ސ. އަތޮޅު މަދަރުސާގެ މިއަހަރުގެ އިންޓަރ ހައުސް އެތުލެޓިކްސް މުބާރާތް ކާމިޔާބީއާއެކު ނިންމާލެވުނު އިރު މިމުބާރާތުގެ ޗެމްޕިއަންކަން ހުރަވީ ހައުސްއިން ހޯދައިފިއެވެ. މީދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި ފޯރިގަދަ މުބާރާތަކީ އެ މަދަރުސާގެ ހަތަރު ހައުސްގެ މެދުގައި ބޭއްވުނު ވަރަށް ވާދަވެރި ހަރަކާތެކެވެ.
މި މުބާރާތުގެ އެއްވަނަ ހުރަވީ ހައުސްއިން ހޯދާފައިވަނީ ޖުމލަ 662 ޕޮއިންޓާއެކުގައެވެ. މުބާރާތުގެ ދެވަނަ 638 ޕޮއިންޓާއެކު ޝަމްސުއްދީން ހައުސް ހޯދިއިރު، 566 ޕޮއިންޓާއެކު ތިންވަނަ ލިބިފައިވަނީ ޣާޒީ ހައުސްއަށެވެ.

މުބާރާތުގެ ވަކިވަކި އުމުރުފުރާ ތަކުން އެންމެ މޮޅު އެތުލީޓުންނަށް ބަލާއިރު:
ގްރޭޑް 5 އަދި 6 އިގެ އުމުރުފުރާ:މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ހުރަވީ ހައުސްގެ އައިކާ ޝާނީޒެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދީ ޝަމްސުއްދީން ހައުސްގެ މުހައްމަދު ޒައިކު އިބްރާހިމްއެވެ.
ގްރޭޑް 7 އަދި 8 އިގެ އުމުރުފުރާ:މި އުމުރުފުރާއިން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހުރަވީ ހައުސްގެ އައިޝަތު އާލިޔާ ޝާފީއަލީ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ޝަމްސުއްދީން ހައުސްގެ މުހައްމަދު ޒައިކު ޝާހީންއެވެ.
ގްރޭޑް 9 އަދި 10 އިގެ އުމުރުފުރާ:މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ސިކަންދަރީ ހައުސްގެ އައިޝަތު މަލްކާ ސިޔާމެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ދެ ދަރިވަރަކު ވަނީ ހިއްސާކޮށްފައެވެ. އެއީ ހުރަވީ ހައުސްގެ މުހައްމަދު އަލްޔަން ފަތުހުﷲ އާއި ހަމަ އެ ހައުސްގެ ޒިހާން މުޠާލިބެވެ.
މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށާއި، އެތުލެޓިކްސްގެ ދާއިރާއިން ދަރިވަރުންގެ ހުނަރު އިތުރުކުރުމަށް މަގުފަހިވެގެންދިޔަ މުހިންމު މުބާރާތެކެވެ. މުބާރާތް ނިމިގެންދިޔައީ ވަރަށް އެކުވެރި އަދި ވާދަވެރި މާހައުލެއްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

