ސައުދީ އަރަބިއްޔާގައި ބާއްވާ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރުމަކީ ބާސެލޯނާއަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.
މިގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަން ބާސެލޯނާއިން މި ފަހަރުގެ ތަށި ދިފާއުކުރުމުގެ ދަތުރު މިރޭ ފަށާނީ ސްޕެނިޝްކަޕްގެ ސެމީފައިނަލްގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅޭ މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ ބާރަ ޖަހާއިރުއެވެ.
ނިމިދިޔަ ސީޒަނުގައި ބާސެލޯނާއިން ހޯދި ތިން ތަށީގެ ތެރެއިން ފުރަތަމަ ކާމިޔާބުކުރި ތައްޓަކީވެސް ސުޕަ ކަޕެވެ. އެއީ ކޯޗު ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމުން ހާސިލްކުރި ފުރަތަމަ ތައްޓެވެ. އޭގެ ފަހުން އެ ޓީމުން ވަނީ ލަގީގާ އާއި ކޮޕާ ޑެލް ރޭގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.
"މި މުބާރާތަކީ ޖަރުމަނުގައި އޮންނަ މިފަދަ މުބާރާތްތަކާ ތަފާތު، އެކަމަކު އަހަންނަށް ވަރަށް ކަމުދާ މުބާރާތެއް،"
ކުރިން ބަޔާން މިއުނިކަށް އިރުޝާދުދިން ފްލިކް ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި މިދިޔަ ސީޒަނުގައި މި ތަށި ހޯދުމަކީ ސީޒަނުގެ ބާކީ ބައިގައި މޮޅު ކުޅުމެއް ދެއްކުމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. އަދި މި އަހަރުގެވެސް އަމާޒަކީ ތަށި ހޯދުންކަމަށް އޭނާ ހާމަކުރިއެވެ.
ބާސެލޯނާގެ ޑިފެންސާ މެދު ބައެއް ސުވާލުތައް ހުރި ނަމަވެސް، ލީގުގައި ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެފައިވާ ބާސެލޯނާއަކީ މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމެވެ. އެންމެ ފަހުން އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި އިދިކޮޅު ޓީމުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފަހުކޮޅު ޖެހި ލަނޑުތަކާއި ގޯލްކީޕަރު ޖޮއާން ގާސިއާގެ ހުށިޔާރުކަމާއެކު ބާސެލޯނާ ވަނީ 2-0 އިން މޮޅުވެފައެވެ.
ފްލިކް ގަބޫލުކުރާ ގޮތުގައި މި މުބާރާތް ކާމިޔާބުކުރަން ބޭނުންނަމަ، ޓީމުގެ ފަހަތް މިހާރަށްވުރެ ބަދަހިކުރަން ޖެހެއެވެ.
"އެސްޕަނިޔޯލް މެޗުގައި ހެދި ގޯސްތައް ތަކުރާރުވެއްޖެނަމަ މިއީ ފަސޭހަ މެޗަކަށް ނުވާނެ. އެހެންކަމުން ޑިފެންސްގައި އެކަކު އަނެކަކަށް އެހީތެރިވެ، ބަދަހި ޓީމެއްގެ ގޮތުގައި ކުޅެންޖެހޭ،"
ފްލިކް ބުންޏެވެ.
މި މެޗުގައި ބާސެލޯނާގެ މުހިންމު ޑިފެންޑަރު ރޮނާލްޑް އަރައުހޯ ފެނުމުގެ ފުރުސަތު އެބައޮތެވެ. ނޮވެމްބަރު މަހު ޗެމްޕިއަންސް ލީގުގައި ދެއްކި ރަތް ކާޑަށްފަހު، ނަފްސާނީ ގޮތުން އަރާމުކުރުމަށް މަސް ދުވަހުގެ ޗުއްޓީއެއްގައި ހުރި އަރައުހޯ މިމެޗުގައި ބައިވެރިކުރުމާ މެދު ގޮތެއް ނިންމާނީ އޭނާއާ މަޝްވަރާކުރުމަށްފަހު ކަމަށް ފްލިކް ބުންޏެވެ.
މީގެ އިތުރުން، ސައުދީގެ އަލް-ހިލާލަށް ކުޅެމުންދާ ޔާއޯ ކަންސެލޯ އަލުން ބާސެލޯނާއާ ގުޅުމުގެ މަޝްވަރާތައް ކުރިއަށްދާކަންވެސް ފްލިކް ވަނީ ކަށަވަރުކޮށްދީފައެވެ.
އެތުލެޓިކް ބިލްބާއޯއަކީ 2021 ވަނަ އަހަރު ބާސެލޯނާ ބަލިކޮށް މި ތަށި ހޯދި ޓީމެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ.
ބުރާސްފަތި ދުވަހު އޮންނަ ދެވަނަ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

