ޔޫރަޕްގެ މިހާރުގެ ޗެމްޕިއަން، ބަޔާން މިއުނިކްގެ މައްޗަށް 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައި، ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ޕީ.އެސް.ޖީ އިން ހޯދުމާއެކު، އެންރީކޭ ބުނީ އޭނާގެ ޓީމަށްވުރެ ވަރުގަދަ އެހެން ޓީމެއް މިވަގުތު ނެތް ކަމަށެވެ.
އެލިއަންޒް އެރީނާގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗު 1-1 އިން އެއްވަރުވެ 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައި، ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ޕީ.އެސް.ޖީ އިން ހޯދުމާއެކު، އެންރީކޭ ބުނީ އޭނާގެ ޓީމަށްވުރެ ވަރުގަދަ އެހެން ޓީމެއް މިވަގުތު ނެތް ކަމަށެވެ.
ރޭ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗު 1-1 އިން އެއްވަރުވީ، މެޗުގެ ތިންވަނަ މިނެޓުގައި އޮސްމާން ޑެމްބޭލޭ ޕީ.އެސް.ޖީ އަށް ލީޑު ނަގައިދީފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ބަޔާންގެ ހެރީ ކޭން ޖެހި ލަނޑުންނެވެ. މި ނަތީޖާއާއެކު، ފްރެންޗް ޓީމުން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
ލީގު ބުރު ނިމުނުއިރު ގަދަ އަށެއްގެ ތެރޭގައި ނުހިމެނި ޕްލޭއޮފް ކުޅެން ޖެހުނު ނަމަވެސް، އެންރީކޭ ސާބިތުކަމާއެކު ބުނަމުންދިޔައީ ޕީ.އެސް.ޖީ އަކީ ޔޫރަޕްގެ އެންމެ މޮޅު ޓީމު ކަމަށެވެ. އަދި ބަޔާން ބަލިކޮށް، މޭ 30 ގައި ހަންގޭރީގެ ބުޑަޕެސްޓްގައި އޮންނަ ފައިނަލަށް ދަތުރުކުރުމުން އޭނާގެ އެ ބުނުމަކީ ތެދެއްކަން ސާބިތުވެއްޖެ ކަމަށް އޭނާ ބުންޏެވެ.
ރޭގެ މެޗަށްފަހު ފައިނަލް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން " އާނ، އެ ފުރިހަމަ އިތުބާރު އެބައޮތް،"
އެންރީކޭ ބުންޏެވެ.
"ގްރޫޕް ސްޓޭޖަށްފަހު އަހަރެން ބުނި ވާހަކަ ހަނދާން އެބަހުރިތަ؟ އަހަރެމެންނަށްވުރެ މޮޅު ޓީމެއް ނެތް ކަމަށް އޭރު ބުނިން. ބައެއް ފާޑުކިޔުންތެރިން ބުނަމުންދިޔައީ ޕީ.އެސް.ޖީ އެހާ ވަރުގަދަ ނޫން ކަމަށް، އެކަމަކު އަހަރެންގެ ބުނުމަކީ ތެދެއްކަން މިއަދު މިވަނީ ސާބިތުވެފައި."
ރޭ ނޫސްވެރީންނާ ވާހަކަ ދައްކަމުން އެންރީކޭ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނީ ބަޔާން އަކީ އެމީހުންގެ ފެންވަރުގެ ވަރުގަދަ ޓީމެއް ކަމަށާއި، ފައިނަލުގައި ބައްދަލުކުރާ އާސެނަލް އަކީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކުރަމުން އަންނަ ޓީމެއް ކަމަށެވެ. ނަމަވެސް، ކޮންމެ ފަދަ އިދިކޮޅު ޓީމަކާ ދެކޮޅަށް ވެސް ކުޅުމުގެ ގާބިލުކަން ޕީ.އެސް.ޖީގައި ހުރިކަން ފާއިތުވި ތިން އަހަރު ސާބިތުކޮށްދީފައިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޕީ.އެސް.ޖީގެ އެޓޭކިންގ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބެމުންދާއިރު، އެންރީކޭ ބުނީ މިއުނިކްގައި ދެއްކި ކުޅުމުން އެ ޓީމުގެ ޑިފެންސް ވެސް ވަރުގަދަކަން ހާމަވެއްޖެ ކަމަށެވެ.
"ބައެއް ފަހަރު ޑިފެންސަށް އިސްކަންދީގެން ކުޅެން ޖެހުނަސް، އަހަރެމެންނަށް އެކަން ކުރެވޭނެކަން މިއަދު ފެނިއްޖެ. އެފަދަ 'މެންޓަލިޓީ' އެއްގައި ކުޅުންތެރިން ފެނުމަކީ ވަރަށް ބޮޑު އުފަލެއް،"
ބާސެލޯނާގެ ކުރީގެ ކޯޗު ބުންޏެވެ.
މީގެ އިތުރުން، ޕީ.އެސް.ޖީ އަކީ ފާއިތުވި ނުވަ ސީޒަނުގެ ތެރެއިން އަށް ފަހަރު ފްރެންޗް ލީގު ކާމިޔާބުކޮށްފައިވާ ޓީމެވެ. އަދި މިފަހަރު ވެސް އެ ޓީމު އޮތީ ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ތަށި އުފުލާލުމާ ވަރަށް ގާތުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

