ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އެސް.އެސް ލާޒިއޯ 2-0 އިން ބަލިކޮށް، އިންޓަ މިލާނުން ކޮޕާ އިޓަލިއާގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ އެޓީމު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި 10 ވަނަ ފަހަރެވެ. އަދި މިއީ 2010 ވަނަ އަހަރަށްފަހު އެ ޓީމުން އިޓަލީގެ އެންމެ ޝަރަފުވެރި ދެ ތަށި (ލީގާއި ކަޕް) އެއް ސީޒަނެއްގައި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ރޭ ކުޅެވުނު މިމެޗުގެ 14 ވަނަ މިނެޓުގައި މިލާނުން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މިލަނޑަކީ މިލާނުގެ ފެޑެރީކޯ ޑިމާކޯ ނެގި ކޯނަރެއް މާކަސް ތުރާމްގެ ބޮލުގައި ކުޑަކޮށް ޖެހިފައި ގޮސް، ލާޒިއޯގެ އާދަމް މަރޫސިޗްގެ ބޮލުގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.
މިމެޗްގައި އިންޓައިން ދެވަނަ ލަނޑު ކާމިޔާބުކުރީ ލާޒިއޯގެ ނޫނޯ ޓަވަރޭސް އަތުން ޑެންޒެލް ޑަމްފްރީސް ބޯޅަ ހޯދައި، ވަރަށް ހަމަޖެހިލާފައި ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ލައުޓާރޯ މާޓީނޭޒްއެވެ.
ފުރަތަމަ ހާފު ނިމުނުއިރު ލާޒިއޯގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން އެ ޓީމުން ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން އެޓީމުގެ ޓިޖާނީ ނޮސްލިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައެވެ. އަދި މެޗުގެ ފަހުކޮޅު ބޫލާޔޭ ޑިއާ ފޮނުވާލި ހަމަލާ އިންޓަގެ ކީޕަރު ޖޯސެފް މާޓީނޭޒް ހުށިޔާރުކަމާއެކު ދިފާއުކޮށް، ފައިވެއެވެ.
ދެވަނަ ހާފްގައި އިންޓައިން ވެސް ވަނީ ކައުންޓަ އެޓޭކުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތަކުން ލުއިސް ހެންރީކޭ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވިއިރު، ޕިއޮޓްރޭ ޒިއެލިންސްކީ ފޮނުވާލި ހަމަލާވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މިއީ 2017/18 ވަނަ އަހަރުގެ ސީޒަނުގައި ޔުވެންޓަސްއިން ހޯދި ކާމިޔާބީއަށްފަހު، އެއް ސީޒަނެއްގައި ސެރީ އޭ އާއި ކޮޕާ އިޓަލިއާ ކާމިޔާބުކުރި ފުރަތަމަ ޓީމަށް އިންޓަ ވެގެންދިޔަ ފަހަރެވެ. މިއީ ކޯޗު ކްރިސްޓިއަން ޗީވޫގެ އިރުޝާދުގެ ދަށުން އެ ޓީމުން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
އަނެއްކޮޅުން، އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކަށް ކޮލިފައިވުމަށް ލާޒިއޯއަށް އޮތް ހަމައެކަނި ފުރުސަތު މި ބައްޔާއެކު ވަނީ ގެއްލިފައެވެ. އެ ޓީމުގެ މިހާރުގެ އަމާޒަކީ ފާއިތުވި 16 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ތާވަލުގެ ފަހަތު ބައިގައި ނިންމާލަން ޖެހިދާނެތީ އެކަމުން ސަލާމަތްވުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

