އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓައި، ބޮންޑެޑް ޒޯންގެ ޚިދުމަތް ގާއިމްކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ހައި ސްކޫލްގައި އިއްޔެ ހަވީރު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އިކޮނިމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރު، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާނެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވި ފަދައިން، އައްޑޫ ސިޓީގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ޚިދުމަތް މި ފެބްރުވަރީ މަހުގެ ތެރޭގައި ފެށުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ތަރައްގީކުރެވޭ ބޮންޑެޑް ސަރަހައްދުގައި ކާބޯތަކެއްޗާއި އަސާސީ މުދަލުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މުދާވެސް ޑިއުޓީ ފްރީކޮށް ބެހެއްޓޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ދެކުނުގެ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ޚިދުމަތް ދިނުމާއި، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ތަކެތި ބަލްކްކޮށް ގެނެސް ރައްކާކުރާނެ ޚާއްޞަ ސަރަހައްދެއް ގާއިމްކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިނަލްއަގުވަމީ ޕޯޓްތައް ހުރި ނަމަވެސް، އެތަންތަނުގައި ވިޔަފާރި އުފެދޭނީ މިފަދަ ޚިދުމަތްތައް ގާއިމްކޮށްގެން ކަމަށެވެ. އަދި ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ މިފަދަ މަސައްކަތްތަކުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، ސަރަހައްދީ ބަނދަރުތަކުގެ ޚިދުމަތް ފުޅާވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ. އަދި 2027 ވަނަ އަހަރު މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަތޮޅުތެރެއަށް އަންނަ މުދަލުގެ އަގު ހެޔޮވެގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު މަންފާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ދެކުނުގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކުރުމަށާއި، ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، ވިޔަފާރީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފަތުރާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

