްދަލުކުރާ ފައިނަލް މެޗުންނެވެ.
ތާރީޚީ ގޮތުން ބަލާއިރު މިއީ ޔޫރަޕްގެ އެންމެ ވަރުގަދަ ބާރުތަކުގެ ގޮތުގައި ނުބެލެވުނު ކަމުގައިވިޔަސް، ފަހަކަށް އައިސް ދެ ޓީމުން ވެސް ވަނީ އެ ޓީމުތަކުގެ ފެންވަރު ސާބިތުކޮށްދީފައެވެ. އެއީ ދުނިޔޭގެ އެންމެ މަޝްހޫރު ދެ ލީގުގެ ޗެމްޕިއަނުންކަމަށް ވުމުންނެވެ.
ފްރާންސްގެ ލީގު 1 ގައި ޕީ.އެސް.ޖީގެ ބާރުވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އެގޮތުން ފާއިތުވި 14 ސީޒަނުގެ ތެރެއިން 12 ފަހަރު އެ ޓީމުން ވަނީ ލީގު ތަށި ހޯދާފައެވެ. އަނެއްކޮޅުން އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި ޖެހިޖެހިގެން ތިން އަހަރު އޮތުމަށްފަހު، އާސެނަލުން ވަނީ މިއަހަރު އެއްވަނަ ހޯދައި، ކުރިއަށް ފިޔަވަޅެއް އަޅާފައެވެ.
މިރިޕޯޓަކީ އަލްޖަޒީރާ ސްޕޯޓްސް މިހާރުވެސް ކާމިޔާބު ސީޒަނެއް ނިންމާލުމަށްފަހު، ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ހޯދުމަށް އަމާޒު ހިފާފައިވާ ދެ ޓީމާ ބެހޭ އެންމެ ފަހުން ގެނެސްދީފައިވާ މައުލޫމާތެވެ.
ޕީ.އެސް.ޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރީ ކިހިނެއް؟
މި ސީޒަނުގެ ލީގު ފޭސްގެ 36 ޓީމުގެ ތެރެއިން 11 ވަނަ ލިބުމާ ގުޅިގެން، ޕީ.އެސް.ޖީއަށް ޖެހުނީ ޕްލޭ-އޮފް ކުޅޭށެވެ. ގަދަ 16 އަށް ސީދާ ކޮލިފައިވި މެންޗެސްޓަރ ސިޓީއަށްވުރެ އެ ޓީމު އޮތީ ތިން ދަރަޖަ ފަހަތުގައެވެ. މުބާރާތުގެ ކުރީކޮޅު ކުޅުނު އަށް މެޗުގެ ތެރެއިން ބާސެލޯނާ އާއި ބަޔާން މިއުނިކް އަތުން ބަލިވުމުން، އެންމެ ފަހުގެ ޗެމްޕިއަނުންނާ މެދު ސުވާލުތަކެއް އުފެދުނެވެ.
ނަމަވެސް، ޖަރުމަނުގައި ބަޔާ ލެވަކޫސަން އަތުން 7-2 އިން ހޯދި ބޮޑު މޮޅު ފާހަގަކޮށްލެވެއެވެ. ޕްލޭ-އޮފްގައި ފްރާންސްގެ މޮނާކޯއާ ދެކޮޅަށް ކުޅެ އެގްރިގޭޓް 5-4 އިން ކުރިހޯދިއިރު، އޭގެ ފަހުން ޗެލްސީ އާއި ލިވަޕޫލް ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ބަލިކޮށްފައެވެ.
ސެމީ ފައިނަލުގައި ޕީ.އެސް.ޖީއަށް ކުރިމަތިވީ ވަރުގަދަ އިމްތިހާނެކެވެ. ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު 5-4 އިން ކާމިޔާބުކުރިއިރު، ދެވަނަ ލެގު 1-1 އިން އެއްވަރުވުމުން ޕީ.އެސް.ޖީ ފައިނަލަށް ދަތުރުކުރީ ހަނި ފުރުސަތަކުންނެވެ.
އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރީ ކިހިނެއް؟
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އާސެނަލްއެވެ. ލީގު ފޭސްގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެ، އެ ޓީމު ވަނީ ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. އެ މެޗުތަކުގައި 24 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ އެންމެ ހަތަރު ގޯލެވެ.
