
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ހުޅުދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ޚާއްޞަ ބަހުސެއް މިރޭ އޮންނާނެއެވެ. "ރާއްޖެ ޓައިމްސް" އިން އިންތިޒާމުކޮށްގެން ބާއްވާ މި ބަހުސް އޮންނާނީ މިރޭ 8:30 ގައި ހުޅުދޫ ސްކޫލުގައެވެ.
ރާއްޖެ ޓައިމްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަހުސަކީ ހުޅުދޫ ދާއިރާގެ ތަރައްޤީއަށް ކެނޑިޑޭޓުން ގެންގުޅުއްވާ ތަޞައްވުރު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ބަހުސެކެވެ. މި ބަހުސްގެ ސަބަބުން ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި، ދާއިރާއަށް ހުރި ކަންބޮޑުވުންތަކަށް އެ ބޭފުޅުން ގެންގުޅުއްވާ ޙައްލުތައް ވަޒަންކޮށްލުމުގެ ފުރުޞަތު ދާއިރާގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މިރޭގެ ބަހުސްގައި ތިން ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ:
އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޖާދުﷲ ޖަމީލް
ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ ސިއްދީޤް
އަމިއްލަގޮތުން ވާދަކުރައްވާ އިބްރާހިމް އިރުޝާދު
މި ފޯރިގަދަ ބަހުސް ހުށަހަޅައިދެއްވާނީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު އިމާދު ލަޠީފުއެވެ. މި ބަހުސް "ރާއްޖެ ޓައިމްސް" އަދި "އެމްއެމްޓީވީ" މެދުވެރިކޮށް ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނައިރު، މިފަދަ ބަހުސްތަކަކީ ވޯޓުލާ ފަރާތްތަކަށް ކެނޑިޑޭޓުންގެ ޤާބިލުކަމާއި ރޭވުންތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

