ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުލުމަކީ ގައުމުގެ ތަރައްގީއަށް އެންމެ ރަނގަޅު ގޮތްކަމަށް އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
"ޖަވިޔަނި" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ހީނާ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބަށް އަމާޒުކޮށްގެން ޕީއެންސީން ކުރިއަށްގެންދާ ކެމްޕޭން ހަރަކާތްތައް، ރަމަޟާން މަހުގެ ތެރޭގައި ވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރަކަށް ވާތީ، ޕާޓީގެ ހަރަކާތްތައް ރާވާފައިވަނީ އަޅުކަމަށް ބުރޫނާރާނެހެން އެކަމާ ގުޅުވައިގެން ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، އަންހެނުންގެ ގޮފީގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތްތައް ރަމަޟާން މަހުގެ ރޫހާ ވަރަށް ބޮޑަށް ގުޅުވާލެވޭނެ ކަމަށާއި، އޭގެ ތެރޭގައި ދީނީ ދަރުސްތަކާއި އެކި ކަހަލަ އިޖުތިމާއީ ހަރަކާތްތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ވަރަށް ގާބިލު އަދި ތަޖުރިބާހުރި ބޭފުޅުން ކަމަށެވެ.
"އެ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެކީގައި ރަށްރަށާއި އަތޮޅުތަކާއި ސިޓީތައް ތަރައްޤީކުރުމަށް ބައިވެރިވެވޭނެ ފިކުރުގެ ބޭފުޅުން. އެހެންވީމާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ރާއްޖެއަށާއި ރަށްރަށުގެ ތަރައްޤީއަށް އެންމެ ރަނގަޅު ގޮތް،"
ހީނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕާޓީން މިހާރު އަންނަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރުމަށްޓަކައި އަތޮޅުތެރޭގައި ވެސް ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. ހީނާ ވަނީ ޕާޓީގެ މެނިފެސްޓޯއާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރުގެ ފިކުރުގެ ކެންޑިޑޭޓުން އިންތިހާބުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

