ސައުދީ ލީގުގެ ޗެމްޕިއަންކަން އަލް ނަޞްރަށް ހޯދައިދިނުމަށްފަހު، އެ ޓީމުގެ ތަރި ޔާއޯ ފިލިކްސް 2025-26 ވަނަ އަހަރުގެ 'ޕްލޭޔަރ އޮފް ދަ ސީޒަން' ނުވަތަ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކާމިޔާބުކޮށްފިއެވެ.
ޕޯޗުގަލްގެ މި ހުނަރުވެރި ކުޅުންތެރިޔާ މި ޝަރަފުވެރި އެވޯޑު ހޯދީ އޭނާގެ ޓީމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ރަން ބޫޓު ހޯދި ހޫލިއަން ކިނޯނޭސް، އަލް އަހްލީގެ އިވާން ޓޯނީ އަދި އަލް ހިލާލްގެ ރޫބެން ނެވެސް އާ ވާދަކޮށްގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީން ބަދަލުވި ފިލިކްސް ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކެއް ހަދައި، ޖުމްލަ 20 ގޯލު ޖަހައި 13 އެސިސްޓް ހަމަކޮށްފައެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާ ވެސް މެއެވެ. މީގެ އިތުރުން 33 މެޗުން ނުވަ ފަހަރު 'މޭން އޮފް ދަ މެޗް' ކަން އޭނާ ހޯދިއެވެ.

މި އެވޯޑުތަކުގެ ނަތީޖާ ކަނޑައަޅާފައިވަނީ ލީގުގެ 18 ކްލަބުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން، ސައުދީގެ ކުޅިވަރު ނޫސްވެރިންނާއި ސަޕޯޓަރުންގެ ވޯޓުންނެވެ.
އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އަލް ނަޞްރުގެ ޖޯޖް ޖީސަސްއެވެ. އޭނާ ވަނީ ހަތް އަހަރަށްފަހު އަލް ނަޞްރަށް ލީގު ތަށި ހޯދައިދީފައެވެ. ޖުމްލަ 34 މެޗުގެ ތެރެއިން 28 މެޗުން މޮޅުވެ، އަލް ހިލާލަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެން އަލް ނަޞްރުން ތަށި އުފުލާލިއިރު، އެ ޓީމުން ވަނީ ލީގުގައި އެންމެ ގިނަ ގޯލު (91 ގޯލު) ޖަހައި، 17 މެޗުގައި ގޯލެއް ވަނަނުދީ ހިފަހައްޓާފައެވެ.

އެންމެ މޮޅު ސައުދީ ކުޅުންތެރިޔާގެ މަގާމު ހޯދީ އަލް ގާދިސިއްޔާގެ މުޞްޢަބު އަލް ޖުވައިރުއެވެ. އުމުރުން 22 އަހަރުގެ ޖުވައިރު ވަނީ މިދިޔަ ސީޒަނުގައި 6 ގޯލު ޖަހައި 11 އެސިސްޓް ފޯރުކޮށްދީފައެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ އަލް ޚުލޫދު ކްލަބުގެ ޢަބްދުލްޢަޒީޒް އަލް އުލައިވާއެވެ.

ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށްދޭ 'ގޯލްޑަން ބޫޓް' ހޯދީ އަލް ގާދިސިއްޔާގެ ހޫލިއަން ކިނޯނޭސްއެވެ. އޭނާ ވަނީ 33 ގޯލު ޖަހައި، ލީގުގެ އެންމެ ފަހު މެޗުގައި ހެޓްރިކެއް ހަދައިގެން އިވާން ޓޯނީއަށްވުރެ ކުރި ހޯދާފައެވެ.
އެންމެ މޮޅު ގޯލްކީޕަރަށްދޭ 'ގޯލްޑަން ގްލަވް' ކާމިޔާބުކުރީ އަލް އަހްލީގެ އެޑޮއާޑް މެންޑީއެވެ. އޭނާ ވަނީ 14 މެޗުގައި ގޯލެއް ވަނަނުދީ ހިފަހައްޓާފައެވެ. އަލް ހިލާލްގެ ޔާސީން ބޯނޯ ވެސް 14 މެޗުން ކްލީން ޝީޓް ހޯދި ނަމަވެސް، މެންޑީއަށް މި އެވޯޑު ލިބުނީ ބޯނޯއަށްވުރެ މަދުން ގޯލު ވަދެފައިވުމާއި ތިން ޕެނަލްޓީ ދިފާއުކޮށްފައިވާތީއެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

