
މެލޭޝިއާގެ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް (ވޯކް ފްރޮމް ހޯމް) އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ މި މަހުން ފެށިގެން ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ނިންމަވާފައެވެ.
މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ނިންމުމުގެ ދަށުން، ސަރުކާރުގެ މިނިސްޓްރީތަކާއި، އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރަންޖެހޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ ތެޔޮ ބޭނުންކުރާ މިންވަރު އިގްތިސާދުކޮށް، ގައުމަށް ބޭނުންވާ ހަކަތައިގެ ސަޕްލައި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމެވެ.

މީގެ އިތުރުން، މެލޭޝިއާއަށް ބޭނުންވާ ތެލާއި ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ތެޔޮ ކުންފުންޏާއި ކަމާބެހޭ އިދާރާތަކުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި ނިންމުމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ހަކަތައިގެ ދަތިކަމާ ގުޅުވައިގެން އިންޓަނެޓް މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބޮޑުވަޒީރު ވަނީ ދެއްވާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، މެލޭޝިއާ ސަރުކާރުން މިހާރު ވެސް ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި މަހަކު ގާތްގަނޑަކަށް 1 ބިލިއަން އެމެރިކާ ޑޮލަރު ސަބްސިޑީގެ ގޮތުގައި ހޭދަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

