ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ފުވައްމުލައް ސިޓީގެ ތަރުބިއްޔަތާއި ތަޢުލީމުގެ މައި ނާރެހެވެ. މިއަދު މި މަރުކަޒު މިވަނީ އޭގެ ޚިދުމަތުގައި ކާމިޔާބު 44 އަހަރު ފުރިހަމަކޮށްފައެވެ. މިއީ ދިގު ތާރީޚެކެވެ. އަދި ހަމައެހެންމެ، މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީތަކަކުން ފުރިގެންވާ ތާރީޚެކެވެ.
މި މުނާސަބަތާ ގުޅިގެން، އެ މަރުކަޒުގެ މެތްސް ޓީޗަރު ޝިއުމާ އިބްރާހިމް މުސްތަފާ އޭނާގެ ފޭސްބުކް ޞަފްޙާގައި ހިއްސާކޮށްފައިވާ ޝުޢޫރުތަކަކީ މި ތާރީޚީ ދަތުރަށް އަލިއަޅުވާލި މުހިންމު ވާހަކަތަކެކެވެ. ޝިއުމާ ބުނެފައިވާ ގޮތުގައި، "ތަރުބިއްޔަތާއި ތައުލީމުގެ ނާރެހެއްގެ ހަޔާތުން 44 އަހަރު ފުރުނީއެވެ. އެއީ އަޅުގަނޑުގެ ލޯބިވާ ސްކޫލް ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ."

ތައުލީމީ މަރުކަޒުގެ މާޒީއަށް ނަޒަރު ހިންގާލަމުން ޝިއުމާ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، " މިއީ ދިގު، ފޮނި، އަދި ނުހަނު ފަޚުރުވެރި ތާރީޚެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި މި އެދުރު ހިޔާވަނީ އެތައް ހާސް ދަރިވަރުންނަކަށް އިލްމީ އަލިކަން ފޯރުކޮށްދީފައެވެ."
ޝިއުމާގެ ނަޒަރުގައި މި މަރުކަޒުގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެތަނުން ތައުލީމު ހާސިލްކުރާ ލޯބިވާ ދަރިވަރުންނާއި، އެ ކުދިން ބިނާކުރުމުގައި މަސައްކަތްކުރާ ނަމޫނާ މުދައްރިސުންނެވެ.
މުޖްތަމައުގެ ކުރިއެރުމާ ގުޅޭގޮތުން ވެސް ޝިއުމާ ވަނީ މުހިންމު މެސެޖެއް ދީފައެވެ. އޭނާ ފާހަގަކޮށްފައިވާ ގޮތުގައި، މުޖްތަމައެއްގެ ހަގީގީ ތަރައްގީއާއި ކުރިއެރުމަށް އެދޭނަމަ، އެންމެ އިސްކަމެއްގެ ގޮތުގައި ތައުލީމަށް އިންވެސްޓް ކުރަންޖެހެއެވެ. މިއީ މުޖްތަމައުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފުވައްމުލައް ސިޓީގެ ކުރިމަގާ ގުޅޭގޮތުން ޝިއުމާގެ އުންމީދުތައް ވަރަށްވެސް ފޮންޏެވެ. އޭނާ ދެކޭގޮތުގައި ފުވައްމުލައް ސިޓީއަކީ ފެހި، ފަހި، އަދި ސްމާޓް ސިޓީއަކަށް ހެދުމުގެ ބުރަ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުން ނިކުންނަ "ތާޒާ ސިކުނޑިތަކެވެ." މި ދަރިވަރުންނަކީ ސިޓީގެ ކުރިއެރުމުގެ މައިބަދަކަމުގައި ވާނެކަމަށް އޭނާ ގަބޫލުކުރެއެވެ.
ޝިއުމާ ފޭސްބުކްގައި ލިއުއްވާފައިވާ ލުއުއްވުން ބުނެފައިވަނީ ޝިއުމާ ދުޢާއަކީ، ޏ. އަތޮޅު ތައުލީމީ މަރުކަޒަށް އަބަދުވެސް އުޖާލާކަމާއި ބާއްޖަވެރިކަން މިންވަރުކުރެއްވުމެވެ. ޝިއުމާގެ މި ވާހަކަތަކުން ދޭހަވަނީ، އެ މަރުކަޒުގެ މުދައްރިސުންނާއި މުވައްޒަފުން އެތަނުގެ މުސްތަގުބަލާމެދު ކުރާ އުންމީދާއި، ދަރިވަރުންގެ ކުރިއެރުމަށް ކުރާ އިޚްލާޞްތެރި މަސައްކަތެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ދިވެހި ޤައުމަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތަކަކީ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ފަދަ އަގުހުރި މަސައްކަތްތަކެކެވެ. އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މި މަރުކަޒަކީ ޢިލްމީ ގޮތުންނާއި އަޚްލާޤީ ގޮތުން ނަމޫނާ ދަރިންތަކެއް އުފައްދާ ބަގީޗާއެއްގެ ގޮތުގައި ދެމިއޮތުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

