ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ޝާޠިރުގެ ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ.
ރޭ މީދޫގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޝާޠިރުގެ ކެމްޕެއިން އޮފީސް ހުޅުވައިދެއްވުމަށްފަހު، އޭނާ ވަނީ ރަށުގެ ތަރައްޤީއާ ގުޅޭގޮތުން އޭނާ ގެންގުޅުއްވާ ސިޔާސަތުތަކެއް ހާމަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާޠިރު ވިދާޅުވީ، އޭނާއަކީ މި ރަށުގެ މީހެއް ކަމަށާއި، އިންތިޚާބަށް ކުރިމަތިލީ މީދޫއަށް ހެޔޮއެދޭތީ ކަމަށެވެ. އަދި އޭނާ މި މަސައްކަތަށް ނުކުމެ ހުރީ ޓީމަކާއެކު ކަމަށާއި، އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ މީދޫގެ އިގްތިސާދު ކޮޅަށް ޖެހުން ކަމަށް ޝާޠިރު ފާހަގަކުރެއްވިއެވެ.
"އަހަރެމެން މި ނިކުތީ ޓީމަކާއެކުގައި. މި ޓީމާއެއްކޮށް އަހަރެމެން ކުރަން އުޅޭ މަސައްކަތަކީ މިރަށުގެ އިގްތިސާދު ކޮޅަށް ޖެހުން،" ޝާޠިރު ވިދާޅުވިއެވެ.
ޝާޠިރު އިތުރަށް ވިދާޅުވީ، އޭނާ މިކަމަށް ނުކުމެ ހުރީ ހަމައެކަނި ޝުޢޫރުތަކެއް ފާޅުކުރާކަށް ނޫން ކަމަށާއި، އޭނާގެ އަތުގައި ލިޔެވިފައިވާ ސާފު ތަސައްވަރެއް އެބައޮތް ކަމަށެވެ. އެ ތަސައްވަރު ހާސިލްކުރުމަށްޓަކައި ގުޅެންޖެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެއިތުރުން، ރަށުގެ ތަރައްޤީގައި އިލްމީ އަދި ފަންނީ މީހުންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވަމުން ޝާޠިރު ވިދާޅުވީ، އޭނާގެ މަސައްކަތްތައް ބައްޓަންކުރާނީ މީދޫގެ ތައުލީމީ ގާބިލް ފަރާތްތަކާއި އެކި ދާއިރާތަކުގެ ފަންނާނުންގެ ލަފަޔާއި އެހީތެރިކަމާއެކު ކަމަށެވެ.
ކެމްޕެއިން އޮފީސް ހުޅުވުމުގެ މި ރަސްމިއްޔާތުގައި ޝާޠިރުގެ ސަޕޯޓަރުންނާއި މީދޫގެ ދާއިރާގެ ރަށްޔިތުންގެ މަޖްލިސްގެ މެމްބަރު އަބްދުއްރަހުމާނު ބައިވެރިވެވަޑައިގެންނެވިއެވެ.








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

