ވޭތުވެދިޔަ 3، 4 މަސްދުވަހުގެ ފޯރިގަދަ ކެމްޕެއިނަށްފަހު، މާދަމާއަކީ ކައުންސިލް އިންތިޚާބުގެ ފޯރިގަދަ ވޯޓުލުން އޮންނާނެ ދުވަހެވެ. މި މުހިންމު ވަގުތާ ދިމާކޮށް، މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ އާމިނަތު ސާލިހާ ވަނީ ރައްޔިތުންނަށް ޚާއްޞަ މެސެޖެއް ދެއްވާފައެވެ.
ކެމްޕެއިންގެ ދުވަސްވަރު މީދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ފެނުނު އެކުވެރިކަމާއި، ބެހެއްޓެވި ގާތްކަމާއި، ދެއްވި ހޫނު ތާއިދަކީ މުޅި އުމުރުގައިވެސް ލިބުނު އެންމެ އަގުބޮޑު ހަދިޔާގެ ގޮތުގައި ސާލިހާ ސިފަކުރެއްވިއެވެ. "އަހަރެން ދަންނަވާލަން ބޭނުންވަނީ އަދި އަހަރެންގެ ދުޢާ އަކީވެސް މިގާތްކަމާއި އެކުވެރިކަން އަބަދުވެސް ތިރައްޔިތުން އަހަންނާއެކު ބާއްވައިދިނުން،" ސާލިހާ ވިދާޅުވިއެވެ.
މީދޫގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ތަސައްވަރާ މެދު ރައްޔިތުން ޝައްކު ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން ހާމަކުރައްވަމުން ސާލިހާ އިތުރަށް ވިދާޅުވީ، އޭނާގެ އަމާޒަކީ ރައްޔިތުންގެ އަޑުއަހައިގެން މީދޫ ކައުންސިލަކީ މުޅި ރާއްޖެއަށް ނަމޫނާ ކައުންސިލަކަށް ހެދުން ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މީދޫއަށް އިންގިލާބީ ބަދަލެއް ގެނައުމަކީ އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައް ކަމުގައި ފާހަގަކުރެއްވިއެވެ.
މާދަމާ އޮންނަ އިންތިޚާބުގައި ހުރިހާ ރައްޔިތުން ނިކުމެ، ކެނޑިޑޭޓް ނަމްބަރު 3، އާމިނަތު ސާލިހާ އަށް ވޯޓު ދެއްވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ. "މަގޭ ދުއާ އަކީ މިހިތްގައިމު މީދުއަށް އަބަދުވެސް އުފާވެރިކަން މިންވަރުކޮށްދެއްވުން،" މެސެޖު ނިންމާލައްވަމުން ސާލިހާ ވިދާޅުވިއެވެ.
މާދަމާގެ ވޯޓަކީ މީދޫގެ މުސްތަޤްބަލު ބައްޓަންކުރުމަށް ލިބޭ ރަން ފުރުޞަތެކެވެ. ރައްޔިތުންގެ ނިންމުމަކީ ރަށަށް އަންނާނެ ކުރިއެރުމުގެ ބިންގަލެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

