
ދިވެހިރާއްޖޭގެ މުޖުތަމައަކީ އަންހެނުން ބާރުވެރިކުރުވުމަށާއި، އެކަނބަލުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ގިނަގުނަ ވާހަކަތަކެއް ދެކެވެމުންދާ މުޖުތަމައެކެވެ. ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ދައުލަތުގެ ފެންވަރުގައާއި އަމިއްލަ ޖަމްއިއްޔާތަކުގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ނަމަވެސް، މި މަސައްކަތްތަކުގެ ފަހަތުގައި ފެންނަން ހުރި ބައެއް ހިތްދަތި ހަގީގަތްތަކަށް ބަލާލުމަކީ މިއަދު މުހިންމު ކަމެކެވެ.
އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ނަމުގައި ރާއްޖޭގައި ތަފާތު އެތައް ޖަމްއިއްޔާތަކެއް ވަނީ އުފެދިފައެވެ. މި ޖަމްއިއްޔާތަކުން އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް، ތަފާތު ވޯކްޝޮޕްތަކާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގައެވެ. ބޭނުމަކީ އަންހެނުންނަކީ މުޖުތަމައުގައި ބާރުވެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހެދުމެވެ.
އަންހެނުން ބާރުވެރިކުރުވުމުގެ ޝިއާރުތައް ކިތަންމެ ބާރަށް އުފުލުނު ކަމުގައިވިޔަސް، އަމަލީ މައިދާނުގައި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ވަކިން ހާއްސަކޮށް، އަންހެނަކު ކަމަކަށް ކުރިމަތިލައިގެން ނުވަތަ އިސް ސަފަށް ނިކުމެ މަސައްކަތް ކުރަން ފެށުމުން، އެކަނބަލުންނާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާ ބަޔަކީވެސް ހަމަ އަންހެނުންނަށް ވުމީ ހިތާމަހުރި ކަމެކެވެ.
މިފަދަ ކަންކަމުގައި އިސްކޮށް އުޅެނީ ތައުލީމީ ގޮތުންނާއި، "ތަހުޒީބު" ގޮތުން ކުރިއަރާފައިވާ ކަމަށް ދައުވާކުރާ އަންހެނުންނެވެ. އަމިއްލަ ނަފްސަށް އިތުބާރު އޮވެގެން ކުރިއަށްދާން މަސައްކަތްކުރާ އަންހެނުންނާ ޒާތީ ގޮތުން ޖައްސާލައި، ފާޅުގައި އެމީހުންގެ އަބުރާ ބެހި، ކުރިއެރުމަށް ހުރަސްއެޅުމުގެ ސަގާފަތެއް މިއަދު ވަނީ އުފެދިފައެވެ. "އަންހެނުންނަށް އެހީތެރިވާ އަންހެނުން" މި ޝިއާރުގެ ބަދަލުގައި، ފެންނަނީ އެކަކު އަނެކަކަށް ފާޑުކިޔައި، އެކަކު އަނެކަކު ވައްޓާލަން މަސައްކަތްކުރާ ތަނެވެ.
އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި ޕޯޑިއަމްތަކުގައި ދައްކާ ވާހަކައަކަށް ވެގެން ނުވާނެއެވެ. އަދި އެއީ ހަމައެކަނި ޖަމްއިއްޔާތަކުގެ މަގުސަދުތަކުގެ ތެރޭގައި ނަމެއްގައި އޮންނަ ކަމަކަށް ވެސް ވެގެން ނުވާނެއެވެ.

ހަގީގީ ބާރުވެރިކަމަކީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، އެކަކު އަނެކަކުގެ ކުރިއެރުމުގައި ހިތްހެޔޮކަމާއެކު ބައިވެރިވުމެވެ. ޒާތީ ހަސަދަވެރިކަމާއި، ޖައްސާލުންތައް ދޫކޮށްލައި، އިސްލާމީ ރީތި އަދަބުތަކުގެ މަތީގައި ތިބެ އެކަކު އަނެކަކަށް އަތްދިއްކުރުމަކީ މިއަދު މުޖުތަމައުއަށް އެންމެ ބޭނުންތެރި ކަމެވެ. ތަހުޒީބީ މީހަކަށް ވެވޭނީ ހިތް ތަހުޒީބުކޮށްގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

