ސައުދީ އަރަބިއްޔާގައި ކުޅުނު ސްޕެނިޝް ސުޕަރ ކަޕްގެ ސެމީ ފައިނަލުގައި އެތުލެޓިކް ކްލަބްގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރޭ ބާސެލޯނާއާއ އެތުލެޓިކް ކްލަބް ބައްދަލުކޮށް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ 16 މިނެޓު ތެރޭގައި ބާސެލޯނާއިން ހަތަރު ލަނޑު ކާމިޔާބުކޮށް، މެޗުގެ ކޮންޓްރޯލް މުޅިން ހޯދިއެވެ. މިއީ ސްޕެނިޝް ސުޕަރ ކަޕްގެ ތާރީޚުގައި ވެސް، ސެމީ ފައިނަލެއްގެ ފުރަތަމަ ހާފުގައި ޓީމަކުން ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ބާސެލޯނާއަށް ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒެވެ. އޭގެ ފަހުން ލޮޕޭޒް މެޗްގެ 30 ވަނަ މިނިޓްގައި ގޯލުގެ މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާއަކުން ބާސެލޯނާގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ބާސެލޯނާގެ 3 ވަނަ ލަނޑަކީ މެޗްގެ 34 ވަނަ މިނިޓްގައި ރޫނީ ބާޑްޖީ ފޮނުވާލި ހަމަލާއެއް އެތުލެޓިކްގެ ގޯލްކީޕަރު ސިމޯންގެ އަތްދަށުން ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ރަފީނިއާ ކާމިޔާބުކުރި ލަނޑާއެކު ބާސެލޯނާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން 4 ލަނޑު 0 ލަނޑުން ބޮޑު ލީޑެއް ނަގާފައެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ބްރެޒިލްގެ ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ. މި ލަނޑު ދިފާއުކުރުމުގައި ކީޕަރު ސިމޯންއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.
ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާއިން މިވަނީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ނުވަވަނަ މޮޅު ހޯދާފައެވެ.
ފައިނަލުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ އެތުލެޓިކޯ މެޑްރިޑް ނުވަތަ 13 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑާއެވެ. މި ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މިރޭ (ރާއްޖެ ގަޑިން މެންދަމު 00:00 ގައި) އެވެ.
ސައުދީ އަރަބިއްޔާ އާއި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި މުބާރާތް އެ ގައުމުގައި ބޭއްވުމަށް ހަދާފައިވާ އެއްބަސްވުން 2029 އާ ހަމައަށް އާކޮށްފައިވާއިރު، މި ފަހަރުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ޖިއްދާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

