މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޗެކް ރިޕަބްލިކް ސްލާވިއާ ޕްރާގްގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ދަނޑަށް އަރައި އިދިކޮޅު ކީޕަރަށް ހަމަލާދިނުމުން މެޗު ހުއްޓާލައިފިއެވެ.
ޕްރާގްގެ ދެ ކުލަބުގެ ދެމެދުގައި ކުޅެވުނު ފޯރިގަދަ ޑާބީ މެޗު ހުއްޓާލަން ޖެހުނީ، ސަޕޯޓަރުން ދަނޑަށް އަރައި ރޯކޮށްފައިވާ ފްލެއާސް (ބަޑިބޭހުގެ އާލާތްތައް) އުކައި، މަސްލަހަތު ގެއްލުމުގެ ސަބަބުންނެވެ.
ޗެކް ފަސްޓް ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ސްލާވިއާ ޕްރާގާއި ވާދަވެރި ސްޕާޓާ ޕްރާގް ބައްދަލުކުރި މި މެޗުގައި، ސްޕޯޓަރުން ދަނޑަށް އެރިއިރު ސްލާވިއާ އޮތީ 3-2 އިން ކުރީގައެވެ. މި މެޗުން މޮޅުވިނަމަ، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސްލާވިއާއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީހެވެ.
ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނެޓުގެ ތެރެއިން ހަތްވަނަ މިނެޓުގައި، މެޗުގެ ކޮންޓްރޯލް ގެއްލި ބޮޑު ހަމަނުޖެހުމަކަށް ބަދަލުވިއެވެ. ސަބަބަކީ ސްލާވިއާގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ކުއްލިއަކަށް ދަނޑުމައްޗަށް ދުވެ އެރުމުންނެވެ.
މީގެ ތެރެއިން ގިނަ ބަޔަކު ތިބީ ރޯކޮށްފައިވާ ފްލެއާސް ހިފައިގެންނެވެ. އެމީހުން ދަނޑުމައްޗަށް ފްލެއާސް އުކައި، އިދިކޮޅު ސަޕޯޓަރުން ތިބި ސަރަހައްދަށް ގޮސް އެމީހުންނާ ދިމާލަށް ބަޑިބޭހުގެ ސާމާނުން ހަމަލާދީފައިވަނީ ބިރުވެރި ގޮތަކަށެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ޓީމުގެ ކުޅުންތެރިންވެސް އެމީހުންގެ ސަލާމަތަށްޓަކައި ދަނޑުން ފައިބާ ޓަނަލާ ދިމާލަށް ވަރަށް ބާރަށް ދުވެފައިވެއެވެ.
ސްޕާޓާގެ ގޯލްކީޕަރު ޔަކޫބް ސުރޯވްޗިކްގެ ހަށިގަނޑުގައި އެއްޗަކުން ޖެހުމުގެ ސަބަބުން އޭނާ ލިބުނު ދަތު ބޮޑުކަމުން ކުޑަކަކޫ މައްޗަށް ތިރިވި މަންޒަރު ފެނުނެވެ. އޭނާ ވަނީ ސަޕޯޓަރުން އޭނާއަށް ހަމަލާދިން ކަމަށް ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ސުރޯވްޗިކް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވެއެވެ:
"މެޗު ކުރިއަށްދަނިކޮށް މީހަކު އަހަރެންގެ ގާތަށް ދުވެފައި އައިސް، މޫނުމައްޗަށް ބިރުދައްކައި، އަދި ހަމަލާދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. މި މައްސަލަ އަހަރެން ގާނޫނީ ގޮތުން ކުރިއަށް ގެންދާނަން."
ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، އޭނާގެ ޓީމު ކުޅުންތެރިޔާ މަތިއަސް ވޮޖްޓާ އަދި ސްޕާޓާގެ މެޑިކަލް ޓީމުގެ މެންބަރަކަށްވެސް ވަނީ ހަމަލާދީފައެވެ.
ދަނޑުގެ ގޮނޑިބަރިތަކުގައި ތިބި ސްލާވިއާގެ އެހެން ސަޕޯޓަރުން ވަނީ، ހަމަނުޖެހުން ހިންގި އެމީހުންގެ އަމިއްލަ ޓީމުގެ ސަޕޯޓަރުންނާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. ސަބަބަކީ ލީގު ކާމިޔާބީ ފާހަގަކުރަން އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށް، އެމީހުންގެ އަމަލުތަކުގެ ސަބަބުން އެ ފުރުސަތު ގެއްލުމުންނެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ފުރަތަމަ މެޗު މެދުކަނޑާލި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ މެޗު އެއްކޮށް ހުއްޓާލިކަން އިޢުލާންކުރިއެވެ. އިދިކޮޅު ޓީމުގެ ކުޅުންތެރިން ވަނީ އަވަސްއަވަހަށް އެމީހުންގެ ބަހަށް އަރައިގެން އީޑަން އެރީނާ ދޫކޮށް ގޮސްފައެވެ.
މިހާރު ސްލާވިއާ ޕްރާގުން އިންތިޒާރު ކުރަމުންދަނީ ކަމާބެހޭ ފަރާތްތަކުން އެމީހުންނަށް ދޭނެ އަދަބަކަށެވެ. ބޮޑަށް ބެލެވެނީ މި މެޗުން އެމީހުން ބަލިވިކަމަށް ނިންމާނެ ކަމަށެވެ.
ސްލާވިއާގެ ޗެއާމަން ޔަރޮސްލާވް ޓްވްރްޑިކް ވިދާޅުވީ،
"މިހެން ބުނަން ޖެހުމުން ވަރަށް ބޮޑަށް ދެރަވޭ، ސަބަބަކީ އަހަރެން ހީކުރީ އަހަރެމެން އެންމެން އެކުގައި ލީގު ކާމިޔާބީ ފާހަގަކުރާނެ ކަމަށް. ނަމަވެސް ކަންތައްތައް މި ދިޔައީ މުޅިން ތަފާތު ގޮތަކަށް. ސްޕާޓާގެ ދެ ކުޅުންތެރިއަކަށް ވަނީ ޖިސްމާނީ ގޮތުން ހަމަލާދީފައި. އިދިކޮޅު ޓީމު މިހާރު ވަނީ ދަނޑުން ގޮސްފައި. މެޗު އޮފިޝަލުންނާއި، ސެކިއުރިޓީ އަދި ފުލުހުން ވަނީ މެޗު ނިންމާލަން ނިންމާފައި."
މި ހަމަނުޖެހުމުގެ ސަބަބުން އީޑަން އެރީނާ ތެރޭގައި އުފެދުނީ ބިރުވެރި އަދި ހިތްދަތި މަންޒަރުތަކެކެވެ.




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

