ފާއިތުވި ހަފުތާތަކުގައި ރެއާލް މެޑްރިޑްގެ އެތެރޭގެ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ހަފްތާއެކެވެ. މި ހަފުތާގެ ކުރީކޮޅު ފެޑެރިކޯ ވަލްވާޑޭ އާއި އައުރެލިއަން ޗުއާމެނީގެ ދެމެދުގައި ހިނގި ކުރިމަތިލުމަކާ ގުޅިގެން ވަލްވާޑޭ އަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.
މީގެ އިތުރުން، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އެމްބާޕޭ، އޭނާގެ އާ ލޯބިވެރިޔާއާ އެކު ޗުއްޓީއަށް ދިޔަ މައްސަލައިގައި 20 މިލިއަނަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ އޭނާ ވިއްކާލުމަށް ގޮވާލާފައެވެ. މި ހިތްހަމަނުޖެހުން އުފެދުނީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މުހިންމު "އެލް ކްލަސިކޯ" މެޗުގެ ކުރިން އޭނާ ޗުއްޓީއަށް ދިއުމުންނެވެ.
މީގެ އިތުރަށް ހޮނިހިރު ދުވަހުގެ ތަމްރީނުތަކުގެ ތެރެއިން ފެނުނު މަންޒަރުތަކުން ފެންނަނީ، އުމުރުން 33 އަހަރުގެ ކޯޓުއާ ބޯޅަ ހޯދުމަށް ފުންމައިގެން އަރާ، އެމްބާޕޭގެ ބޮލާ ދިމާލަށް ފައި ހިއްލާލި މަންޒަރެވެ. މި ހާދިސާއާ ގުޅިގެން އެމްބާޕޭ ބައެއް ކަހަލަ ހިތްހަމަނުޖެހުންތަކެއް ފާޅުކުރި ނަމަވެސް، ދެ ކުޅުންތެރިންގެ މެދުގައި އިތުރު ހަމަނުޖެހުމެއް ނުހިނގައެވެ.
މީގެ އިތުރުން، "ދި އެތުލެޓިކް" އިން ރިޕޯޓުކުރި ގޮތުގައި، ތަމްރީނު ގޭމެއްގެ ތެރޭގައި އޮފްސައިޑް ކަމަށް ނިންމި ނިންމުމަކާ ގުޅިގެން އެމްބާޕޭ ވަނީ ކޯޗިން ސްޓާފަކާ ހަރުކަށި ބަހުން މުއާމަލާތްކޮށްފައެވެ. މި ހާދިސާގެ ސަބަބުން ޓީމުގެ އެތެރޭގެ ރޫޙަށް އަސަރުކޮށް، އެމްބާޕޭ ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު މިހާރު ވަނީ 70 މިލިއަނަށް އަރާފައެވެ.
މީގެ އިތުރަށް ޓީމުގެ އެހެން ކުޅުންތެރިންގެ މެދުގައިވެސް ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އެންޓޯނިއޯ ރޫޑިގާ ވަނީ ޗޭންޖިން ރޫމް ތެރޭގައި އަލްވާރޯ ކަރޭރަސްގެ ކޮލުގައި ޖަހާފައެވެ. ނަމަވެސް ފަހުން ރޫޑިގާ ވަނީ އެކަމަށް މަޢާފަށް އެދި، ޓީމުގެ ކުޅުންތެރިންނާއި އެމީހުންގެ އާއިލާތަކަށް ކެއުމެއް ދީފައެވެ.
އެންމެ ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި ފާހަގަކުރެވުނީ ވަލްވާޑޭ އާއި ޗުއާމެނީގެ ދެމެދުގައި ހިނގި ކުރިމަތިލުމެވެ. ތަމްރީނުތަކުގެ ތެރޭގައި ހިނގި ދެބަސްވުމަކަށްފަހު، ޗޭންޖިން ރޫމް ތެރޭގައި ވަލްވާޑޭގެ ބޮލަށް ލިބުނު ހަމަލާއަކާ ގުޅިގެން އޭނާގެ ސިކުނޑިއަށް ގެއްލުންތަކެއް (traumatic brain injury) ލިބިފައިވާ ކަމަށް ކުލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައްސަލަ ބެލުމަށްފަހު، ދެ ކުޅުންތެރިންވެސް ވަނީ 440,000 ޕައުންޑުން ޖޫރިމަނާކޮށްފައެވެ.
މި ހުރިހާ ހަމަނުޖެހުންތަކެއްގެ ތެރެއިންވެސް، ކޯޓުއާ އާއި އެމްބާޕޭގެ ދެމެދުގައި ހިނގި ހާދިސާ ނިމިގެންދިޔައީ ސަމާސާ މިޒާޖެއްގައެވެ. ނަމަވެސް މިއީ ރެއާލް މެޑްރިޑްގެ ތެރޭގައި އޮތް ބޮޑު ނުތަނަވަސްކަން ހާމަކޮށްދޭ ކަމެކެވެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

