މިދިޔަ ހަފްތާގެ ތެރޭގައި އައްޑޫސިޓީ ހިތަދޫގައި ބޭއްވުނު "މައިލޯ އެކެޑެމީ ޗެމްޕިއަންޝިޕް 2026" އަކީ ފުޓްބޯޅައިގެ ފޯރިގަދަ، އަދި އެހާމެ ކާމިޔާބު މުބާރާތެކެވެ. އައްޑޫސިޓީގެ އެކި އަވަށްތަކުން ޓީމުތައް ވާދަކުރި މި މުބާރާތަކީ ކުޑަކުދިންގެ ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
ނަމަވެސް، މި ފަދަ ބޮޑު މުބާރާތެއްގައި މީދޫގައި ހިންގާ އެކެޑެމީން ބައިވެރިވެފައި ނުވުމަކީ ފާހަގަކޮށްލަންޖެހޭ ހިތާމަވެރި ކަމެކެވެ.

މި މުބާރާތުގައި މީދޫގައި ހިންގާ އެކެޑެމީން ޓީމެއް ބައިވެރިވެފައި ނުވި ނަމަވެސް، މީދޫގެ ދެ ކުޅުންތެރިން ކަމަށްވާ އާން އަދި ޝަޔާމް ވަނީ ހިތަދޫ އަޒުމީ ސްޕޯޓްސް އެކެޑެމީގެ ދައުވަތު ގަބޫލުކޮށް، އެ އެކެޑެމީގެ 10 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ.
މި ދެ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު، އަޒުމީ ސްޕޯޓްސް އެކެޑެމީ ވަނީ މުޅި މުބާރާތުގެ 10 އަހަރުން ދަށުގެ އުމުރުފުރާއިން ޗެމްޕިއަންކަން ހޯދާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މުބާރާތުގެ ހުރިހާ މެޗެއްގައިވެސް މި ދެ ކުޅުންތެރިން ވަނީ ފުލްކޮށް ކުޅެ، ތަފާތު މޮޅު ކުޅުމެއް ދައްކައި އެކުދީންގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް މީދޫގައި ހިންގާ އީޓީއެފްއޭ (ETFA) އަށް ވެސް ދައުވަތު ލިބުނުކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ދަތުރުފަތުރުގެ ކަންކަން ހަމަޖެހިފައި ނުވާތީ ކަމަށް ބުނެ އެ އެކެޑެމީން ވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމާފައެވެ.

މިއީ ހުޅުދޫއާއި މީދޫގެ ގިނަ ކުޅުންތެރިންތަކަކަށް ލިބުނު ރަނގަޅު ފުރުސަތެއް ގެއްލިގެން ދިޔުމެކެވެ. އަބަދު ރަށުގައި ތިބެގެން، ރަށަށް ޓީމުތައް ގެނެސްގެން ކުޅުމުގެ ބަދަލުގައި، ރަށުން ބޭރުގެ މާޙައުލުތަކުގައި ވާދަކުރުމަކީ ކުޅުންތެރިންގެ ނަފްސާނީ އަދި ފަންނީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ދަތުރުގެ ދަތިކަމަކީ ބަހަނާއަކަށް ދެއްކި ނަމަވެސް، މިއީ ބެލެނިވެރިންނާއި އެމްޓީސީސީ (MTCC) ފަދަ މުއައްސަސާތަކާ ވާހަކަދައްކައިގެން ހައްލުކުރެވިދާނެކަމެއްކަމަށް ފެނެއެވެ.
މިއަދު ބެލެނިވެރިން އެކެޑެމީތަކަށް ބޮޑު ހޭދައެއް ކުރަނީ އެ ބޭފުޅުންގެ ދަރިންނަށް ކުރިއެރުން ލިބި، މުބާރާތްތަކުގައި ވަނަތައް ހޯދާތަން ބަލާށެވެ. މިފަދަ ފުރުސަތުތައް ދޫކޮށްލުމަކީ ތަމްރީނުވަމުންދާ ކުޅުންތެރިންގެ މާޔޫސްކަން އިތުރުވެ، އެކުދިންގެ ހިތްވަރު އެލޭނެ ކަމެކެވެ.

އެކެޑެމީތަކަކީ ހަމައެކަނި ވިޔަފާރި އުސޫލުން ހިންގާ ތަންތަނަށް ވެގެން ނުވާނެއެވެ. އެކެޑެމީތަކުން އަހަރީ ކަލަންޑަރެއް ތައްޔާރުކޮށް، މާލެ އާއި ފުވައްމުލައް ފަދަ ރަށްރަށުގައި ބޭއްވޭ އެކެޑެމީ މުބާރާތްތަކަށް ކުދިން ފޮނުވުމުގެ ރޭވުންތެރިކަން ހުންނަންޖެހެއެވެ. ކުދިންނަށް ކުރިއެރުން ލިބޭނީ އެކި ފެންވަރުގެ ކުޅުންތެރިންނާއެކު ގިނަ މުބާރާތްތަކުގައި ވާދަކޮށްގެންނެވެ.
މި މުބާރާތުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނުނު މީދޫގެ ފަޚުރުވެރި ދެ ދަރިން ކަމަށްވާ އާން އަދި ޝަޔާމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ. ތިޔަ ދެ ކުޅުންތެރިން ދެއްކެވި ހިތްވަރާއި މޮޅު ކުޅުމަކީ މުޅި މީދޫއަށް ލިބުނު ފަޚުރެކެވެ. އުއްމީދަކީ ކުރިއަށް އޮތް ތަނުގައި މީދޫގެ އެކެޑެމީން އިތުރު ކުޅުންތެރިންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދީ، ރަށުގެ ފުޓްބޯޅަ އައު އުސްމިންތަކަކަށް ގެންގޮސްދިނުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

