ދިވެހި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ވަރުގަދަކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ނިންމައި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ. މިގޮތުން، ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު ވަނީ އަންގާފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގަވާފައެވެ. މި އެންގުން އަންގަވާފައިވަނީ މިނިސްޓަރު ޒަމީރު، ޕީސީބީގެ ރައީސް މުހައްމަދު އަނަސްއަށް އިއްޔެ ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ ކުންފުނިތަކުގެ މާލީ މެނޭޖްމަންޓް ރަނގަޅު ކުރުމަށާއި، ފައިސާ ހަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށްޓަކައި އެޅުނު ފިޔަވަޅެކެވެ. މިއީ މީގެ ކުރިން ޕީސީބީން ކުންފުނިތަކަށް ދީފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު މުހިންމު ނުކުތާއެކެވެ.
މީގެ ކުރިން ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
މުސާރަ އާއި އިނާޔަތްތައް ކޮންޓްރޯލް ކުރުން.
ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުން.
އައު މުވައްޒަފުން ވަޒީފާއަށް ނެގުން މަޑުޖައްސާލުން.
އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުން.
ދަތުރުފަތުރާއި އެހެނިހެން އިހުތިޔާރީ ހަރަދުތައް ވީހާވެސް ބޮޑަކަށް ކުޑަކުރުން.
ސަރުކާރުގެ މި ނިންމުމަކީ ކުންފުނިތަކުގެ ހިންގުން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ކުރާ ހަރަދު ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ހަރުދަނާ މާލީ ނިޒާމެއްގެ ތެރެއިން ހިންގާ ތަންތަނަށް ކުންފުނިތައް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އިސްރާފު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

