ކޯލް ޕާމަރ އަކީ ޗެލްސީން "ދޫކޮށްނުލެވޭނެ" މުހިންމު ކުޅުންތެރިއެއް ކަމަށް އެ ކްލަބުން ބުނެފިއެވެ.
ކޯލް ޕާމަރ ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2033 ވަނަ އަހަރާ ހަމައަށް އޮތްއިރު، އޭނާއަކީ ކްލަބުގެ މުސްތަޤުބަލަށްޓަކައި އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ އެކުލަބުން ވަނީ ހާމަކޮށްފައެވެ.
ފަހަކަށް އައިސް މީޑިއާގައި ފެތުރިފައިވާ ޚަބަރުތައް ބުނާގޮތުން، އިނގިރޭސި މި ކުޅުންތެރިޔާ ލަންޑަނުގައި ހުންނަން ބޭނުންނުވާ ކަމަށާއި، އޭނާ އުފަން ސަރަޙައްދު ކަމަށްވާ އުތުރު ހުޅަނގަށް އެނބުރި ދިއުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން ޝައުޤުވެރިވާ ކަމަށް އަޑުފެތުރިފައެވެ. ނަމަވެސް، ޗެލްސީންނާއި އެ ޓީމުގެ ހެޑް ކޯޗު ލިއަމް ރޮސެނިއޯ ޤަބޫލުކުރާ ގޮތުގައި ޕާމަރ ހުރީ ސްޓެމްފޯޑް ބްރިޖްގައި ވަރަށް ހިތްހަމަޖެހިގެންނެވެ.
ޕާމަރ އަކީ ކްލަބުގައި އުފަލުން ހުރި، "އަތްނުލެވޭނެ" ފަދަ މުހިންމު ކުޅުންތެރިއެއްތޯ ސުވާލުކުރުމުން ކޯޗު ރޮސެނިއޯ ބުނީ، "އާނއެކޭ، އޭނާއަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އެއީ ވަރަށް ސާފު ކަމެއް" ކަމަށެވެ.
ސްކައި ސްޕޯޓްސްގެ ޗީފް ކޮރެސްޕޮންޑެންޓް ކަވޭ ސޮލްހެކޯލް މިކަމާ ގުޅޭގޮތުން އިތުރަށް ތަފްޞީލު ދެމުން ބުނީ، ކޯލް ޕާމަރ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

ކޯޗު ރޮސެނިއޯ އިތުރަށް ބުނީ، "ކޯލް އަކީ މޮއިސެސް ކައިސޭޑޯ ފަދައިން މި ޓީމުގައި ތިބި ވަރަށް ހުނަރުވެރި، މުހިންމު ކުޅުންތެރިއެއް. އާ ކޯޗަކު އައުމާއެކު، ޓީމުގެ ހަމަޖެހުން ނަގާލުމަށް މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ އަހަރެން ހައިރާންވާ ކަމެއް ނޫން. ކޯލް ހުރީ މިތަނުގައި ވަރަށް އުފަލުން. އޭނާ އަލުން ދަނޑުމަތިން ފެންނާނެ ވަގުތަކަށް އަހަރެން މިހުރީ ކެތްމަދުވެފައި،" ކަމަށެވެ.
މީގެއިތުރުން، ކްލަބުގެ ޑައިރެކްޓަރުންގެ ފަރާތުން މިކަމުގައި ޔަޤީންކަމެއް ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ޚިޔާލީ ވާހަކަތަކެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. "ކޯލް ހުރީ ވަރަށް ހިތްހަމަޖެހިގެން. ޓީމު ވަރުގަދަކުރުމަށާއި އޭނާގެ ކުޅުން ކުރިއެރުވުމަށް އަހަރެމެން ގިނަ މަޝްވަރާތަކެއް ކުރަން. އޭނާ ބޭނުންވަނީ ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން. އަޑުތައް ފެތުރުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން، އެކަމަކު ބައެއް ވާހަކަތަކަކީ ޙަޤީޤަތާ އެހާ ދުރު ވާހަކަތަކަކަށް ވާތީ އެކަމާ ބަހުސްކުރުމުގެ ބޭނުމެއް ނެތް،" ރޮސެނިއޯ ބުންޏެވެ.
މި ސީޒަނުގައި ޕާމަރ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. އޭގެ ތެރޭގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް، ޗެމްޕިއަންސް ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޭނާ މިހާރު ވަނީ އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
ޢުމުރުން 23 އަހަރުގެ ޕާމަރ، މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 4 ލަނޑު ޖަހާފައިވާއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ 46 މެޗުން 15 ލަނޑު ޖަހައި 11 އެސިސްޓް ހަދާފައެވެ.
2023 ވަނަ އަހަރު 40 މިލިއަން ޕައުންޑުގެ އަގަކަށް މެންޗެސްޓަރ ސިޓީން ޗެލްސީއާ ގުޅުނު ފަހުން، އޭނާ ވަނީ އެ ކްލަބަށް ކުޅެދިން ލީގު 81 މެޗުގައި 41 ލަނޑު ޖަހައި 20 އެސިސްޓް ހަދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

