ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ "ޖަޒީރާ ދަނޑުވެރިޔާ" ފައުންޑޭޝަނުން އިސްނަގައިގެން، މެލަން އާއި ކިއުކަންބާ އިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

ޖަޒީރާ ދަނޑުވެރިޔާގެ ފައުންޑަރ ހަސަން ރަޝީދު އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 އިން 4 އަށެވެ.
ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށެވެ. ރޭގަނޑު 8:00 އިން 10:00 އަށް ކުރިއަށްގެންދާ މި ސެޝަންތަކުގައި، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން މައިގަނޑު ހަތަރު ދާއިރާއަކުން އިރުޝާދު ދިނުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
މުޑުވައް ޚިޔާރުކުރުން:
ރާއްޖޭގެ މާޙައުލާ ގުޅޭ، އެންމެ ފައިދާހުރި މުޑުވައް ދެނެގަންނާނެ ގޮތްތައް.
ގަހުގެ އެކި އުމުރުފުރާގައި ސަމާލުކަންދޭންވީ ކަންތައްތައް:
އޮށުން ފެށިގެން ގަސް ހެދި ބޮޑުވަމުން އަންނައިރު ފޯރުކޮށްދޭންޖެހޭ އަޅާލުން.
ގަހަށް ކާނާ ދިނުމާއި ފެންދިނުން:
ގަހަށް ބޭނުންވާ މާއްދާތަކާއި، ފެންދޭންޖެހޭ މިންވަރާއި ވަގުތުތަކަށް ސަމާލުކަންދޭނެ ގޮތް.
ބަލިތައް މެނޭޖްކުރުން:
ގަސްތަކަށް ޖެހޭ ތަފާތު ބަލިތަކާއި، ސޫފިތަކުން ގަސްތައް ސަލާމަތްކުރާނެ ފަންނީ އުކުޅުތައް.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9981011 ނަންބަރު ފޯނާ ގުޅުމުން އެކަންތައްތައް ހަމަޖެހިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ލިއުމެއްގައި ބުނެފައިވެއެވެ.
މިއީ ގޭގައި ތިބެގެން ދަނޑުވެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް، އަމިއްލަ މަސައްކަތުން ނަތީޖާ ނެރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

