
ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އިންތިޚާބުތަކާ ދިމާކޮށް އިދިކޮޅު ފަރާތްތަކުންނާއި އެކި ފަރާތްތަކުން ފަތުރަމުންދާ ދޮގު ޚަބަރުތަކާއި، އަސްލެއް ނެތް ތުހުމަތުތަކުގެ މައްސަލަ އަނެއްކާވެސް ބޮޑުވެ، ބަހުސްތައް ވަނީ އުފެދިފައެވެ. ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދުމަށްޓަކައި ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ ރާއްޖޭގެ ދިމިގްރާތީ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމާޒުކޮށް، އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ވަނީ އަޅުވާފައެވެ. އެ އިންތިޚާބުގެ ދުވަސްވަރު ސޯޝަލް މީޑިއާ އާއި އެކި ޕްލެޓްފޯމްތަކުގައި ރައީސް ޞާލިޙުގެ އަބުރު ކިލާނބުވާ ގޮތަށް ފެތުރި ގިނަ ވާހަކަތަކަކީ އެއްވެސް ހެއްކެއް ނެތް، ހަމައެކަނި ސިޔާސީ ގޮތުން އަގު ވައްޓާލުމަށް ކުރި މަސައްކަތްތަކެއްކަން ފާހަގަކުރެވެއެވެ.
މިއަދު އަނެއްކާވެސް މި ފެންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ހަމަ އެފަދަ ދޮގު އިލްޒާމުތަކެއް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން ފަތުރަމުންދާ މަންޒަރެވެ. މިކަމާ ގުޅިގެން ކުރީގެ މިނިސްޓަރު އަޙްމަދު މަހުލޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މަހުލޫފްގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް މިގޮތަށް ދޮގު ޚަބަރު ފެތުރުމަކީ ރާއްޖޭގައި އާދައަކަށް ވެފައިވާ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. ރައީސް ޞާލިޙުގެ ދުވަސްވަރުވެސް އެކަން އޮތީ އެމަގުން ކަމަށާއި، މިއަދުވެސް ފެންނަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން ދައްކަމުންދާ ތަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި މިފަދަ ހަގީގަތެއް ނެތް ކަންކަމާ ދުރުވާންޖެހޭ ކަމަށެވެ. އަދި ދޮގާއި މަކަރުގެ މައްޗަށް ބިނާކޮށް ސިޔާސީ މަސައްކަތް ކުރުމުގެ ބަދަލުގައި، އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ސިޔާސީ މަސައްކަތް ކުރަން ދަސްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ދޮގު ޚަބަރުތަކުގެ ސަބަބުން މުޖުތަމައުގެ ބަދަހިކަން ގެއްލި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭތީ، މައުލޫމާތު ފަތުރާ ފަރާތްތަކުން ޒިންމާދާރުވުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

