އޯލެވެލް އިމްތިހާނުން އަތޮޅުމަދަރުސާގެ ދަރިވަރު ޝަޒާ ޝަބީދު ހޯދި ބޮޑު ކާމިޔާބީ ފާހަގަކޮށް، އެ މަދަރުސާގެ ފަރާތުން ޝަޒާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޝަޒާ ޝަބީދު ވަނީ މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި މާއްދާތަކުން ނުހަނު ފަޚުރުވެރި ނަތީޖާއެއް ހާސިލުކޮށްފައެވެ. އެގޮތުން ބަޔޮލޮޖީ، ކެމިސްޓްރީ، ކޮމްޕިއުޓަރ ސައިންސް، ފިޒިކްސް، މެތަމެޓިކްސް އަދި އިނގިރޭސި، މި ހަ މާއްދާއިން ޝަޒާ ވަނީ އެންމެ މަތީ ގްރޭޑް ކަމަށްވާ 'އޭ ސްޓާރ' (A*) ހޯދާފައެވެ. މިއީ މުޅި މަދަރުސާއަށާއި އަތޮޅަށްވެސް ލިބުނު ފަޚުރެކެވެ.
ޝަޒާ ހޯދި މި މަތީ ކާމިޔާބީއާ ގުޅިގެން، އަތޮޅުމަދަރުސާގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އާންމުކުރި މަރުހަބާގެ މެސެޖުގައި ޝަޒާގެ ހީވާގިކަމާއި ފަރުވާތެރިކަން ވަނީ ފާހަގަކޮށްފައެވެ. އެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކާމިޔާބީއަކީ ޝަޒާ ކިޔެވުމަށް ދިން ޚާއްޞަ ސަމާލުކަމާއި، ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާއެވެ. އަދި މިއީ އޭނާގެ ކިބައިގައި ހުރި ވަރުގަދަ އަޒުމާއި، ކެތްތެރިކަމާއި، ކިޔެވުމުގައި ބެހެއްޓި ސާބިތުކަމުގެ ނަތީޖާކަންވެސް މަދަރުސާއިން ފާހަގަކުރެއެވެ.
އަތޮޅުމަދަރުސާގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ،
"ތި ހޯދި ކާމިޔާބު ނަތީޖާއަށް އަޅުގަނޑުމެން އިންތިހާއަށް ފަޚުރުވެރިވަން،"
މީގެއިތުރުން، ޝަޒާގެ ކުރިމަގުގެ ތައުލީމީ ޙަޔާތުގައި އިތުރު ކާމިޔާބީތަކަށް އެދި، އަންނަން އޮތް ދުވަސްތަކަކީ އުފާވެރި ބަރަކާތްތެރި ދުވަސްތަކެއް ކަމުގައި މިންވަރުކުރެއްވުމަށް އެދި އެ މަދަރުސާއިން ވަނީ ހެޔޮދުއާ ކޮށްފައެވެ.
ޝަޒާ ޝަބީދު ހޯދި މި ރަންވަނައަކީ އަތޮޅުމަދަރުސާގެ އެހެން ދަރިވަރުންނަށްވެސް ލިބިގެންދިޔަ ނަމޫނާއެއްކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

