
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ އާ ދައުރަށް އިންތިޚާބުވި މެންބަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތުތައް އިންތިޒާމުކޮށް ބާއްވާނެ ގޮތުގެ ތަފްސީލީ އުސޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ވަނީ އާންމުކޮށްފައެވެ. މި އުސޫލުގެ މައިގަނޑު މަގުސަދަކީ ހުރިހާ ރަށެއްގައިވެސް އެއް މިންގަނޑަކުން، ކުލަގަދަ އަދި ޝަރަފުވެރި ރަސްމިއްޔާތެއްގެ ގޮތުގައި ހުވާކުރުން ކުރިއަށް ގެންދިއުމެވެ.
ދަތުރުފަތުރުގެ ދަތިކަން ހުރި ރަށްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މިފަހަރުގެ އުސޫލުގައި އޮންލައިންކޮށް ހުވާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ރަށެއްގައި މެޖިސްޓްރޭޓަކު ނެތް ހާލަތެއްގައި ނުވަތަ މެޖިސްޓްރޭޓަކަށް އެ ރަށަކަށް ދަތުރު ނުކުރެވޭ ހާލަތެއްގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުވާލައިދިނުން ކުރިއަށް ގެންދެވޭނެއެވެ. މިފަދަ ހާލަތްތަކުގައި ބޭނުންވާ ޓެކްނިކަލް އިންތިޒާމުތައް ހަމަޖެއްސުމާއި، ހުވާލައިދޭ ފަނޑިޔާރަށް ބޭނުންވާ ލިޔެކިޔުންތައް ރަސްމިއްޔާތުގެ އެއް ދުވަސް ކުރިން ފޮނުވުމަކީ ކައުންސިލް އިދާރާގެ ޒިންމާއެއް ކަމަށް އެލްޖީއޭއިން ބަޔާންކުރެއެވެ.

މި ފަހަރުގެ ރަސްމިއްޔާތުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެލްޖީއޭއިން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، ހުވާކުރުމުގެ ޖަލްސާ ބާއްވާނެ ވަގުތާއި ތަން އާންމުކޮށް އިއުލާންކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ދައުވަތު އެރުވުމަށް ވަނީ އަންގާފައެވެ. އަދި ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި، ސްކޫލް ކުދިންނާއި، ޔުނީފޯމް އެޅި މުއައްސަސާތަކުގެ މުވައްޒަފުން އެ ބޭފުޅުންގެ ރަސްމީ ޔުނީފޯމުގައި ބައިވެރިވުމަށް ބާރުއެޅުމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މިއީ ރަށު ފެންވަރުގައި ބޭއްވޭ ކުލަގަދަ އަދި ޝަރަފުވެރި ރަސްމިއްޔާތަކަށް ހެދުމަށް އެޅި ފިޔަވަޅެކެވެ.

ހުވާކުރާ މެންބަރުންގެ ހެދުން އެޅުމުގެ މިންގަނޑެއް ވެސް އެލްޖީއޭއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހުރިހާ މެންބަރުން ވެސް ތިބެންވާނީ ފޯމަލް ސޫޓް ނުވަތަ ގައުމީ ހެދުމުގައި ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރަސްމިއްޔާތުގެ ފޮޓޯއާއި ވީޑިއޯ ނެގުމަށްފަހު، ރާއްޖޭގެ މީޑިއާތަކަށާއި ޓީވީ ޗެނަލްތަކަށް އެ ތަކެތި ފޯރުކޮށްދިނުމަކީ ކައުންސިލްތަކަށް ލާޒިމުކޮށްފައިވާ ކަމެކެވެ. އަދި ރަސްމިއްޔާތު ނިމުމާއެކު، "މަގޭ ކައުންސިލް" ޕޯޓަލަށް ފޮޓޯތަކާއި، ހުވާލައިދިން ފަނޑިޔާރުގެ މަޢުލޫމާތާއި، ރަސްމިއްޔާތު ބޭއްވި ތަނާއި ވަގުތުގެ ތަފްސީލު އަޕްލޯޑް ކުރަންޖެހޭނެއެވެ.
އާ ދައުރަށް އިންތިހާބުވި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތް ލަސްނުކޮށް ފެށުމަށްޓަކައި، ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް އެލްޖީއޭއިން ވަނީ އިރުޝާދު ދީފައެވެ. މި ބައްދަލުވުންތަކަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

