މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް (ހެކްކޮށް)، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލާގައި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައަކީ ކުންފުނީގެ އެކައުންޓުން 279,600 (ދުއިސައްތަ ހަތްދިހަ ނުވަ ހާސް ހަސަތޭކަ) އަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ސައިބަރ ކްރައިމްގެ ސީރިއަސް މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން އަލަށް ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:
މުނާޛު ޖައުފަރު (24އ) - ސ. ހުޅުދޫ / ނާދީ
މުޙައްމަދު ނާއިޝް ނަބީލް (24އ) - ގދ. ގައްދޫ / އަތިރީއައްސޭރި
ޙަސަން ވިއާމް (19އ) - ސ. ހިތަދޫ / ހާލަމް
މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިންވެސް ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މުޙައްމަދު ޙަސަން (59އ)، އަލީ ޢިރުފާނު އަޙްމަދުދީދީ (26އ)، ޢަލީ ޝިރާޒު (38އ)، ޢަބްދުﷲ ނާފިޛް (39އ)، މުޙައްމަދު ޢަލީ (42އ)، މުޙައްމަދު ނުހާދު ޢަލީ (30އ)، މުޙައްމަދު ސިމާދު (38އ)، އަލީ އިމްރާން (38އ)، ޢަބްދުﷲ އިސްރާޤް (19އ) އަދި މުޙައްމަދު އިބްރާހީމް (49އ) އެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުނާޛު ޖައުފަރު 15 ދުވަހަށް، މުޙައްމަދު ނާއިޝް ނަބީލް 7 ދުވަހަށް، އަދި ޙަސަން ވިއާމް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، ކުރިން ހައްޔަރުކޮށްފައިވާ މުޙައްމަދު ޢަލީގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ އިތުރު 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާގޮތުގައި، މި މައްސަލައަކީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އޮޅުވާލައިގެން ކުންފުނީގެ އެކައުންޓުން ފައިސާ ފޭރުނު މައްސަލައެކެވެ. މި ސައިބަރ ކްރައިމް މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

