ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ، އަންހެނުންނަށް އިހުތިރާމާއި ގަދަރު ދިނުމުގައި ނަމޫނާ މުޖުތަމައެކޭ ކިޔައިގެން ވާހަކަ ދެކެވެއެވެ. އަދި މިގޮތުން ފަހަކަށް އައިސް އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރުމުގެ ނަމުގައި ތަފާތު ޖަމްއިއްޔާ ޖަމާއަތްތައް ހަދައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިފަދަ ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން، އެއީ ހަގީގަތުގައިވެސް އަންހެނުންގެ ކުރިއެރުމަށް ކުރާ މަސައްކަތެއްތޯ ސުވާލު އުފެދޭ ހިސާބަށް ކަންކަން މިހާރު ވަނީ ގޮސްފައެވެ.
އަޅުގަޑުމެންގެ ތެރޭގައި އަންހެނުންނަށް ބާރުވެރިކަން ދިނުމަށް އެންމެ ބާރަށް އަޑުއުފުލާ ބައެއް ފަރާތްތަކުން، ވަކި އަންހެނަކު މަގާމަކަށް ކުރިމަތިލައިފިނަމަ ނުވަތަ ކުރިއެރުމަކަށް މަސައްކަތް ކުރަން ފަށައިފިނަމަ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވާ އަންހެނުން ފެނެއެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކަކީ އެމީހެއްގެ ގާބިލިއްޔަތަށް ބަލައިގެން ކުރެވޭ ފާޑުކިޔުންތަކަށްވުރެ ބޮޑަށް، ޒާތީގޮތުން ދިމާކުރުމާއި އަބުރު ކިލަނބުކުރުމަށް ހިންގޭ ހަރަކާތްތަކެކެވެ.
މިއީ އަންހެނުންގެ ކުރިއެރުމަށް ވަކާލާތުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން ފެނިގެންވާނެ ކަމެއް ނޫނެވެ. އަންހެނުންނަށް ފުރުސަތު ހޯދައިދޭން ގޮވާލާ ބަޔަކު، ހަމަ އެ އަންހެނާ ކުރިއަށްދާން އުޅުމުން ހުރަސްއެޅުމަކީ އެމީހުންގެ މަގުސަދުގެ އިޚުލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމެކެވެ.
ހަގީގަތް އޮޅުވާލުމާއި ދޮގު މައުލޫމާތު ފެތުރުންމުޖުތަމައުގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުމަކީ މިފަދަ ފަރާތްތަކުން ބޭނުންކުރާ ނުރައްކާތެރި ހަތިޔާރެކެވެ. ވަކި މަގްސަދުތަކެއް ހާސިލުކުރުމަށްޓަކައި، ކަން ހިނގާފައިވާ ގޮތް އޮޅޭގޮތަށް ވާހަކަ ދެއްކުމާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ދޮގު ޚަބަރު ފެތުރުމަކީ މިއަދު އާންމު ކަމަކަށް ވަނީ ވެފައެވެ.
މިގޮތަށް މައުލޫމާތު ފެތުރުމުގެ ސަބަބުން، މުޖުތަމައުގައި މަސައްކަތްކުރާ ކަނބަލުންނާ މެދު އާންމުން ދެކޭ ގޮތް ބަދަލުވެ، އެކަނބަލުންގެ އިތުބާރު ގެއްލިގެންދެއެވެ. މިއީ އިސްލާމީ ރިވެތި އަޚުލާގާއި، އަދަބު އިހުތިރާމުގެ އުސޫލުތަކާވެސް ކަނޑައެޅިގެން ޚިލާފު ކަންކަމެވެ.
އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި ދައްކާ ވާހަކައަކުން ނުވަތަ ލިޔެލާ ލިޔުމަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. އެކަމަށްޓަކައި ހަގީގީ އިޚުލާސްތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އޮންނަންޖެހެއެވެ. ޒާތީ ތައައްސަބާއި، ހަގީގަތް އޮޅުވާލައިގެން މައުލޫމާތު ފެތުރުމަކީ އަންހެނުންގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. އެހެންކަމުން، މިފަދަ ދެފުށްގެއްލޭ އަމަލުތަކަށް މުޖުތަމައު ހޭލުންތެރިވެ، އިސްލާމީ ހަމަތަކުގެ މަތިން އަންހެނުންނަށް ދޭންޖެހޭ ހަގީގީ ގަދަރާއި އިހުތިރާމު ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

