ޅެންވެރިއަކީ ހަމައެކަނި ރީތި ބަސްތަކެއް އަތުރާލައިގެން ޅެން ހަދާ މީހެއް ނޫން ކަމަށާއި، އޭނާއަކީ މުޖުތަމައުގެ އެކި އަޑުތައް ކަނުލާ އަޑުއަހާ، އެހެން މީހުންނަށް އިހުސާސް ނުކުރެވޭ ކަންކަން ދަންނަ މީހެއް ކަމަށް މަޝްހޫރު ޅެންވެރިޔާ އަދި އަދަބީ ޝަޚުސިއްޔަތު، ހިތަދޫ ހަސަން ލަބީބު ވިދާޅުވެއްޖެއެވެ.
ހަސަން ލަބީބު މިހެން ވިދާޅުވީ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ރޭ އައްޑޫސިޓީ ހިތަދޫގައި ބޭއްވުނު ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ސަރުކާރުން ޚާއްސަކޮށްފައިވަނީ ވެސް ލަބީބުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަބީބު ވިދާޅުވީ، ނިކަމެތީންގެ ރުއިމާއި، ކުޑަކުދީންގެ މައުސޫމް ހިނިތުންވުމާއި، އަނިޔާލިބޭ މީހުންގެ ހިމޭންކަމުގެ އިތުރުން އެކަނިވެރި ހިތްތަކުގެ ތުރުތުރުލުން ޅެންވެރިޔާއަށް އިހުސާސް ކުރެވޭނެ ކަމަށެވެ.
މުޖުތަމައުގައި ހިނގާ ކަންކަމުގެ ތެރެއިން އާންމު މީހުންނަށް ފާހަގަނުކުރެވޭ ކަންކަން، ޅެންވެރިޔާއަށް އެކި ސިފަސިފައިގައި ފެނި، އެކި ރާގު ރާގަށް އެ އަޑުތައް އިވޭނެކަން ލަބީބު ބަޔާންކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޅެންވެރީންގެ ވާޖިބަކީ އެހެން މީހުންނަށް ފާހަގަނުކުރެވި ދޫކޮށްލާ ކަންކަމަށް ފަރުވާތެރިވުމެވެ. އަދި މީހުން ބުނަން ޖެހިލުންވާ ނުވަތަ ބުނަން ނޭނގޭ ވާހަކަތައް ވަޒަން ބަހުރުވައިން ބުނެދީ އާންމުކުރުމަކީ ޅެންވެރިޔާގެ މަސްއޫލިއްޔަތެއްކަމަށް ލަބީބު ވިދާޅިވިއެވެ.
ވަޒަން ބަހުރުވައިގެ މައިގަނޑު ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން ލަބީބު ވިދާޅުވީ، ޅެންވާހަކައާއި، ޅެންލަވަ، ޝުއޫރު، ޅެންތަމްސީލު އަދި ވަޒަން ބަހުރުވައިން ހުންނަ އިލްމީ މައުލޫމާތަކީ މި ފަންނުގެ މުހިންމު ބައިތަކެއް ކަމަށެވެ.
ވަޒަން ބަހުރުވައިން އިލްމީ މައުލޫމާތު ލިޔުމުގެ މައިގަނޑު ބޭނުމަކީ އެ މައުލޫމާތުތައް ހަނދާނުގައި ބެހެއްޓުމަށް ފަސޭހަކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޅެންވެރިކަމުގެ މަތިވެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލަބީބު ވިދާޅުވީ، ޅެންވެރިކަމަކީ އަދަބީ ފަންނުތަކުގެ ތެރެއިން އެންމެ ރީތި، އެންމެ އަސަރުގަދަ އަދި އެންމެ ޝަރަފުވެރި ފަންނު ކަމަށެވެ. މިއީ ބަހުގެ އަހުލުވެރީންގެ ޚިޔާލުގެ ފުންކަމާއި، ބަސްކޮށާރުގެ މުއްސަދިކަމާއި، އަޚުލާގުގެ މަތިވެރިކަމުގެ އިތުރުން ދުރުވިސްނުމާއި ފަލްސަފާ ދައްކުވައިދޭ ފަންނެކެވެ. ހިތުގައި ހިނގާ ލޯތްބާއި، އުފަލާއި، ހިތާމައާއި، ރުޅިއާއި ނަފުރަތު ފަދަ ޝުއޫރުތައް އަނެކުންގެ ހިތްތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޚާއްސަ ބަސްކޮށާރަކީ ބައެއްފަހަރު ޅެންވެރިންކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ ސަރުކާރުން ޚާއްސަކޮށްފައިވަނީ ހަސަން ލަބީބަށެވެ. 1960 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އަދަބިއްޔާތުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ލަބީބަށް، 2021 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ. އައްޑޫސިޓީގައި ޅެންވެރިކަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގަވާފައިވާ ލަބީބަކީ "ޅެންވެރިންގެ ބަހާރު" ގެ މުޝީރެއްގެ އިތުރުން، އެ މަންސައަށް ނުހަނު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާ ކުޅަދާނަ ޅެންވެރިއެކެވެ.
ޅެންވެރިކަމުގެ ފަންނު ދިރުވައި އާލާކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރެއްވުމުގެ ގޮތުން، 2021 ވަނަ އަހަރުން ފެށިގެން "ޝާޢިރުންގެ ވާދީ" ގެ ނަމުގައި ޖަމުޢިއްޔާއެއް ރަޖިސްޓަރީކޮށް، ލަބީބު ގެންދަވަނީ ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