ނޮކްއައުޓް ބުރުތަކަކީ އާސެނަލަށް އުނދަގޫ ބުރުތަކެކެވެ. ގަދަ 16 ގައި ބަޔާ ލެވަކޫސަން 3-1 ގެ އެގްރިގޭޓަކުން ބަލިކުރި ނަމަވެސް، ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ސްޕޯޓިން ލިޒްބަން އާއި އެތުލެޓިކޯ މެޑްރިޑް އަތުން އެ ޓީމު މޮޅުވީ އެންމެ ގޯލެއްގެ ތަފާތުންނެވެ.
ފާއިތުވި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީ.އެސް.ޖީގެ ނަތީޖާ ؟
މިދިޔަ ސީޒަނުގެ ފައިނަލުގައި އިންޓަ މިލާން 5-0 އިން ބަލިކޮށް، ޕީ.އެސް.ޖީ އިން ވަނީ އެ ޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތަށި އުފުލާލާފައެވެ. މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު އެ މެޗުގައި ޑެސިރޭ ޑުއޭ ދެ ގޯލު ޖެހިއެވެ. ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ ފަދަ ތަރިންނާއެކު އެތައް އަހަރެއްގެ މަސައްކަތަށްފަހު، އެންމެ ފަހުން މި ޝަރަފުވެރި ތަށި ލިބުނު މެޗުގައި ވިދާލީ އުމުރުން 19 އަހަރުގެ ޒުވާން ޑުއޭ އެވެ.
ފާއިތުވި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އާސެނަލްގެ ނަތީޖާ ؟
ފައިނަލްގެ ފޯރި އިތުރުވާ އެއް ސަބަބަކީ، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އާސެނަލް ކެޓީ ސެމީ ފައިނަލުގައި ޕީ.އެސް.ޖީ އަތުން ބަލިވުމުން ކަމަށް ވުމެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ޕީ.އެސް.ޖީ ކާމިޔާބުކުރިއިރު، ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ޕީ.އެސް.ޖީ މޮޅުވީ 2-1 އިންނެވެ. އާސެނަލް ކެޓީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އެންމެ ފަހުން އާސެނަލަށް ޕީ.އެސް.ޖީ ބަލިކުރެވުނީ ކޮން އިރަކު؟
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރައި އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން 2-0 އިން ކާމިޔާބުކުރިއެވެ. ކައި ހާވާޓްޒް އާއި ބުކާޔޯ ސަކާ ޖެހި ގޯލުތަކާއެކު އެ މެޗު ކާމިޔާބުކުރި ނަމަވެސް، ތަފާސްހިސާބުތަކަށް ބަލާއިރު މެޗު ކޮންޓްރޯލް ކުރީ 65 އިންސައްތަ ބޯޅަ ހިފަހައްޓައިގެން ކުޅުނު ޕީ.އެސް.ޖީ އިންނެވެ.
މި ސީޒަނުގައި ޕީ.އެސް.ޖީގެ ކުޅުން ކިހިނެއް؟
ޕީ.އެސް.ޖީ ވަނީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ލެންސް އަތުން 2-1 އިން މޮޅުވި މެޗާއެކު، ލީގު ނިމެން އެއް މެޗަށް ވެފައި ވަނިކޮށް ޕީ.އެސް.ޖީއަށް ތަށި ކަށަވަރުވިއެވެ. ނަމަވެސް ޖެނުއަރީ މަހު ފްރެންޗް ކަޕުން އެ ޓީމު ކެޓީ ޕެރިސް އެފް.ސީ އަތުން ބަލިވުމުންނެވެ.
މި ސީޒަނުގައި އާސެނަލްގެ ކުޅުން ކިހިނެއް؟
22 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އާސެނަލުން ވަނީ މިއަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މައިކަލް އާޓެޓާގެ ޓީމަށް ލީގު ކަށަވަރުވީ ލީގުގެ ފަހު ދެ މެޗަށް ވެފައި ވަނިކޮށެވެ. މެންޗެސްޓަރ ސިޓީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ފައިދާ ނަގައި، އާސެނަލުން ވަނީ ލީގު ތަށި އުފުލާލާފައެވެ. ނަމަވެސް ލީގު ކަޕްގެ ފައިނަލުން އެ ޓީމު ވަނީ ބަލިވެފައެވެ.
