ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން ފަށާފައިވާ އަދި ފަށަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް އެއްވެސް ހުރަހެއްނެތި ބާރުސްޕީޑުގައި ކުރިއަށް ގެންދެވޭނީ، ސަރުކާރަށް ފުރިހަމަ އެއްބާރުލުންދޭނެ ކައުންސިލަރުންތަކެއް އިންތިހާބުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ބުރަކި ޖައްސައި، ސިޔާސީ ބޭނުމަށްޓަކައި އެ މަޝްރޫއުތަކަށް ހުރަސްއަޅާ ކައުންސިލަރުން ހޮވުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. އިދިކޮޅު ވިސްނުމުގެ ކައުންސިލްތައް އުފެދިއްޖެ ނަމަ، ތަރައްގީގެ މިސްރާބަށް ހުރަސް އެޅި، ރަށްރަށުގެ ކުރިއެރުން އެތައް ތަނެއް ފަހަތަށް ސޮއްސައިގެންދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ބައެއް ރަށްރަށުގައި ސޮއިކޮށްފައިވާ މަޝްރޫއުތައް ނުފެށި ލަސްވަމުންދަނީ ކައުންސިލްތަކުން ބިން ހަވާލުކުރަން ދެކޮޅު ހަދާތީއެވެ. "ކޮން ބަޔަކަށްތޯ ގެއްލުން މިވަނީ؟ އެ ރަށުގެ ރައްޔިތުންނަށް. އެކަން ރިޕީޓްވާކަން އަޅުގަނޑުމެން ބޭނުމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާއެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކައުންސިލަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. އެހެންކަމުން، ކައުންސިލަރުންގެ އަސްލު ޒިންމާއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިވެދީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ސިޓީގެ ބޯހިޔާވަހިކަމާއި، މަގުތައް ހެދުމާއި، ޕާކުތައް ތަރައްގީކުރުން ފަދަ ބިޔަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މޭޔަރަކާއި ކައުންސިލަރުން ތިބެގެން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ ތަރައްގީއަށްޓަކައި ވެސް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ޚާއްޞަކޮށް އައްޑޫ ސިޓީގެ ފަތުރުވެރިކަމާއި، ކަރަންޓުގެ މައްސަލައާއި، ބޯހިޔާވަހިކަން ފަދަ، ކުރީގެ ސަރުކާރުތަކުން ހައްލުކޮށްނުދެވި ހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް "ހިތާއި ރޫހުން" އެއްބާރުލުންދޭނެ މަންދޫބުން ހޮވުމަކީ އައްޑޫގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ތަރައްގީ ބާރު މިސްރާބެއްގައި ކުރިއަށް ގެންދިއުމަށް ކަމަށާއި، އެކަމަށް އޮތް އެންމެ ކުރު މަގަކީ އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް އިތުބާރު ކުރުން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

