ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށްދާއިރު، ރޭ ފެނިގެންދިޔައީ މުޅި ފުޓްބޯޅަ ދުނިޔެ ސިއްސުވާލި ނަތީޖާއެކެވެ. ޕޯޗުގަލްގެ ބެންފީކާއިން ވަނީ ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށް، އެ ޓީމު މުބާރާތުގެ ގަދަ އަށަކުން ބޭރުކޮށްލުމަށްފަހު ޕްލޭއޯފުން ޖާގަ ހޯދާފައެވެ.
މި މެޗަށް ނުކުތްއިރު ބެންފީކާއަށް އޮތް މަޖުބޫރުލީ ހާލަތަކީ، ޕްލޭއޯފުން ޖާގައެއް ކަށަވަރުކުރުމަށްޓަކައި މަދުވެގެން ދެ ލަނޑުގެ ތަފާތުން މޮޅުވުމެވެ. މެޗު ފަށައިގެން ފުރަތަމަ ގޯލު ޖަހައި ބެންފީކާއިން އުންމީދު އާކުރި ނަމަވެސް، ރެއާލްގެ ތަރި ކީލިއަން އެމްބާޕޭ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އެއަށްފަހު ބެންފީކާއިން ކުޅުން ވަރުގަދަކޮށް 3-1 އަށް ނަތީޖާ ބަދަލުކުރިއެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު އެމްބާޕޭ އިތުރު ލަނޑެއް ޖަހައި ނަތީޖާ 3-2 އަށް ބަދަލުކުރުމުން، ބެންފީކާއަށް މުބާރާތުން ކެޓުމުގެ ބިރު ހީވިއެވެ.

މެޗުގެ އެންމެ ހައިރާންކުރުވަނިވި ވަގުތުކޮޅަކީ، މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ބެންފީކާގެ ކީޕަރު އެނަޓޮލީ ޓާބިން، މެޗުގެ އެންމެ ފަހު ވަގުތު ލިބުނު ހިލޭޖެހުމަކަށް ކުރިއަށް އަރައި ޖެހި ގޯލެވެ. މި ގޯލާއެކު 4-2 އިން ބެންފީކާ މޮޅުވެ، ރެއާލް މެޑްރިޑް ވަނީ މުބާރާތުގެ ގަދަ އަށަކުން ބޭރުވެފައެވެ.
މެޗަށްފަހު އުފަލުން ހުރި ކީޕަރު ޓާބިން ބުނީ، އެ ގޯލަށްފަހު އެންމެން އޭނާ ވަށާލައިގެން އުޅުނުއިރު ވީގޮތްވެސް ނޭނގޭ ކަމަށެވެ.
"މާފަހުން އަހަރެންނަށް އެނގުނީ އަހަރެން ޖެހި ގޯލުން އަހަރުމެންނަށް ޕްލޭއޯފުން ޖާގަ ލިބުނުކަން. މިއީ ތާރީހީ ގޯލެއް، ގިނަ ދުވަހު ހަނދާން ހުންނާނެ ގޯލެއް. މި ގޯލާއެކު މުޅި ސްޓޭޑިއަމް ހިމޭންވި. މިއީ އަހަރުމެންނަށް ހައްގު މޮޅެއް،" ޓާބިން ބުންޏެވެ.
ބެންފީކާގެ ކޯޗު މޮރީނިއޯ، އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ހޯދި މި ކާމިޔާބީއާ ގުޅޭގޮތުން ބުނީ، ކީޕަރަކު ކުރިއަރައި ގޯލު ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
"އަހަރުމެންނަށް އެނގޭ އޭނާ އަށް އެކަން ވެދާނެކަން. އެހެންވެ ކުރިއަރަން ބުނީ. ރެއާލް މެޑްރިޑް ބަލި ކުރުމަކީ އަބަދުވެސް ބަރުދަން ހުންނާނެ ކަމެއް. މުހިންމީ އަހަރުމެންނަށް ގަދަ 24 އިން ފުރުސަތު ލިބުން. މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް،"
މޮރީނިއޯ ފާހަގަކުރިއެވެ.
ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ރެއާލް މެޑްރިޑްގެ ކޯޗު އަލްވާރޯ އާބެލޯއާ ބުނީ، ކީޕަރަކު ކުރިއަރައި ރެއާލް ކޮޅަށް ގޯލު ޖެހުމަކީ އަލަށްވީ ކަމެއް ނޫން ނަމަވެސް، މި ބަލިވުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށެވެ. ޓީމުގެ ތަރި އެމްބާޕޭ ބުނިގޮތުގައި، މިއީ ރޭވުންތެރިކަން ނެތިގެން ވީ ބައްޔެއް ނޫން ކަމަށާއި، މިއީ މަސައްކަތުގެ ރޭޓް ދަށްވުމުގެ ނަތީޖާއެވެ.
މި ނަތީޖާއާއެކު، މެޗު ފެށިއިރު ގަދަ އަށެއްގައި އޮތް ރެއާލް މެޑްރިޑަށް ޖެހުނީ 9 ވަނައިގައި އޮވެ ގްރޫޕް ސްޓޭޖް ނިންމާލާށެވެ. އަދި މުބާރާތުން ކަޓާ ހިސާބުގައި އޮތް ބެންފީކާ ވަނީ ގަދަ 24 ގެ ފަހު ޖާގަ ކަށަވަރުކޮށް، ޕްލޭއޯފަށް ދަތުރުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