ޕީ.އެސް.ޖީ އިން ކިތައް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި؟
ޕީ.އެސް.ޖީ އިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ އެންމެ ފަހަރުއެވެ. އެއީ މިދިޔަ ސީޒަނުގައެވެ. މީގެ ކުރިން 2019 ވަނަ އަހަރު ފައިނަލަށް ދިޔަ ނަމަވެސް، ބަޔާން މިއުނިކް އަތުން 1-0 އިން އެ ޓީމު ބަލިވީއެވެ.
އާސެނަލުން ކިތައް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި؟
އާސެނަލުން މިހާތަނަށް ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެއް ނުވެއެވެ. މިއީ އެ ޓީމު ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2006 ވަނަ އަ ހަރު ފައިނަލުގައި ބާސެލޯނާ އަތުން 2-1 އިން ބަލިވެ، އާސެނަލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
ކުރިމަތިލުންތަކުގެ ތާރީޚު (Head-to-head)މިއީ މި ދެ ޓީމު ބައްދަލުކުރާ އަށްވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު މެޗުތަކުގެ ތެރެއިން ކޮންމެ ޓީމެއްވެސް ވަނީ ދެ ފަހަރު މޮޅުވެފައެވެ.
މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރީ ކުރީގެ ޔޫއެފްއާ ކަޕް ވިނާސް ކަޕްގައެވެ. އެ ފަހަރު އާސެނަލް ކުރިހޯދީ އެގްރިގޭޓް 2-1 އިންނެވެ. އެއީ އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވެ، ޕެރިހުގައި ކުޅުނު މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ.
ޕީ.އެސް.ޖީ ޓީމުގެ ޚަބަރުތައް:
ބެލެންޑިއޯ ކާމިޔާބުކޮށްފައިވާ އުސްމާން ޑެމްބެލޭ، ސީޒަނުގެ ފަހު މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުނެވެ. އޭނާއަކީ ފައިނަލަށް ތައްޔާރުވުމުގެ ގޮތުން އަރާމުކުރަން ފުރުސަތު ނުދޭ މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފޯވާޑެކެވެ.
އަޝްރަފް ހަކީމީ އާއި ލޫކަސް ޝެވަލިއޭ މެޗަށް ފިޓްވާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ނޫނޯ މެންޑޭޒް ފިޓްވާނެ ކަމަށް ބެލެވެއެވެ.
ޕީ.އެސް.ޖީގެ ފެށުމަށް ބެލެވޭ ލައިންއަޕް:ސަފޮނޯވް؛ ޒައިރް-އެމެރީ، މާކީނިއޯސް، ޕަޗޯ، މެންޑޭޒް؛ ނެވޭސް، ވިޓީނިއާ، ރޫއިޒް؛ ޑުއޭ، ޑެމްބެލޭ، ކްވަރަޓްސްކޭލިއާ
އާސެނަލް ޓީމުގެ ޚަބަރުތައް:
އަށް ހަފުތާ ވަންދެން އަނިޔާގައި ހުރި ޔޫރިއަން ޓިމްބާ މި މެޗުގައިވެސް ނުފެންނާނެ ކަމަށް ބެލެވެއެވެ. އަދި ބެން ވައިޓް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ވަނީ ކަށަވަރުވެފައެވެ.
ނޯނީ މަޑުއޭކޭގެ ފައިގެ ފަހަތު މަސްގަނޑަށް މައްސަލައެއް ދިމާވި ނަމަވެސް، އޭނާ މެޗަށް ފިޓްވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ފްލޭންކުން ފުރުސަތު ލިބޭނީ ބުކާޔޯ ސަކާއަށް ކަމަށް ބޮޑަށް ބެލެވެއެވެ.
އާސެނަލްގެ ފެށުމަށް ބެލެވޭ ލައިންއަޕް:ރާޔާ؛ މޮސްކޭރާ، ސަލީބާ، ގަބްރިއަލް، ހިންކާޕީ؛ ލުވިސް-ސްކެލީ، ރައިސް؛ ސަކާ، އޮޑެގާޑް، ޓްރޮސާޑް؛ ގިއޮކެރޭސް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

