މިއަދު ސޯޝަލް މީޑިއާއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ހަދާފައިވާއިރު މި ވަސީލަތްތައް ބޭނުންކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
އަޅުގަނޑުމެންގެ އިނގިލިތަކުން ލިޔެލާ ކޮންމެ އަކުރަކާއި، ދުލުން ބޭރުކުރާ ކޮންމެ ބަހަކީ އެއާމެދު ފުންކޮށް ވިސްނަންޖެހޭ ކަންކަމެވެ.
އެންމެ ފުރަތަމަ ކަމަކަށް، ތިމާގެ ދުލުން ބޭރުކުރާ ބަސްތަކާއި ސޯޝަލް މީޑިއާގައި ލިޔަމުންދާ ބަސްތަކަކީ ކަމުގެ ހަގީގަތް ނުބަލާ ބޭނުންކުރާ ބަސްތަކެއް ކަމުގައި ނުހަދާށެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ބަލާއިރުވެސް، ކަމެއްގެ ޚަބަރު ލިބުމުން އެކަމެއްގެ ތެދުދޮގު ކަށަވަރުކުރުމަކީ (ތަބައްޔުން ކުރުމަކީ) އަމުރުކުރައްވާފައިވާ ކަމެކެވެ. ހަގީގަތެއް ނެތް ވާހަކަތަކާއި ފިތުނަ ފަސާދަ ފެތުރުމަކީ މުޖުތަމައުގެ ބަދަހިކަން ގެއްލި، މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެކެވެ.
ދެވަނަ ކަމަކަށް، އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ކަމަކީ، ފަރުވާކުޑަގޮތެއްގައި ބޭނުންކުރެވޭ ބަސްތަކުގެ ހިތި ނަތީޖާ ތިބާގެ މުޅި އުމުރުގައި ކުރިމަތިލާން ޖެހިދާނެ ކަމެވެ. އެންމެ ފަހަރަކު ބުނެވޭ ބަހަކުން ނުވަތަ ލިޔެވޭ ލިޔުމަކުން ލިބޭ ގެއްލުމަކީ އުމުރު ދުވަހުވެސް ފޫނުބެއްދޭވަރުގެ ބޮޑު ކަމަކަށް ވެދާނެއެވެ. މީގެ އިތުރުން، ޑިޖިޓަލް ދުނިޔޭގައި ތިމާ ކުރާ ކޮންމެ ކަމަކީ އޭގެ ރެކޯޑު ދެމިއޮންނާނެ ކަންކަން ކަމުގައިވާތީ، މުސްތަގުބަލުގައި ތިމާގެ އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މީހަކު ބުނާ ކޮންމެ ވާހަކައަކާއި ސޯޝަލް މީޑިއާގައި ފެންނަ ކޮންމެ އަޑަކަށް ނުވަތަ ކޮންމެ ލިއުމަކީ އެއީ ތިމާއާއި ގުޅުންހުރި ކަމެއްކަމުގައި ދެކި އެކަމަށް ހެއްލިގެން ނުވާނެއެވެ. މުސްކުޅި ބަހެއްގައި އޮންނަ ފަދައިން، "ޖަހާހައި ގުގުރިއަކުން ހޮނެއް ނާޅާނެއެވެ. އަދި ނަގާހައި ވިލަޔަކުން ފެނެއްވެސް ނާންނާނެއެވެ." މީގެ މާނައަކީ ސޯޝަލް މީޑިއާގައި މީހުން ދައްކާ ކޮންމެ ވާހަކައަކީ ނުވަތަ ކުރާ ކޮންމެ ތުހުމަތަކީ އޭގައި ބުރަދަނެއް ހުރި ކަމެއް ނޫންކަން ދަނެގަންނަން ޖެހެއެވެ. ކަންކަމުގެ ހަގީގަތް ނުބަލައި ހަމައެކަނި މީހަކު ބުނާ ބަހަކަށް ބިނާކޮށް ގޮތް ނިންމުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
ނިންމާލަމުން ދަންނަވާނީ، ސޯޝަލް މީޑިއާ ބޭނުންކުރުމުގައި އަބަދުވެސް ރީތި އަޚުލާގާއި، ތެދުވެރިކަން އިސްކުރާށެވެ. ތިމާ ލިޔާ ކޮންމެ ބަހަކީ މާދަމާ އެކަމާމެދު ހިތާމަކުރަން ނުޖެހޭނެ ފަދަ ބިނާކުރުވަނިވި ބަސްތަކަކަށް ހަދާށެވެ. ހަގީގަތް ނުބަލައި ބަސް ބުނުމުން ދުރުހެލިވެ، މުޖުތަމައުގެ މަސްލަހަތު އިސްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

