ކްރިސްޓަލް ޕެލެސްގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދައި، މެންޗެސްޓަރ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ. މިއާއެކު، މި ސީޒަނުގެ ލީގު ތަށީގެ ވާދަވެރިކަން މިވަނީ ސީޒަނުގެ އެންމެ ފަހު ހަފްތާއަށް ދެމިގެން ގޮސްފައެވެ.
ޕެޕް ގާޑިއޯލާގެ ޓީމަށް ބުދަ ދުވަހުގެ މެޗުން މޮޅުނުވެވުނުނަމަ، ހޯމަ ދުވަހު ބާންލީ ބަލިކޮށްގެން ލީގު ތަށި ކަށަވަރުކުރުމުގެ ފުރުސަތު އާސެނަލްއަށް ލިބުނީހެވެ. ނަމަވެސް، ސިޓީން މި ހޯދި މޮޅާއެކު، ތަށީގެ މި ފޯރިގަދަ ކުރިމަތިލުން ސީޒަނުގެ އެންމެ ފަހު ވަގުތާ ހަމައަށް ދާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

އަންނަ ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕް ފައިނަލަށް ވިސްނައި، ކޯޗު ގާޑިއޯލާ ވަނީ ރޭ ކުޅުވުނު މެޗްގައި ސިޓީގެ ފުރަތަމަ އެގާރައަށް ހަ ބަދަލެއް ގެނެސްފައެވެ. މީގެ ތެރޭގައި އެޓީމުގެ ވަރުގަދަ ފޯވާޑް އާލިން ހާލަންޑާއި، ރަޔާން ޗެރްކީގެ އިތުރުން މިދުވަސްވަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖެރެމީ ޑޯކޫ ވެސް ބެންޗުގައި ބޭންދިއެވެ.
ރޭ ކުޅެވުނު މިމެޗުގެ ކުރީކޮޅު މި ގިނަ ބަދަލުތަކުގެ އަސަރު ސިޓީގެ ކުޅުމުން ފެނި، ކުޅުން ކުޑަކޮށް މަޑުޖެހިފައި އޮތް ނަމަވެސް، މިޑްފީލްޑަރު ފިލް ފޯޑެންގެ ހުށިޔާރުކަމާއެކު މެޗުގެ ފޯރި ގަދަވެގެންދިޔައެވެ. އިނގިރޭސި މި މިޑްފީލްޑަރުގެ ހިތްގައިމު "ބެކްހީލް" ޕާހަކުން އެންޓޮއިން ސެމެންޔޯ ވަނީ މެޗްގެ 32 ވަނަ މިނިޓްގައި ސިޓީއަށް ލީޑު ނަގައިދީފައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗްގެ 40 ވަނަ މިނިޓްގައި ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އުމަރު މާމޫޝް ވަނީ ނަތީޖާ ދެލަނޑު ސުންލަނޑަށް ބަދަލުކޮށްލާފައެވެ.
މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑަށްފަހު، ޕެލެސްގެ ފުލްބެކް ޓައިރިކް މިޗެލް ފޮނުވާލި ބާރު ހަމަލާއެއް ސިޓީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.
މިއީ މުޅި މެޗުގައިވެސް ޕެލެސްއަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު 84 ވަނަ މިނިޓްގައި ސަވީނިއޯ ކާމިޔާބުކޮށްދިން ތިންވަނަ ލަނޑާއެކު، ސިޓީން ވަނީ މެޗްގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މިދިޔަ މާރިޗު މަހު ކަރަބާއޯ ކަޕް ފައިނަލުގައި ކުޅެން ޖެހުމުގެ ސަބަބުން ފަސްކުރެވުނު މި މެޗު ކުޅެ ނިމުމުން، ތާވަލުގެ ކުރީގައި އޮތް ދެ ޓީމުވެސް މިހާރު ވަނީ 36 މެޗު ފުރިހަމަކޮށްފައެވެ. އާސެނަލްއަށް ބާކީ އޮތް ދެ މެޗުން މޮޅުވެއްޖެނަމަ، ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު އެޓީމަށް ލީގު ތަށި ލިބޭނެއެވެ. އަދި އަންނަ ހޯމަ ދުވަހު އާސެނަލް މޮޅުވެ، އޭގެ އަނެއް ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ ބަލިވެއްޖެނަމަ، އާސެނަލްއަށް މާކުރިން ތަށި ކަށަވަރުވާނެއެވެ. އެހެންނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު ފެންނަނީ، އާސެނަލްއަށް ތަށި ލިބެން އޮތީ އެހެން ބަޔަކު ދޭ ހަދިޔާއެއްގެ ގޮތުގައި ނޫން ކަމާއި، އަމިއްލަ މަސައްކަތުން މޮޅުވެގެން ކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

